ގަލް ގެޑޯ: އޭނާ އަންނަނީ ފިލްމެއް ޕްރޮޑިއުސް ކުރަން ތައްޔާރުވަމުން.
25 މެއި 2018 - 09:52
މިދިޔަ އަހަރު ރިލީޒް ކުރި "ވޮންޑަން ވުމަން" ގައި ޓައިޓްލް ރޯލް ކުޅެގެން އެތައް ބައެއްގެ ސަމާލުކަން ހޯދި ބަތަލާ ގަލް ގެޑޯ ފިލްމެއް ޕްރޮޑިއުސް ކުރަން ނިންމައިފި އެވެ.
އޭނާގެ އަލަތު ފިލްމަކީ ވޯނާ ބްރަދާޒް އާއި ސުއީ ކްރޯލްގެ ކްރޯލް އެންޑް ކޯއާ ގުޅިގެން ހަދާ، ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯއާ ސިއްރު ގާތް ގުޅުމެއް ބޭއްވި އޭބީސީގެ ކުރީގެ ނޫސްވެރިޔާ ލީޒާ ހަވަޑްގެ ވާހަކަ ކިޔަދައިދޭ ފިލްމެކެވެ. އޭނާ އޯވަޑޯޒްވެގެން މަރުވީ 1965 ގަ އެވެ.
މި ވާހަކަ ބިނާ ކުރަނީ ޕޮލިޓިކޯ އިން ޕީޓާ ކޯންބްލާ ގެނެސް ދިން "މައި ޑިއަރެސްޓް ފިޑެލް: އޭން އޭބީސީ ޖާނަލިސްޓްސް ސީކްރެޓް ލިއޭޒޯން ވިތު ފިޑެލް ކާސްޓްރޯ" އަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް ޕްރޮޑިއުސް ކުރުމުގެ އިތުރަށް މީގައި ލީޒާގެ ރޯލް ގަލް ކުޅޭނެ އެވެ.
"މައި ޑިއަރެސްޓް ފިޑެލް: އޭން އޭބީސީ ޖާނަލިސްޓްސް ސީކްރެޓް ލަޔާޝަން ވިތު ފިޑެލް ކާސްޓްރޯ" ބޮޑު ސްކްރީނަށް ގެންނަ އިރު، މީގެ ސްކްރީންޕްލޭ ލިޔަން ހަވާލުކޮށްފައި ވަނީ "ނާކޯސް" ގެ އެއް މޭސްތިރިޔާ ކްރިސް ބްރެންކާޓޯ އެވެ.
ކާސްޓްރޯ އަދި ލީޒާ: ދެ މީހުންގެ ދޭތެރޭގައި ސިއްރު ގުޅުމެއް އޮތް.
ފިލްމާ ބެހޭ ގޮތުން ގަލް ބުނީ ޕީޓާގެ އާޓިކަލް ކިޔައިލި އިރު، އެއީ ވަރަށް އަސަރުން ފުރިގެންވާ "އިންޓެންސް ޑްރާމާއެއް" ގެ ގޮތުގައި ސިފަ ކުރެވުނު ކަމަށެވެ.
"އެހެންވެ މިއަަށް ފިލްމެއް ހަދަން ފުރަތަމަ ވެސް ހިޔާލަށް އައީ. މިއީ ބެލުންތެރިން ވަރަށް ގަޔާވާނެ ކަހަލަ ވާހަކައަކަށް ވާނެ،" އޭނާ ބުންޏެވެ.
ނަމަވެސް ފިލްމް ޑައިރެކްޓް ކުރާނެ މީހަކާއި ސިނަމާތަކަށް ގެންނާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އިޒްރޭލަށް އުފަން ގަލް، 33، ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ "ވޮންޑަ ވުމަން 2" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy