މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ޑާކް ރެއިންގެ "ގޮށްރާޅު" އަންނަ އަހަރަށް ފަސްކޮށްފި

"ގޮށްރާޅު" ގެ ތަރިންތަކެއް: ފިލްމު މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައި.

09 އޮކްޓޯބަރ 2018 - 08:12

އަންނަ މަހުގެ 5 ގައި ސިނަމާ އަށް ގެންނަން ނިންމާފައި އޮތް ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

މިއީ އެ ފިލްމު ރިލީޒް ކުރުން ފަސްކުރި ތިން ވަނަ ފަހަރެވެ. އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ "ގޮށްރާޅު" އެންމެ ފުރަތަމަ އަޅުވާ ގޮތަށް އޮތީ މި އަހަރުގެ އެޕްރީލް މަހުގެ 5 ގަ އެވެ. އެކަމަކު ފަހުން ވަނީ ނޮވެމްބަރު 5 އަށް ފިލްމު ފަސްކޮށްފަ އެވެ.

ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނީ "ގޮށްރާޅު" ސިނަމާ އަށް ދެން ގެންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

"އެކަމަކު އަދި އަހަރެމެން ސީދާ ޑޭޓެއް ނުނިންމަން،" މި އަހަރުގެ މާޗްގައި "ވަކިން ލޯބިން" ގެނެސް ޕްރޮޑިއުސަރު ބުންޏެވެ.

މޮގާ ބުނި ގޮތުގައި "ގޮށްރާޅު" އަންނަ އަހަރަށް ފަސްކުރީ ރާއްޖޭގެ ސިޔާސީ މަސްރަހު އަދި އޮތް ގޮތުން މިއީ ފިލްމެއް އަޅުވަން ރަނގަޅު ދަނޑިވަޅަކަށް ނުބެލެވޭތީ އެވެ.

"ގޮށްރާޅު" ގެ ޓްރެއިލާ.

"ނޮވެމްބަރުގެ ކުރީކޮޅަށް އަހަރެމެން ފިލްމު އަޅުވަން ނިންމީ ވެސް ބޮޑު ޗުއްޓީގެ ކުރިން މާލޭން މީހުން އެކި ތަންތަނަށް ފުރުމުގެ ކުރިން ފިލްމު ގެނެސް ދޭން ބޭނުންވެގެން. އަދި ހަމައެއާ އެކު ރިޔާސީ އިންތިހާބު ނިމުމަކަށް އައި ނަމަވެސް ސިޔާސީ މަސްރަހު ވެސް އަދިވެސް އެއްކޮށް ހަމައަކަށް އެޅޭ ކަހަލަ ގޮތަކަށް ނޫން ފެންނަނީ،" މޮގާ ބުންޏެވެ. "އެހެންވެ މި ކަހަލަ ކަންތައްތަކެއް ހުރީމަ ފިލްމު ނޮވެމްބަރުގެ ކުރިކޮޅު ނޭޅުވޭ ކަމަށް ވަންޏާ ވިޔަފާރީގެ ގޮތުން ވެސް ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެތީ އަންނަ އަހަރަށް ފަސްކޮށްލީ."

"މާމުއި" އަކީ އެޕްރީލް 1 ގައި އަޅުވަން ނިންމާފައިވާ ފިލްމެއް.

"ގޮށްރާޅު" އަކީ މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ކްރައިމް ތުރިލާއެކެވެ. އަދި މިއީ 2016 ގައި ރިލީޒް ކުރި ބިރުވެރި ފިލްމު "4426" އަށް ފަހު، ޝިނާންގެ ސޯލޯ ޑައިރެކްޝަނެއް ބެލުންތެރިންނަށް ފެނިގެން ދާނެ ފުރަތަމަ ފިލްމު ވެސް އެވެ.

"ގޮށްރާޅު" ގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލު، އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު، މަރިޔަމް ޝަކީލާ، ނުޒުހަތު (ނުޒޫ) ޝުއައިބް، ހަމްދާން ފާރޫގް، އަލަށް ތައާރަފުވާ ހަސަން (ޒަކިއްޓެ) އިރްފާން، އައިޝަތު ތަސްނީމާ، އައިމިނަތު ރަޝްފާ އަދި އަބްދުﷲ އަޒާން ފަދަ އެކްޓަރުން ހިމެނެ އެވެ.

އަންނަ އަހަރު ޑާކް ރެއިނުން ގެނެސް ދޭން ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި އެޕްރީލް 1 ގައި އަޅުވާ ކޮމެޑީ ފިލްމު "މާމުއި" ފާހަގަކޮށްލެވެ އެވެ.

"ގޮށްރާޅު" އަންނަ އަހަރަށް ފަސްކުރި އިރު، މި މަހުގެ 15 ގައި އަޅުވަން ނިންމި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

މި އަހަރުގެ މިހާތަނަށް ސިނަމާ އަށް އައިސްފައި ވަނީ އެންމެ 4 ފިލްމެވެ. އެއީ "ދެވަންސޫރަ"، ވަކިން ލޯބިން"، "ރޭވުމުން" އަދި "ތިޔަ ލޯތްބާ ދުރަށް" އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454