ނިއުމާގެ އަޑު ހަލާކުވެ "ނިވައިރޯޅި" އަނެއްކާ ވެސް އަންނަ އަހަރަށް

އަންނަ މަހުގެ 15 ގައި ރިލީޒްކުރަން ނިންމާފައިވާ، ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އަނެއްކާވެސް އަންނަ އަހަރަށް ފަސްކޮށްފި އެވެ.


ނިއުމާ އާންމުކުރި ފޭސްބުކް ވީޑިއޯ މެސެޖެއްގައި ބުނީ ފިލްމުގެ އިންތިޒާރުގައި ވަރަށް ގިނަ ބަޔަކު ތިއްބައި ދޭން އޮތީ ވަަރަށް ހިތާމަވެރި ހަބަރެއް ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ފިލްމު ފަސްކޮށްލަން ޖެހިފައިވާ ކަމަށް ބުންޏެވެ.

"ރޯގާ ޖެހިގެން އަޑު ދިޔަ ގޮތަށް މިހާރު ދެ މަސްވެއްޖެ. އަޑު ގޮސްގެން ފިލްމަށް ޑަބް ނުކުރެވިގެން މި އުޅެނީ. އެހެންވެ ފިލްމު ލަސްކޮށްލަން މި ޖެހުނީ. އެނގޭ ފޭނުން ވަރަށް ދެރަވާނެކަން،" ނިއުމާ ބުންޏެވެ. "އެކަމަކު ވެސް އުއްމީދު ކުރަން [ނިވައިރޯޅި] އިންތިޒާރު ކުރާނެ ކަމަށް."

ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ފިލްމު ކުންފުނި ނިއުޒޯ ފިލްމްސް އިން ގެނެސްދޭ "ނިވައިރޯޅި" އަކީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު މިދިޔަ އަހަރު އިއުލާން ކުރީ މި އަހަރުގެ އޮކްޓޯބަރު 20 ގައި ފާހަގަކުރާ ނިއުމާގެ އުފަން ދުވަހު ރިލީޒް ކުރާ ގޮތަށެވެ.

ނަމަވެސް އެހާތަނަށް އަންނަ އިރު، ރާއްޖޭގެ ސިޔާސީ މާހައުލު ހަލަބޮލި ވާނެ ކަމަށް ބަލައި އަންނަ އަހަރަށް ފިލްމު ފަހުން ފަސްކުރި އެވެ. އޭގެ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް، ފޭނުން މި އަހަރު ކޮންމެހެން ވެސް ފިލްމު ގެނެސްދޭން އެދެމުން ދާތީ އަންނަ މަހުގެ 15 ގައި "ނިވައިރޯޅި" އަޅުވަން ނިންމީ އެވެ.

ނަމަވެސް އަންނަ އަހަރަށް އަލުން ފިލްމު ފަސްކޮށްލި އިރު، ދެން މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ސީދާ ތާރީހެއް އަދި ނޭނގެ އެވެ.

"ނިވައިރޯޅި" ގެ ކާސްޓުން، ނިއުމާއާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު (އައިންތު) ރަޝީދާ، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

"ނިވައިރޯޅި" ގެ ޕޯސްޓަރާއި ޓީޒާ ޓްރެއިލާ އާއި ފިލްމުގެ ރަސްމީ ލަވަ މިދިޔަ ހަފުތާގައި ވަނީ ދައްކާލައިފަ އެވެ.