"ނިވައިރޯޅި" ގެ އާ ޓީޒާއަކާއި ލަވައެއް ދައްކާލައިފި

އަންނަ މަހު ސިނަމާ އަށް ގެންނަން ނިންމާފައިވާ، ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޓީޒާ ޓްރެއިލާއަކާއި ފިލްމްގެ ޕޯސްޓަރާއި ލަވައެއް ދައްކާލައިފި އެވެ.


ރޭ ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ކާޓެއިން ރެއިޒާ އިވެންޓްގައި ފިލްމުގެ ކާސްޓާއި ކްރޫ އަދި ދައުވަތު ދީގެން ގިނަ ބަޔަކު ބައިވެރިވި އެވެ.

ނިއުމާ އެކްޓުކުރުން ހުއްޓައިލާ ފިލްމު "ނިވައިރޯޅި" ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ. މި އަހަރުގެ އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމްގެ އާ ޓީޒާ ޓްރެއިލާ އިން ވަނީ ފިލްމްގެ ގިނަ މަންޒަރުތަކެއް ނިއުޅެމުންދާތަން މިއުޒިކާ އެކު ދައްކާލައިފަ އެވެ.

މީގައި ފިލްމްގެ އެއްވެސް މަންޒަރެއްގެ ޑައިލޮގެއް ހިމަނައިފައެއް ނުވެ އެވެ.

ފިލްމުގެ ރަސްމީގެ ލަވައިގެ ގޮތުގައި ދައްކައިލި ލަވައިން ފެންނަނީ ނިއުމާ އާއި ޔޫސުފް (ޔޫއްޕެ) ޝަފީއު އެވެ.

"ނިވައިރޯޅި" އަކީ "ލޫދިފާ" އާއި "ހެޕީ ބާތުޑޭ" ފަދަ މޮޅެތި ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދިން މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނާގެ އެންމެ ފަހުން ޑައިރެކްޓް ކުރި "ލޫދިފާ" އަކީ 2011 ގައި ގެނެސް ދިން ފިލްމެކެވެ.

ބޮޑު ކާސްޓެއް ހިމަނައިގެން ހަދާފައިވާ "ނިވައިރޯޅި" އާ ބެހޭ ގޮތުން މޫމިން ބުނީ މިއީ ދިވެހި ސިނަމާ އަށް ވަރަށް އާ ކޮންސެޕްޓެއް އުފަންކުރުވާނެ ފިލްމެއް ކަމަށެވެ. އަދި ފިލްމްކީ ބެލުންތެރިން ގަޔާވާ ކަހަލަ ފުރިހަމަ އަދި ރީތި ފިލްމަކަށް ހަދަން މުޅި ޓީމް މަސައްކަތްކޮށްފައި ވާނެ ކަމަށް ބުންޏެވެ.

"ނިވައިރޯޅި" ގެ ކާސްޓުން، ނިއުމާ އާއި ޔޫއްޕެއާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު (އައިންތު) ރަޝީދާ، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

"ނިވައިރޯޅި" އަކީ ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ނަމުގައި ހަދާފައިވާ ފިލްމް ކުންފުނި ނިއުޒޯ އިން ގެނެސްދޭ ފިލްމެކެވެ.

ނިއުމާ ބުނި ގޮތުގައި މި ފިލްމަކީ އޭނާ އެކްޓް ކުރާ ފަހު ފިލްމަށްވާތީ ފިލްމް ވީހާ ވެސް ފުރިހަމަ ފިލްމަކަށް ހަދަން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ އެވެ. އަދި ފިލްމް ބަލައިލުމުން އެކަން ސާފު ވާނެ ކަމަށް ބުންޏެވެ.

"ނިވައިރޯޅި" ވެގެން ދާނީ އެޕްރީލްގެ ފަހުން އޮލިމްޕަސް ސިނަމާ އަށް އަންނަ ފުރަތަމަ ފިލްމަށެވެ. އެންމެ ފަހުން އެޅުވީ މަރިޔަމް (މަރީ) މޫސާގެ "ދިޔަ ލޯތްބާ ދުރަށް" އެވެ. އެ ފިލްމާ އެކު މި އަހަރުގެ މިހާތަނަށް އަޅުވާފައި ވަނީ ޖުމްލަ 4 ފިލްމެވެ.

އެއީ "ތިތަ ލޯތްބާ ދުރަށް" ގެ އިތުރުން ޔޫއްޕެގެ "ދެވަންސޫރަ"، ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އަދި އަމްޖަދު (އަމްޖޭ) އިބްރާހީމްގެ "ރޭވުމުން" އެވެ.