ވީ މީޑީއާ އިން ފިލްމް ހަދަން ނިންމައި، ވީ އެންޓަޓައިންމަންޓްގެ ދަށުން ގެނެސްދޭ ފުރަތަމަ ފިލްމް "ދައުވަތު" ރަސްމީކޮށް އިއްޔެ ލޯންޗްކޮށްފި އެވެ.
ވީ މީޑިއާގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފިލްމް ހަދަން ނިންމިކަން އިއުލާންކޮށް، ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމްގެ ޓްރެއިލާއެއް ވެސް ދައްކައިލި އެވެ.
މިއީ މަޝްހޫރު އެކްޓަރު ޔޫސުފް (ޔޫއްޕެ) ޝަފީއު ޑައިރެކްޓް ކުރާ ބިރުވެރި ފިލްމެކެވެ. އޭނާ ވެސް ކާސްޓުންގެ ތެރޭގައި ހިމެނޭ "ދައުވަތު" އިން އަލީ (ދޮން އައްޔަ) އާޒިމް، ނުޒުހަތު (ނުޒޫ) ޝުއައިބް އަދި ރިލީޒް ނުކުރާ "40+" ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އިރޫ ހިމެނެ އެވެ.
މި ފިލްމު ބެލުންތެރިންނަށް ވަރަށް އަވަހަށް ގެނެސް ދޭނެ ކަމަށް ވީ މީޑިއާ އިން ބުންޏެވެ.
ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފް (މުންދު) ވިދާޅުވި ގޮތުގައި ވީ މީޑިއާ އިން ފިލްމު އުފައްދަން ނިންމީ އެއްވެސް ބަޔަކާ ވާދަ ކުރުމުގެ ނިޔަތުގައެއް ނޫނެވެ. އަދި މިއީ ފިލްމީ ދާއިރާ އަށް ފައިދާވާ ގޮތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ފެށި މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި މިއީ އަޅުގަނޑުމެން ވަކި ބަަޔަކާ ކުރާ ޗެލެންޖެއް ނޫން. ބަޔަކާ ކުރާ ވާދައެއް ނޫން. އަޅުގަނޑުމެންގެ މި މަސައްކަތުގައި ވާދަވެރިއެއް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މަގްސަދަކީ ފިލްމު އިންޑަސްޓްރީ އަށް ކުރިއެރުން ގެނެސް ދިނުން."
ފިލްމް ހެދުމުގެ އިތުރުން ވީ މީޑިއާ އިން ވަނީ ޑްރާމާ ސިލްސިލާތަކާއި ސްޓޭޖް ތަމްސީލުތައް ވެސް ގެނެސް ދޭން ނިންމައިފަ އެވެ.
އެގޮތުން ވަރަށް އަވަހަށް ސޯޕް އޮޕެރާ ސްޓައިލްގެ ދިގު ޓީވީ ސިލްސިލާއެއް ފަށާނެކަން އިއުލާންކޮށް "ސަމާސާ" ގެ ނަމުގައި ސްޓޭޖް ތަމްސީލު މުބާރާތެއް ޑިސެމްބަރު މަހު ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.