އަރްޖުން ކަޕޫރް: އޭނާގެ 33 ވަނަ އުފަން ދުވަސް ފާހަގަ ކުރީ ބުދަ ދުވަހު.
30 ޖޫން 2018 - 07:13
އެކްޓަރު އަރްޖުން ކަޕޫރު ބުދަ ދުވަހު 33 ވަނަ އުފަން ދުވަސް ފާހަގަ ކުރި އިރު، "އިންޒާރު" ގެ ހަދިޔާއެއް ވެސް ލިބުނެވެ.
މާމަ ނިރްމާލް ކަޕޫރް ލޯތްބާ އެކު ފޮނުވި ހަދިޔާގެ ސިޓީގެ ބޭރުގައި ލިޔެފައި ވަނީ "އަވަހަށް ކައިވެނި ކުރާށޭ" އެވެ. އެ ހަދިޔާ އަރްޖުން އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ބުނީ އެއީ މާމަގެ ފަރާތުން ލިބުނު އިންޒާރެއް އަދި އަމުރެއް ކަމަށެވެ.
އަރްޖުންގެ ކައިވެނީގެ ވާހަކަ މާމަ ދެއްކި ނަމަވެސް، އަރްޖުން އެކަމަކާ ދޭތެރޭ އެހާ ސީރިއަސްކޮށެއް ނުވިސްނަ އެވެ. އަދި މި ވަގުތު އޭނާ އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަކަށް އަޑު އަރާފައެއް ވެސް ނެތެވެ.
އެކަމަކު އަރްބާޒް ހާންގެ ކުރީގެ އަންހެނުން މަލައިކާ އަރޯރާ އާއި އަރްޖުންއާ ދެމެދު ވަަރަށް ހާއްސަ ގުޅުމެއް އޮންނަ ކަމަށްވެ އެވެ. މަލައިކާ އަކީ މިހާރު ފުރާވަރަށް އަރާފައި ހުރި ފިރިހެން ދަރިއެއްގެ މަންމައެކެވެ. އަދި އޭނާއަކީ އަރްޖުން އަށް ވުރެ 11 އަހަރު ދޮށި މީހެކެވެ.
މާމަ އަރްޖުން އަށް ފޮނުވި ހަދިޔާ.
ރިޕޯޓްތައް ބުނާ ގޮތުން އަރްޖުން އާއި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަދި ބަތަލާ އާތިޔާ ޝެޓީއާ ދެމެދު ވެސް ގޮތް ނޭނގޭ ގުޅުމެއް އޮވެ އެވެ. ދެ ތަރިން ވަނީ އެކުގައި "މުބާރަކަން" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
ފިލްމް ކުޅެން ފެށުމުގެ ކުރިން އަރްޖުން ވަނީ ސަލްމާން ހާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ހާންއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އެކަމަކު އޭނާއަކީ ވެސް މިހާރު މީހަކާ އިނދެގެން ދެ އަހަރުގެ ދަރިއެއް ހުރި މީހެކެވެ.
އަރްޕިތާގެ ފިރިމީހާ އާޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފުވާ ފިިލްމް "ލަވްރާތުރީ" އޮކްޓޯބަރު 5 ގައި ސިނަމާތަކަށް އަންނާނެ އެވެ.
އަރްޖުންގެ އާއިލާގެ ތެރޭގައި އެންމެ ފަހުން ބޭއްވުނީ ދެބޭންގެ ދެދަރި ބަތަލާ ސޯނަމް ކަޕޫރްގެ ކައިވެންޏެވެ.
ކައިވެންޏާ ބެހޭ ގޮތުން އަރްޖުން އަދި އެއްވެސް ވާހަކައެއް ދައްކާފައި ނުވާ އިރު، ފިލްމީ މަސައްކަތުގައި އޭނާ ވަރަށް ބިޒީ އެވެ. ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ނަމަސްތޭ އިންގްލެންޑް"، "ސަންދީޕް އޯރް ޕިންކީ ފަރާރް"، "ޕަނިޕަޓް" އަދި "އިންޑިއާސް މޯސްޓް ވޯންޓެޑް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy