"ގޮށްރާޅު" ގެ ބައެއް ކާސްޓުން: ފިލްމްގެ ޝޫޓިން މިހާރު ވަނީ އެއްކޮށް ނިމިފައި.
04 ޖުލައި 2018 - 07:03
ޑިސެމްބަރު ގައި ރިލީޒްކުރަން ނިންމި، ޑާކް ރެއިން އެންޓަޓައިމަންޓްގެ ފިލްމް "ގޮށްރާޅު" ނޮވެމްބަރު މަހަށް އަވަސްކޮށްފި އެވެ.
މިހާރު ފިލްމް ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ 5 ގަ އެވެ. އެންމެ ފުރަތަމަ "ގޮށްރާޅު" އިއުލާން ކުރީ މި އަހަރުގެ އެޕްރީލް 5 ގައި އަޅުވާ ގޮތަށެވެ.
އެކަމަކު އޭގެ އެއް މަސް ކުރިން ޑާކް ރެއިންގެ "ވަކިން ލޯބިން" މާޗް 5 ގައި ގެނެސް ދޭން ނިންމައި، އެ ފިލްމްގެ ކަންކަމުގައި ޑާކް ރެއިންގެ މުޅި ޓީމް ބިޒީވުމުން ޑިސެމްބަރަށް ފިލްމް ފަސްކޮށްލީ އެވެ.
ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޝޫޓިން ފެށި "ގޮށްރާޅު" ގެ ޝޫޓިން ވެސް މި ހަފުތާގެ ކުރީކޮޅު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން ބާރަށް ކުރިއަށްދާ ކަމަށް ބުންޏެވެ.
Its a wrap! Thank you @ahmedshinan @Jumayyil pic.twitter.com/rpxNVHpmYF
— Dark Rain Ent (@DarkRainEnt) July 2, 2018
"ގޮށްރާޅު" ގެ މޯޝަން ޕޯސްޓަރު.
"ގޮށްރާޅު" އަކީ 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމް "4426" ގެ ޑައިރެކްޓް ކުރި އަހުމަދު ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ. މިހާރު "ނިވައިރޯޅި" ހަދަމުން އަންނަ މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމަކީ ކްރައިމް/ސަންސްޕެންސް ތުރިލާއެކެވެ.
ފިލްމްގައި ކިޔައި ދޭނީ އަންހެން ކުއްޖެއްގެ މައްސަލައެއްގައި ގޭންގްތަކެއްގެ މެދުގައި ހިނގާ ކަންތައްގަނޑެކެވެ. "ގޮށްރާޅު" ގެ މޯޝަން ޕޯސްޓަރު މިދިޔަ ފެބްރުއަރީ މަހު ވަނީ ދައްކާލައިފަ އެވެ.
ފިލްމްގެ މުހިއްމު ރޯލްތަކުން ފެންނާނީ އަލަށް ތައާރަފުވާ ހަސަން (ޒަކިއްޓެ) އިރްފާނާއި އައިޝަތު ތަސްނީމާއި ޑާކް ރެއިންގެ ޑާލިން ޖުމައްޔިލް (ޖުމަލް) ނިމާލް އެވެ. މީގެ އިތުރުން ވެސް ފިލްމުން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ.
"ގޮށްރާޅު" ގެ ޝޫޓިން ނިމުނީ މި ހަފުތާގައި.
އިތުރު ކާސްޓުންގެ ތެރޭގައި އައިމިނަތު ރަޝްފާ، އަބްދުﷲ އަޒާން، އަހުމަދު ނާޝިތު، ހަމްދާން ފާރޫގް، މަރިޔަމް ޝަކީލާ އަދި އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު ހިމެނެ އެވެ.
"ގޮށްރާޅު" ވެގެން ދާނީ އަހަރުތަކަކަށް ފަހު ކޮޕީ އިއްސެ ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
ފިލްމާ ބެހޭ ގޮތުން ޝިނާނު "ދޯ" މެގަޒިން އަށް ބުނީ ފިލްމަކީ ވިޔަފާރީގެ ގޮތުން ކާމިޔާބަކަށް ނުވިޔަސް އެވޯޑް ހަފުލާތަކުގައި ވިދައިލާ ވަރުގެ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި ފިލްމް ޕްލޮޕްވެދާނެ ކަމުގެ ބިރެއް ނެތް ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy