ޕްރޮޖެކްޓް ޖަމްޕް: ފިލްމީ ދާއިރާ އަށް މީހުން ބިނާ ކުރުމުގެ އާ ފެށުމެއް

ފިލްމީ ދާއިރާ އަށް މީހުން ބިނާ ކުރުމުގެ މަޝްރޫއެއް "ޕްރޮޖެކްޓް "ޖަމްޕް" ގެ ނަމުގައި ޑާކް ރެއިން އެންޓަޓައިންމަންޓުން ފަށަން ތައްޔާރުވެއްޖެ އެވެ.


މި ޕްރޮޖްކެޓްގެ ދަށުން ވަކިން ހާއްސަކޮށް، ކެމެރާގެ ފުރަގަހުގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ މީހުންނަށް ތަމްރީނު ދީ، ފުރުސަތުތައް ފަހިކޮށްދޭން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ކެމެރާމަނުންނާއި އެޑިޓަރުންނާއި ޑައިރެކްޓަރުންނާއި ސްކްރީން ރައިޓިން ފަދަ ދާއިރާތައް ހިމެނެ އެވެ.

ރާއްޖޭގައި މިހާރު އެންމެ ކާމިޔާބު އަދި އެންމެ ހަރަކާތްތެރި ސްޓޫޑިއޯގެ ވެރިޔާ މުހައްމަދު (މޮގާ) އަލީ ބުނި ގޮތުގައި "ޕްރޮޖްކެޓް ޖަމްޕް" ގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް، ޝައުގުވެރިކަން ފާޅު ކުރެވޭނެ އެވެ.

މި ޕްރޮޖެކްޓް މިހާރު ވަނީ ޑާކް ރެއިންގެ ފޭސްބުކާއި ޓްވިޓާގައި ވެސް އިއުލާންކޮށްފަ އެވެ. މޮގާ ބުނީ ރަސްމީކޮށް މަސައްކަތް ފަށައި ގަންނާނީ މިކަމަށް ބޭނުންވާ ފަންޑްގެ ކަންކަން ހަމަޖެހުމުން ކަމަށެވެ.

ޕްރޮޖެކްޓް ޖަމްޕަކީ ކެމެރާގެ ފުރަގަހަށް މީހުން ބިނާ ކުރާ ޕްރޮޖެކްޓެއް.

"އެ މަސައްކަތް އެބަދޭ ކުރިއަށް. މި ޕްރޮޖެކްޓްގެ ދަށުން މުޅިން އާ ބަޔަކަށް ޓްރޭނިންތަކެއް ދީ، ފިލްމީ ދާއިރާ އަށް އާ ބަޔަކު ނެރެން އަހަރެމެން ބޭނުން ވަނީ. އެގޮތުން ފިލްމް މޭކިންގެ ތިއަރީ ބައިތަކާ އެކު ޕްރެކްޓިކަލްތައް ބައިތައް ކުރިއަށް ގެންދެވޭނެ،" މޮގާ ބުންޏެވެ.

އޭނާ ބުނި ގޮތުގައިި ބޭނުން ވަނީ ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް ފުރުސަތުތަކެއް ފަހިކޮށްދީ، ދީ މުސްތަގުބަލުގައި މި ދާއިރާގައި މަސައްކަތް ކުރާނެ ބަޔަކު އުފެއްދުމެވެ.

"ފިލްމް މޭކިން ކިޔެވޭނެ އިންސްޓިޓިއުޝަނެއް ރާއްޖެއަކު ނެތް. އެހެންވެ އަހަރެމެންގެ އެކްސްޕީރިއަންސާއި ދަސްވެފައި ހުރި ނޮލެޖެއް އެހެން ބަޔަކަށް ކިޔައި ދީގެން މި ދާއިރާ ކުރިއަރުވަން މަސައްކަތެއްކޮށް ދިނުން ޕްރޮޖެކްޓް ޖަމްޕްގެ އެންމެ ބޮޑު މަގުސަދަކީ،" މި އަހަރު 12 އަހަރު ފުރޭ ޑާކް ރެއިނާ ބެހޭ ގޮތުން މޮގާ ބުންޏެވެ. "މިކަހަލަ ކަމެއް ރާއްޖޭގައި އެހެން ބަޔަކު ވެސް ކުރަމުން ނުދާތީ މުހިއްމު ކަމެއް ކަމަށް ފެނިގެން މިކަން މި ފަށައި ގަންނަނީ."

މޮގާ ފިލްމީ އިވެންޓެއްގައި: ފިލްމީ ދާއިރާ އަށް އާ މީހުން ނެރުމުގެ ޝައުގު ބޮޑު.

އޭނާ ބުނި ގޮތުގައި ޑާކް ރެއިނުން މިހާރު ވެސް ފިލްމްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން ދިއުމުގެ އިތުރަށް އިއުލާންކޮށްފައި ހުރި ޕްރޮޖެކްޓްތަކެއް ވެސް ހުރުމާ އެކު، ޕްރޮޖެކްޓް ޖަމްޕަށް ކުރިމަތިލާ މީހުންނަށް އެ ފިލްމްތަކުގެ މަސައްކަތްތައް ތަޖުރިބާކޮށްލަން ލިބޭނެ އެވެ.

"މިސާލަކަށް ޑައިރެކްޝަނަށް ޝައުގުވެރިވާ ކުއްޖެއް ނަމަ، އަހަރެމެންގެ އޮންގޮއިން ޕްރޮޖެކްޓެއްގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްލަން ލިބޭނެ. ވާހަކަ ލިޔަން ޝައުގުވެރިވާ އަދި ވާހަކަ ސްކްރީންޕްލޭއަކަށް ބަދަލުކޮށްލަން ޝައުގުވެރިވާ ކުދިންނަށް އެކަން ކުރާނެ ގޮތް ވެސް މީގެ ތެރެއިން ދަސްވެގެން ދާނެ،" މޮގާ ބުންޏެވެ. "ރާއްޖޭގައި އެބަތިބި ވަރަށް ޓެލެންޓެޑް ކުދިން. ބޭނުން ވަނީ އެ މީހުންގެ ޓެލެންޓް ދައްކާލަން ފުރުސަތު ހުޅުވާލަދީ، ކުރިއަށް ދާނެ ދޮރުތަކެއް ހުޅުވައި ދިނުން. އަދި ހަމައެއާ އެކު އާ ބަޔަކާ އެކު އަހަރެމެން ވެސް ބޭނުންވޭ މަސައްކަތްތައް ކުރަން. ގަބޫލު ކުރެވޭ މީގެ ސަބަބުން ކޮމާޝަލީ ސަކްސެސްފުލް ބަޔަކު މި ފީލްޑަށް ނެރެވޭނެ ކަމަށް."

ޑާކް ރެއިންގެ ކާސްޓިން ކޯލް.

ޑާކް ރެއިނަކީ މިހާރު ވެސް އާ އެކްޓަރުންނާއި ޓެނިކަލް ދާއިރާތަކުގެ މީހުން ބިނާކޮށް ފުރުސަތު ދީފައިވާވާ ސްޓޫޑިއޯއެކެވެ.

އަދި މިއީ ފިލްމް ބަލާ އޯޑިއަންސް މިހާރު އެންމެ ގަޔާވާ އަދި އެންމެ އިތުބާރު ކުރާ އެއް ސްޓޫޑިއޯ އަށް ވާތީ، ޑާކް ރެއިނުން މި ހުޅުވާލި ފުރުސަތަކީ ހުނަރު ދައްކާލައި، އާ ހަރުފަތަކަށް "ޖަމްޕެއް ޖަހާލަން" ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

މި އަހަރު "ވަކިން ލޯބިން" ގެނެސް ދިން ޑާކް ރެއިނުން ދެން އެންމެ އަވަހަށް ރިލީޒް ކުރާނީ ޑިސެމްބަރުގައި ގެނެސްދޭ "ގޮށްރާޅު" އެވެ. ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "މާމުއި" އާއި "ނޮވެމްބަރު" ހިމެނެ އެވެ.

އެ ސްޓޫޑިއޯ އިން މިހާރު ވަނީ އާ އެކްޓަރުންތަކެއް ހޯދަން ކާސްޓިން ކޯލަކަށް ވެސް ހުޅުވާލައިފަ އެވެ.