ޕަރުލް ޗޯހަން: އޭނާ ކައިވެނި އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 12 ގައި.
21 ސެޕްޓެމްބަރ 2018 - 06:15
ސްޓާ ޕްލަސްގެ ޓީވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ސުވަރްނާގެ ރޯލް ކުޅޭ ބަތަލާ ޕަރުލް ޗޯހަން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރަން ނިންމައިފި އެވެ.
ސްޓާ ޕްލަސް އިން މީގެ އަހަރުތަކެއް ކުރިން ގެނެސް ދިން "ބިދާއީ" ގައި ރާގިނީގެ ރޯލް ކުޅެގެން ވިދާލި 30 އަހަރުގެ ބަތަލާ ބުނި ގޮތުގައި ލޯބިވެރިޔާ އަދި އެކްޓަރު ޗިރާގް ތައްކަރްއާ ކައިވެނިކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މުމްބާއީގެ ކޯޓެއްގަ އެވެ.
ޕަރުލް ބޮމްބޭ ޓައިމްސް އަށް ބުނި ގޮތުގައި ކައިވެންޏަށް ފަހު އޭނާގެ އުފަން އަވަށް ލަހްމީޕޫރް ކޭރީގައި ކުޑަކުޑަ ހަފުލާއެއް ބާއްވާނެ އެވެ. އެ ހަފުލާ ބާއްވާނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ހަމައެކަނި ގާތް ބައެއް ރައްޓެހިންނާ އެކުގަ އެވެ.
ޕަރުލް އާއި ޗިރާގް.
ޗިރާގްއާ ބެހޭ ގޮތުން ޕަރުލް ބުނީ ދެ މީހުންގެ ގުޅުމަށް މިހާރު ތިން އަހަރު ވަރު ވެދާނެ ކަމަށާއި ދެ މީހުން ފުރަތަމަ ބައްދަލުވީ ގާތް ރަހުމަތްރެރިއެއްގެ ފަރާތުން ކަމަށެވެ.
އެ ބައްދަލުވުމަށް ފަހު، ދެ މީހުންގެ މެދުގައި ގާތް އެކުވެރި ކަމެއް އުފެދި، ގުޅުން ބަދަހިވެ، އެންމެ ފަހުން އެ ގުޅުން ލޯތްބަށް ބަދަލުވީ ކަމަށް ޕަރުލް ބުންޏެވެ.
ޕަރުލް "ޔޭ ރިޝްތާ" ގެ ކާސްޓުންތަކަކާ އެކު.
"ލޯބިވެރިންނަށް ވުރެ ބޮޑަށް އަހަރެމެން ދެ މީހުންނަކީ ގާތް ދެ ރައްޓެހިން. ޗިރާގް އަހަންނާ ކައިވެނި ކުރާކަށް ޕްރޮޕޯޒްއެއް ވެސް ނުކުރޭ،" އޭނާ ބުންޏެވެ. "އަހަރެން މި ގުޅުން ސިފަ ކުރަނީ އެކުވެރިކަމުން ސާފު ލޯތްބަކަށް ބަދަލުވި ގުޅުމެއްގެ ގޮތުގައި."
ޕަރުން ބުނި ގޮތުގައި އޭނާގެ މަންމައާ ޗިރާގް މިދިޔަ އަހަރުގެ ދިވާލީގައި ބައްދަލުކޮށް ދިނުމާ އެކު، މަންމަ ވެސް ބޭނުން ވަނީ އެކަހަލަ ދަނބިދަރިއެއް ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ އާއިލާ ވެސް ރުހޭ މީހަކާ ކައިވެނި ކުރެވޭތީ ވަރަށް އުފަލުން ހުރި ކަމަށް ޕަރުލް ބުންޏެވެ.
އަލަތު ކައިވެންޏަށް ޕަރުލް ތައްޔާރުވަމުން އަންނަ އިރު، "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އޭނާއަކީ ކައިވެންޏެއްކޮށް ދަރިއަކު ލިބި، ޒުވާން ފިރިހެނެއްގެ ދޮންމަންމައެއް ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy