އަރްމާން: އޭނާ ލޯބިވެރިޔާ އަށް އަނިޔާ ކުރި މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައި.
06 ޖޫން 2018 - 08:08
ބައެއް ހިންދީ ފިލްމްތައް ކުޅެފައިވާ އަދި ރިއަލިޓީ ޝޯ "ބިގް ބޮސް" ގައި ވެސް ވާދަކުރި އެކްޓަރު އަރްމާން ކޯލީ އޭނާގެ ލޯބިވެރިޔާ ނީރޫ ރަންދަވާ އަށް އަނިޔާކޮށް، ޒަހަމްކޮށްލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި ނީރޫގެ ނިތްކުރިމަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސް، އޮޕަރޭޝަނެއް ވެސް ވަނީ ކުރަން ޖެހިފަ އެވެ.
ހޮސްޕިޓަލްގައި އޮވެ ބޮމްބޭ ޓައިމްސް އަށް ކިޔައި ދެމުން ނީރޫ ބުނީ އަރްމާން އޭނާ އަށް އަނިޔާ ކުރީ ގޯއާގައި އަރްމާން ހިންގާ ގެސްޓް ހައުސްއެއްގެ ފައިސާ އޭނާ އަށް ޓްރާންސްފާކޮށްދިނުން ލަސްވެގެން ކަމަށެވެ.
"އަހަރެން އެތަން މެނޭޖް ކުރަނީ. އަރްމާން ފައިސާއާ ބެހޭ ގޮތުން ސުވާލު ކުރީމަ އަހަރެން ބުނިން މުވައްޒަފުންނަށް ގުޅާލައިގެން ފައިސާ ވީހާ ވެސް އަވަހަކަށް ޓްރާންސްފާކޮށް ދޭން ބުނާނެ ކަމަށް،" ނީރޫ ބުންޏެވެ. "އެކަމަކު ކުއްލިއަކަށް އަރްމާން ރުޅިގަދެވެގެން އަހަރެންގެ އިސްތަށިގަނޑުގައި ހިފައި ބިން މައްޗަށް ވައްޓާލައި ބޯ ބިންމަތީގައި ތެޅީ. މި އަނިޔާގެ ސަބަބުން އަހަރެން ސާޖަރީއެއް ވެސް ހަދަން ޖެހޭ."
ނީރޫ ހޮސްޕިޓަލްގައި އަދި އަރްމާން.
ނީރޫ ބުނި ގޮތުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އަރްމާން އޭނާ އަށް ޖިސްމާނީ ގޮތުން އަނިޔާކޮށް ހަދަ އެވެ.
އެކަމަކު ކެތްކޮށްގެން މިހާތަނަށް ވެސް ހުރީ އާއިލާ މީހުންނާއި ރައްޓެހިންގެ އަޑު ވެސް ނާހައި އަރްމާންއާ އެކު އެއް ގޭގައި ދިރިއުޅޭތީ ކަމަށް ބުންޏެވެ.
ނީރޫ ބުނި ގޮތުގައި އަރްމާންގެ ރުޅި ގަދަކަމުން އޭނާއާ އެކު އުޅެން ވަރަށް އުނދަގުލެވެ. އެހެންވެ ލޯބިވިޔަސް ކެތްކުރެވޭނީ ވަކި ވަރަކަށް ކަމަށް ބުނެ އޭނާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑުބާއީ އަށް ވެސް ބަދަލުވި އެވެ.
އެކަމަކު ތިން މަހެއްހާ ދުވަސް ފަހުން އަލުން އެނބުރި ދާން އެދި އަރްމާން ދުބާއީ އަށް ގޮސް އާދޭސް ކުރުމުން އަލުން މުމްބާއީ ބަދަލުވީ ކަމަށް ނީރޫ ބުންޏެވެ.
ނީރޫ އާއި އަރްމާން: ދެ މީހުން ރައްޓެހިވީ 2015 ގައި.
"އަހަރެން ގަބޫލު ކުރަން ވަރަށް ބޮޑު ގޯހެއްކަން މިހާރު މި ހެދުނީ. ރައްޓެހިންނާއި އާއިލާ މީހުންނާ ވެސް ދެކޮޅަށް އަހަރެން އަރްމާންއާ އެކު އުޅުނީ،" އޭނާ ބުންޏެވެ. "އެކަމަކު ދެން ބޭނުމެއް ނޫން އެނބުރި އޭނާ ކައިރި އަށް ދާކަށް. އާދީއްތަ ދުވަހުން ފެށިގެން އަންނާށޭ ކިޔާފައި މެސެޖް ވެސް އެބަ ކުރޭ. އަދި އަހަންނާ ކައިވެނި ކުރާނެ ކަމަށް ވެސް އެބަ ބުނޭ. ދެން ބޭމުނެއް ނޫން އެކަހަލަ މީހަކާ އެކު އުޅޭކަށް."
އަރްމާނާ އެކު ބިގް ބޮސް 7 ގައި 2013 ގައި ވާދަކުރި ބަތަލާ ތަނީޝާ ކުމަރްޖީއާ ވެސް އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. ތަނީޝާއަކީ ބަތަލާ ކާޖޮލްގެ ކޮއްކޮ އެވެ.
އަރްމާން އެންމެ ފަހުން ކުޅުނު ފިލްމަކީ 2015 ގައި ސަލްމާން ހާނާއި ސޯނަމް ކަޕޫރް ލީޑް ރޯލް ކުޅުނު ސޫރަޖް ބަރްޖަތިއާގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝީކަޕޫރު
06 June 2018
24/7 ސީީސީޓީވީ ކެމެރާހުރި ބިގްބޮސްގައި ކާޖަލްގެ ކޮއްކޮއަށް އެހާވަރު އަރުވާލި މީހަކު މަޑުންހުންނާނެތަ ޕްރައިވެޓް އަމިއްލަ ކޮޓަރީގަ.