"މާމުއި" ގެ ކާސްޓުން ތައާރަފުކޮށް ދީފި

އަންނަ އަހަރު ދިވެހި ސިނަމާ އަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށް ވާނީ ޑާކް ރެއިން އެންޓަޓައިމަންޓްގެ "މާމުއި" އެވެ. މި ފިލްމްގެ ޝޫޓިން ރޯދައިގެ ކުރިން ވެސް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިއުމަށް ފަހު ރޯދަ އަށް މެދުކަނޑައިލީ އެވެ. މިހާރު މި ވަނީ އަލުން ޝޫޓިން ފަށައިފަ އެވެ.


އެއާ އެކު މިހާރު މި ވަނީ ފިލްމްގެ މައިގަނޑު ކާސްޓުން ބެލުންތެރިންނަށް ތައާރަފުކޮށް ދީފަ އެވެ. އެއީ ތަރިން ކުޅޭ ކެރެކްޓާތަކަށް ކިޔާ ނަންތަކާ ވެސް އެކުގަ އެވެ.

މީގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް، ނުޒުހަތު (ނުޒޫ) ޝުއައިބް، އިބްރާހީމް (ފުބޫ) ޝާފިއު، އިސްމާއިލް (ޖުމާ) ޖުމައިހް، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް (ރެކްސް) ރިޒްވީ، އަހުމަދު އަދި (ޝާއްކޮ އައްމަޑޭ) ޝާކިރު ފަދަ ތަރިން ހިމެނެ އެވެ.

ޖުމަލްއަކީ ސަލްމާން.

މީގެ އިތުރުން "މާމުއި" އިން ފިލްމްގެ ޑައިރެކްޓަރު އަދި މުނިފޫހި ފިލިވުމުގެ ދާއިރާ އިން މި އަހަރު ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބުނު އަލީ (ޗިއްޕެ) ޝިފާއުގެ އަންހެނުން އައިޝަތު ޔާދާ ވެސް ފެނިގެން ދާނެ އެވެ.

މަޖޫއަކީ ތާނިޔާ.

އަދި ފިލްމްގެ ވަރަށް ހާއްސަ ފެނިލުމަކުން ކުރީގެ މަަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު ވެސް ފެނިގެން ދާނެ އެވެ. އޭނާ ވަނީ ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސް ދިން "މީ ލޯތްބަކީ" އިން ވެސް ފެނިލައިފަ އެވެ.

ސުނީއަކީ ރީތި އިއްސެ.

މުހައްމަދު (މޮގާ) އަލީ ޕްރޮޑިއުސް ކުރާ މި ކޮމެޑީ ފިލްމް "،މާމުއި" ގެ ސްކްރީޕްލޭ ލިޔެފައި ވަނީ ޑާކް ރެއިނުން އެންމެ ފަހުން ގެނެސް "ވަކިން ލޯބިން" ގެ ސްކްރިޕްޓް ވެސް ލިޔުނު މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އެޗްއާރްސީއެމްގެ ކުރީގެ ނައިބް ރައީސް އަހުމަދު ތޮލާލެވެ.

ޝީލާއަކީ ވަރްޖިނާ.

މޮގާ ބުނީ ފިލްމްގެ ޝޫޓިން މިހާރު ވަރަށް ހަލުވިކޮށް ކުރިއަށްދާ އިރު، ޖުމަލް އާއި އައްޒަ ފިޔަވައި އެހެން ހުރިހާ ކާސްޓުން ޝޫޓިންގައި ބައިވެރިވާ ކަމަށެވެ. އެ ދެ ތަރިން މި ވަގުތު ތިބީ އެހެން ފިލްމެއްގެ ޝޫޓިން އަށް ނ. އަތޮޅުގަ އެވެ.

ހަމްދާނަކީ ރޯޒީ.

"ޖުމަލް އާއި އައްޒަ އެނބުރި އައިސް އެ މީހުންގެ ޝޫޓިންތަކުގައި ވެސް ފަހުން ބައިވެރި ވާނެ،" މޮގާ ބުންޏެވެ.

މާލޭގައި ޝޫޓް ކުރަމުން އަންނަ "މާމުއި" އާ ބެހޭ ގޮތުން މޮގާ ބުނީ މިހާރު ކުރިއަށްދާ ޝޫޓިން ޝެޑިއުލް ބޮޑު އީދުގެ ކުރިން ނިންމައިލާ އިރު، ފިލްމްގެ 70 ޕަސަންޓް އޮންނާނީ ޝޫޓްކޮށް ނިމިފަ އެވެ.

އަމިއްލަ ރާގުގެ ހަތަރު ވަރަކަށް ލަވަ ހިމެނޭ މި ފިލްމް ސިނަމާ އަށް އަންނާނީ އެޕްރީލް، 1، 2019 ގަ އެވެ.