"ދޯ ސްޓޫޑިއޯ" އިން ޝަލަބީގެ މުޅިން އާ ލަވަތަކެއް

ކޮންމެ ހުކުރު ދުވަހު "ދޯ ސްޓޫޑިއޯ" އިން ގެނެސްދޭ މިއުޒިކް ޝޯ ހަފުތާއެއްގެ މެދުކެނޑުމަކަށް ފަހު ދެން އަންނާނީ ކޮންމެ އާދީއްތަ ދުވަހަކު އެވެ. ލިއޮވިލް ބޭންޑުގެ ލަވަކިޔުންތެރިޔާ އަދި ގިޓަރިސްޓް ސާދިން މުހައްމަދު އަދި އެ ބޭންޑުގެ ޕާކަޝަނިސްޓު އަހްމަދު ޝަމާމް ޝަރީފާ އެކު ފެށި މި ސެގްމަންޓުގައި މިހާތަނަށް ދެ ޝޯ ގެނެސްދީފައި ވާނެ އެވެ.


ދެވަނަ ޝޯގައި ޕާފޯމްކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދާލި މުހައްމަދު މުއައްޒިން އާއި މުއައްޒިންގެ ރޮކްބޭންޑް "ގްރެވިޓީ" ގެ ރިދަމް ގިޓަރިސްޓު އާފީ އުމަރެވެ.

"ދޯ ސްޓޫޑިއޯ" އާދީއްތަ ދުވަހު އަލުން ފަށާނެ އެވެ. އެއޯ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އަދި ހައުސް އޮފް މިއުޒިކް ބޭންޑާއެކުގަ އެވެ. އެ ބޭންޑުގެ ގިޓަރިސްޓު ހަސަން ޒާހިރު އަދިި ޑްރަމަރު ޝަމީމް މި ޝޯއިން އެމީހުންގެ ހުނަރު ދައްކާލާނެ އެވެ.

ހުދު ކުލައިގެ ބެކްގްރައުންޑެއްގައި ގެނެސްދޭ މި ޝޯގެ އާ ޝޯތައް ފެނިގެންދާނީ ކުޅަދާނަ ފޮޓޯގްރާފާ / އާޓިސްޓު މަސްރަހް ނަސީމް ތައްޔާރުކޮށްދީފައިވާ ވަރަށް ނަލަ ސެޓެއްގަ އެވެ.

"ދޯ ސްޓޫޑިއޯ"ގައި ޝަލަބީ އާއި ބޭންޑް ޕާފޯމްކުރަނީ. -- ފޮޓޯ: މަސްރަހް

"ދޯ ސްޓޫޑިއޯ"ގައި އާޓިސްޓުން ހުށަހަޅައިދޭނީ އެމީހުންގެ އަމިއްލަ ލަވަތައް އަދި ކަވަ ލަވަތަކެކެވެ. އެގޮތުން ޝަލަބީގެ އަމިއްލަ ތިން ލަވައެއް ކުރިއަށް މި އޮތް ޝޯގައި ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި މި ޝޯއަށް ހާއްސަކޮށް ޝަލަބީ ތައްޔާރުކޮށްފައިވާ މުޅިން އާ ލަވައެއް ވެސް ހިމެނެ އެވެ. އަދި މީގެކުރިން އޭނާ ކިޔާފައިނުވާ އާ ދެ ކަވާ ލަވަވެސް ހިމެނެ އެވެ.

"ދޯ ސްޓޫޑިއޯ"ގައި ޝަލަބީ އާއި ބޭންޑް ޕާފޯމްކުރަނީ. -- ފޮޓޯ: މަސްރަހް

"ދޯ ސްޓޫޑިއޯ" ޝޫޓްކޮށް އެޑިޓްކުރަނީ އަބްދުﷲ އައުރާފް އާއި އަފްޝީން ނަސީރެވެ. ލަވަތައް ރިކޯޑްކޮށް މިކްސްކޮށްދެނީ މުނާޒު ޒުބައިރެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ