"ގޮށްރާޅު" ސިނަމާ އަށް އަންނާނީ ނޮވެމްބަރު މަހުގެ 5 ގައި.
08 އޯގަސްޓް 2018 - 07:38
ޑާކް ރެއިން އެންޓަޓައިންމަޓުން ނޮވެމްބަރު މަހުގެ 5 ގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމް "ގޮށްރާޅު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ޓްރެއިލާ ރަސްމީކޮށް ލޯންޗްކޮށްފައި ވަނީ އިއްޔެ ހަވީރު ޝްވެކް ސިނަމާގަ އެވެ.
ދިވެހި ސިނަމާއިން ތަފާތު ފިލްމެއް ބަލައިލަން ބޭނުން ނަމަ "ގޮށްރާޅު" އަކީ ހަމަ ބަލައިލަން ޖެހޭ ކަހަލަ ފިލްމަކަށް ވާނެ އެވެ. ވަކިން ހާއްސަކޮށް މިއީ ޒުވާނުންގެ ތެރޭގައި ހުރި މައްސަލަތަކާ ދޭތެރޭ ފުންކޮށް ވިސްނައިލަން ލިބޭނެ ފުރުސަތަކަށް ވެސް ވާނެ އެވެ.
"ލޫދިފާ" ފަދަ، މުޖުތަމައުގެ ހަފަރާތުގައި ހުރި މައްސަލަތަކެއް ވަަރަށް ރިއަލިސްޓްކޮށް، ބެލުންތެރިންނަށް ގެނެސް ދިން މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ގޮށްރާޅު" އަކީ ކްރައިމް ތުރިލާއެކެވެ. މިއީ ލޯބީގެ މައްސަލަގަނޑެއްގެ ތެރެއިން، ގޭންގްތަކެއްގެ މެދުގައި ހިނގާ ހައިޖާނެއް ފެނިގެން ދާނެ ފިލްމެކެވެ.
"ގޮށްރާޅު" ގެ ޑައިރެކްޓަރަކީ ދިވެހި ސިނަމާ އިން މިހާރު ފެންނަ އެންމެ އުންމީދީ އެއް ފަންނާނު ކަމަށްވާ އަހުމަދު ޝިނާންގެ ޑައިރެކްޝަނެކެވެ. އޭނާއަކީ މުނިފޫހި ފިލުވުމުގެ ދާއިރާ އިން މި އަހަރު ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ޒުވާނެކެވެ. ސިނާންގެ އަލަތު ޑައިރެކްޝަނަކީ 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ގެނެސް ދިން ބިރުވެރި ފިލްމް "4426" އެވެ.
"ގޮށްރާޅު" އަކީ އޭނާގެ ސޯލޯ ފުރަތަމަ ޑައިރެކްޝަނެވެ. އެހެންވެ ފިލްމްގައި އޭނާ ކިޔައިދޭން ބޭނުންވާ ވާހަކަ އަށް މި ފަހަރު ކިހާ ވަރަކަށް އިންސާފުކޮށް ދެވިފައިވޭތޯ އާއި ޑައިރެކްޓަރެއްގެ ގޮތުގައި މި ފިލްމަށް ބެލުންތެރިންގެ ޝައުގުވެރިކަން އަތުލައިގަތުމަށް ބޭނުންކޮށްފައި ހުރީ ކޮން ކަހަލަ އުކުޅުތަކެއްތޯ ބަލައިލުމުގެ ޝައުގުވެރިކަން ޔަގީނުން ވެސް ދިވެހި ފިލްމްތަކަށް ލޯބިކުރާ މީހުންގެ މެދުގައި ބޮޑު ވާނެ އެވެ.
https://t.co/SKiAxBpt5X @DarkRainEnt @SharkkoAmmaday @shifauchippe @mogerdre @Jumayyil @ahmedshinan @ZakitteOfficial
— Dark Rain Ent (@DarkRainEnt) August 6, 2018
"ގޮށްރާޅު" ގެ ޓްރެއިލާ.
މުހައްމަދު (މޮގާ) އަލީ ޕްރޮޑިއުސްކޮށްފައިވާ "ގޮށްރާޅު" އިން ވެސް ދިވެހި ސިނަމާ އާ އެކްޓަރުންތަކެއް ދޫކޮށްލާނެ އެވެ. މި ފިލްމްގެ އެންމެ ހާއްސަ އެއް ކަމަކީ 2014 ގައި ފިލްމް "އިނގިލި" އިން ސާކްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު ވެސް ފެނިގެން ދިއުމެވެ. މިއީ ޒަމާންގަނޑަަކަށް ފަހު އޭނާ ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
"ގޮށްރާޅު" އެންމެ މުހިއްމު އެކަކީ ޑާކް ރެއިންގެ މޫނުމަތި ކަމަށްވާ ޖުމައްޔިލް (ޖުމަލް) ނިމާލެވެ. އިތުރު ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ، ނުޒުހަތު (ނުޒޫ) ޝުއައިބް އަދި ހަމްދާން ފާރޫގް ފަދަ އެކްޓަރުން ހިމެނެ އެވެ. ފިލްމުން އަލަށް ތައާރަފުވާ އެކްޓަރުންގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި ވިދާލި ހަސަން (ޒަކިއްޓެ) އިރްފާން، އައިމިނަތު ރަޝްފާ އަދި އަބްދުﷲ އަޒާން ފަދަ އެކްޓަރުން ހިމެނެ އެވެ.
ޑާކް ރެއިނުން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ މާޗް 5 ގައި އެޅުވި ފެމިލީ ޑްރާމާ "ވަކިން ލޯބިން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy