މޯނީ ރޯއި: ސިލްސިލާ "ޝަކްތީ" ގެ ހާއްސަ ފެނިލުމަކުން ފެންނާނެ.
14 ސެޕްޓެމްބަރ 2018 - 06:19
މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި، އަކްޝޭ ކުމާރްގެ "ގޯލްޑް" އަށް ފަހު، މިހާރު ބޮލީވުޑުން ހުށަހެޅުންތައް އޮހެމުން އަންނަ މަޝްހޫރު ޓީވީ ބަތަލާ މޯނީ ރޯއި އެނބުރި އަނެއްކާ ވެސް ޓީވީ ސިލްސިލާއެއްގެ މަސައްކަތާ ހަވާލުވެއްޖެ އެވެ.
އޭނާ މި ފަހަރު ކުޅެނީ ކަލާޒް އިން ދައްކަމުން އަންނަ "ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ" އެވެ. ރިޕޯޓްތައް ބުނާ ގޮތުން މޯނީ އަށް އޮތީ ސިލްސިލާގެ ހާއްސަ ފެނިލުމެކެވެ. އޭނާ އަށް އެ ސިލްސިލާގައި ހާއްސަކޮށްފައިވާ ލުކް، އޭނާ ވަނީ އިންސްޓަގްރާމްގައި ވެސް ދައްކާލައިފަ އެވެ.
"ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ" އަކީ 2016 އިން ފެށިގެން ކަލާޒުން ދައްކަމުން އަންނަ ކާމިޔާބު ސިލްސިލާއެކެވެ. މީގެ ލީޑް ތަރިންނަކީ ވިވިއަން ޑިސޭނާ އާއި ރުބީނީ ދިލައިކް އެވެ.
މޯނީ އެންމެ ފަހުން ކުޅުނު ސިލްސިލާއަކީ ކަލާޒުން މިހާރު ވެސް ދައްކަމުން އަންނަ "ނާގިން" ގެ ފުރަތަމަ ދެ ސީޒަނެވެ.
މޯނީ ސިލްސިލާ" ޝަކްތީ" އިން ފެނިގެން ދާނެ.
"ގޯލްޑް" އިން ރަސްމީކޮށް ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ފިޔަވަޅު އެޅުމަށް ފަހު، މޯނީ އަށް ލިބިފައި ހުރި ފިލްމުތަކުގެ ތެރޭގައި ރަންބީރް ކަޕޫރާއި އާލިއާ ބަޓާ އެކު ކުޅޭ "ބުރައްމަސްތުރާ" އާއި ޖޯން އަބްރަހަމްއާ އެކު ކުޅޭ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ އިތުރުން މި ހަފުތާގައި ޝޫޓިން ފެށި ރާޖްކުމާރް ރާއޯގެ "މޭޑް އިން އިން ޗައިނާ" ހިމެނެ އެވެ.
މޯނީ، 32، ބުނީ ފިލްމު ކުޅެން ފެށި ނަމަވެސް، ޓީވީ ސިލްސިލާތައް ކުޅުން ހުއްޓައި ނުލާނެ ކަމަށެވެ. އަދި ރަނގަޅު ރޯލްތައް ލިބޭ ސިލްސިލާތަކަށް ވަގުތު ދެވެން އޮތް ނަމަ އެއްބަސް ވާނެ ކަމަށް ބުންޏެވެ.
މޯނީގެ ފުރަތަމަ ފިލްމު "ގޯލްޑް" އަކީ 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް މި އަހަރު ހޯދި އެއް ފިލްމެވެ. އޭނާ މިހާރު އަންނަނީ "މެހުރުއްނިސާ" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy