ސާރާ އާއި ވަރުން: ޑޭވިޑްގެ އާ ފިލްމުން އެކީގައި ފެންނާނެ.
09 ސެޕްޓެމްބަރ 2018 - 08:15
ވަރުން ދަވަންގެ އާއިލާ އިން ފިލްމު ކުންފުންޏެއް ލޯންޗްކޮށް ވަރަށް އަވަހަށް ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދަނިކޮށް، އެ ފިލްމްގެ ބަތަލާ އަށް ސާރާ އަލީ ހާން ނަގައިފި އެވެ.
އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމުގެ ބަތަލުގެ ރޯލް ވަރުން ކުޅޭ އިރު، ފިލްމު ޑައިރެކްޓަރު ކުރާނީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން އެވެ. މި ފިލްމްގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.
ދާދި ފަހުން ޑޭވިޑް ވަނީ އޭނާ ގެނެސް ދެމުން ގެންދިޔަ "ނަމްބަރު 1" ސީރީޒްގެ އާ ފިލްމެއް ބެލުންތެރިންނަށް ގެނެސް ދޭނެ ކަމަށް ބުނެފަ އެވެ. އަދި އޭގެ ސްކްރިޕްޓްގެ މަސައްކަތް ރޫމީ ޖެފްރީ މިހާރު އަންނަނީ ކުރަމުންވެ.
"ސިމްބާ" ގެ ޓީމް: ފިލްމް ޑިސެމްބަރުގައި ރިލީޒް ކުރާނެ.
ބައްޕަ ޑޭވިޑްއާ އެކު ވަރުން މަސައްކަތްކުރާ ތިން ވަނަ ފިލްމްވެގެން ދާނީ އާއިލީ ފިލްމް ކުންފުނި ލޯންޗް ކުރުމަށް ފަހު، ވަރުން އަށް ކޯ-ޕްރޮޑިއުސަރެއްގެ ކްރެޑިޓް ވެސް ލިބޭ ފިލްމަކަށެވެ. އާއިލީ ފިލްމު ކުންފުނި ވުޖޫދަށް ގެންނަނީ ވަރުން އާއި ބައްޕަ އާއި ބޭބެ އަދި ޑައިރެކްޓަރު ރޯހިތު ދަވަން ހިއްސާވާ ގޮތަށެވެ.
ވަރުންއާ އެކު ފިލްމެއް ކުޅެން ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ ސޮއިކުރި އިރު، އޭނާ ބޮލީވުޑަށް ތައާރަފުވާ ކަމަށް މިހާރު ބެލެވެނީ އަންނަ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީގެ "ސިމްބާ" އިންނެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ މި ފިލްމުގެ ބަތަލަކީ ރަންވީރް ސިންގް އެވެ.
ސާރާ "ކެދަރްނާތު" ގެ ޑައިރެކްޓަރު (ކ) އާއި ބަތަލުއާ އެކު.
ސާރާ ބޮލީވުޑަށް ލޯންޗް ކުރުމުގެ މަސައްކަތް ޑައިރެކްޓަރު އަބީޝެކް ކަޕޫރް މިދިޔަ އަހަރު "ކެދަރްނާތު" އާ އެކު ފެށި ނަމަވެސް، އެ ފިލްމް އޮތީ ވާނުވާގަ އެވެ. މިހާރު ޝޫޓިން ނިމިފައި އޮތް ފިލްމް އަންނަ ނޮވެމްބަރު މަހު ރިލީޒް ކުރާނެ ކަމަށް އިއުލާންކޮށްފައި އޮތަސް، އެ ފުރުސަތު މިހާރު ނެތް ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.
ވަރުން ދެން އެންމެ އަވަހަށް ބެލުންތެރިންނާ ބައްދަލު ކުރާނީ މި މަހުގެ 28 ގައި ރިލީޒް ކުރާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy