އަރްބާޒާއި ޖޯޖިއާ.
20 ސެޕްޓެމްބަރ 2018 - 07:04
އަރްބާޒް ހާނާއި މަލައިކާ އަރާރޯގެ ކައިވެނި ރަސްމީކޮށް ނިމުމަކަށް ގެނައިތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. އޭގެ ފަހުން އެންމެ ހޫނުކޮށް އަދިވެސް ދެކެވޭ އެއް ވާހަކައަކީ މަލައިކާ އާއި ޒުވާން އެކްޓަރު އަރްޖުން ކަޕޫރާ ދޭތެރޭ ގޮތް ނޭނގޭ ގުޅުމެއް އޮންނަ ވާހަކަ އެވެެ.
އުމުރުން 15 އަހަރުގެ ފިރިހެން ދަރިއެއް ވެސް ހުރި މަލައިކާއަކީ އަރްޖުން އަށް ވުރެ 11 އަހަރު ދޮށި މީހެކެވެ.
މަލައިކާއާ ވަކިވި ފަހުން އަރްބާޒް، 51، މި ފަހުން އެންމެ ބޮޑަށް ފެންނަނީ ޔޫރަޕް މީހަކާ އެކުގަ އެވެ. އެއީ އިޓަލީގެ މޮޑެލްއެއް ކަމަށްވާ ޖޯޖިއާ އެންޑްރިއާނީ، 29، އެވެ. ދެ މީހުން އެކީގައި އެކި ތަންތަނުން ފެނިފައިވާ ފޮޓޯތަކެއް ވެސް އެކި ފަހަރު މަތިން އާންމުވެފައި ވާއިރު، އަރްބާޒާއި ޖޯޖިއާގެ ގުޅުން މިހާރު ސިއްރެއް ވެސް ނޫނެވެ.
ޖޯޖިއާ އާއި އަރްބާޒް.
ދެ މީހުން އެކުގައި ޗުއްޓީތަކަށް ގޮސް ނަގާފައިވާ ފޮޓޯތަކާއި މުމްބާއީގެ އެކިއެކި ރެސްޓޯރަންޓްތަކުން ނުކުންނަނިކޮށް ލެންސަށް އަރާފައިވާ ފޮޓޯތައް ވެސް މިހާރު ވަރަށް އާންމެވެ. ބައެއް ފަހަރު ދެ މީހުންނާ އެކު، އަރްބާޒްގެ ދަރިފުޅު އަރްހާން ހާން ވެސް ބައިވެރިވެ އެވެ.
އަނެއްކޮޅުން ޖޯޖިއާއަކީ މިހާރު އަރްބާޒްގެ އާއިލާގެ އެކިއެކި ހަފުލާތަކުން ވެސް ފެންނަ އާންމު މޫނެކެވެ. އަރްބާޒްގެ ބޭބެ ސަލްމާން ހާނާ ގޮތް ނޭނގޭ ގުޅުމެއް އޮންނަ ކަމަށް ވާހަކަ ދެކެވޭ ރޮމޭނިއާގެ އޫލިއާ ވަންތޫރަކީ ވެސް ހަމަ މި ކަހަލަ އަންހެނެކެވެ.
ޖޯޖިއާ: އޭނާއަކީ އިޓަލީ މީހެއް.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އަރްބާޒާއި ޖޯޖިއާ މިހާރު އުޅެނީ ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެންނެވެ. އާންމުންގެ ތެރެއަށް އެކީގައި ނުކުމެ އުޅެނީ ވެސް އެހެންވެ އެ އެވެ. އަދި ދެ މީހުން ދެން މާ ލަސްތަކެއް ނުވެ ކައިވެނިކޮށްފާނެ ކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.
ޖޯޖިއަކީ ބައެއް ފިލްމްތަކުގައި އެކްޓް ވެސްކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމް "ގެސްޓް އިން ލަންޑަން" އާއި ހޮލީވުޑް ފިލްމް "އައި ލަވް ޔޫ ޓްރޫލީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy