ގޯވިންދާ: އޭނާގެ "ރަންގީލާ ރާޖާ" އަންނަ މަހު ރިލީޒް ކުރާނެ.
21 އޮކްޓޯބަރ 2018 - 07:45
ގޯވިންދާ މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއްހެން ފްލޮޕް ވިޔަސް އޭނާ އަދިވެސް ހުރީ އެކްޓިން ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. މި މަހުގެ 12 ގައި ރިލީޒް ކުރި އޭނާގެ އެންމެ ފަހުގެ ފިލްމު "ފްރައިޑޭ" އަށް ވެސް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ.
ނަމަވެސް އަނެއްކާ ވެސް އަންނަ މަހަކީ ގޯވިންދާ، 54، އެންމެ ފަރިތަ ކޮމެޑީ ރޯލަކުން އަނެއްކާ ވެސް ބެލުންތެރިންނާ ބައްދަލު ކުރާނެ މަހެކެވެ. އޭނާ ޑަބަލް ރޯލެއް ކުޅެފައިވާ ފިލްމު "ރަންގީލާ" ރާޖާ އަންނަ މަހުގެ 16 ގައި ސިނަމާތަކަށް ގެންނަން ވަނީ ނިންމައިފަ އެވެ. މި ފިލްމަކީ ގޯވިންދާ މީގެ ކުރިން ކުޅުނު ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ޕެހެލާޖް ނިހެލާނީގެ ފިލްމެކެވެ.
މި ފިލްމުން ގޯވިންދާ ޑަބަލް ރޯލަކުން ވެސް ފެނުނަސް އޭނާގެ ތަފާތު ހަތަރު ކެރެކްޓާއެއް ބެލުންތެރިންނަށް ތަޖުރިބާކޮށްލަން ލިބޭނެ އެވެ. "ރަންގީލާ ރާޖާ" ގެ ޓްރެއިލާ އަވަހަށް ބަލައިލާށެވެ. ޔަގީނުން ވެސް ގޯވިންދާގެ ކޮމެޑީ ރޯލްތަކަށް ލޯބި ކުރާ މީހުންނަށް މި ފިލްމަކީ ކަމުދާ ކަހަލަ ފިލްމަކަށް ވެދާނެ އެވެ.
#Ilzaam, #SholaAurShabnam and #Aankhen... The Hit team - producer Pahlaj Nihalani and Govinda - team up yet again... Here's the trailer of #RangeelaRaja: https://t.co/keTg68ogyx
— taran adarsh (@taran_adarsh) October 18, 2018
"ރަންގީލާ ރާޖާ" ގެ ޓްރެއިލާ.
ޒުވާން ބަތަލާއިންތަކަކާ އެކު ގޯވިންދާ ފެނިގެންދާ "ރަންގީލާ ރާޖާ" ގެ ތަރިންގެ ތެރޭގައި ދާދި ފަހުން ރިލީޒްކޮށް ފްލޮޕްވި ފިލްމު "ޖަލޭބީ" އިން ބޮލީވުޑަށް ތައާރަފުވި ޒުވާން ޓީވީ ބަތަލާ ޑިގަންގަނާ ސޫރިއާވަންޝީ ހިމެނެ އެވެ.
"ރަންގީލާ ރާޖާ" އިން ގޯވިންދާއާ އެކު މީގެ ކުރިން ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ޝަކްތީ ކަޕޫރް ވެސް ފެނިގެން ދާނެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާގެ އަލަތު ޑައިރެކްޝަން ކަމަށްވާ "ކިޒީ އޯރް މިނީ" ގެ ބަތަލު ސުޝާންތު ސިންގް ރާޖްޕޫތުގެ ފަރާތުން ފިލްމުގެ ބަތަލާ ސަންޖަނާ ސަންގީ އަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް، މުކޭޝް ވެސް ފިލްމުގެ މަސައްކަތުން އެއްފަރާތްކޮށްފި އެވެ.
އޭނާ ފިލްމުގެ މަސައްކަތުން އެކަހެރިކޮށްފައި ފިލްމުގެ އޮޑިޝަން ތެރޭގައި އަންހެން ކުދިންތަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
— Fox Star Hindi (@foxstarhindi) October 19, 2018
ފޮކްސް ސްޓާ ހިންދީގެ ޓްވީޓް.
އެހެންވެ "ކިޒީ އޯރް މެނީ" ގެނެސްދޭ ފޮކްސް ސްޓާ ހިންދީން ކުރި ޓްވީޓެއްގައި ބުނީ އެ މީހުންގެ މަސައްކަތްތަކުން މި ވަގުތު މުކޭޝް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތައް ބަލައި ނިމި، ކުށެއް ނެތްކަން ސާބިތު ވަންދެން މުކޭޝް އާއި އޭނާގެ ކާސްޓިން ކުންފުންޏާ އެކު މަސައްކަތް ނުކުރާނެ ކަމަށް ފޮކްސް ސްޓާ އިން ކުރި ޓްވީޓެއްގައި ބުންޏެވެ.
ނަމަވެސް "ކިޒީ އޯރް މެނީ" ގެ މަސައްކަތް ހުއްޓައިލި ކަމެއް އެ ކުންފުނިން ކަށަވަރެއް ނުކޮށްދެ އެވެ. ކޮންމެއަކަސް މުކޭޝްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ އެކު އޭނާގެ އަލަތު ޑައިރެކްޝަން މި ވަނީ ސުވާލުތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ. މި ފިލްމަކީ 2014 ގައި ނުކުތް ހޮލީވުޑްގެ ފިލްމު "ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމެކިން އެވެ.
މީގެ ކުރިން އެކުގައި "ހޭ ބޭބީ" އާއި "ބުލް ބުލައްޔާ" ކުޅެފައިވާ އަކްޝޭ ކުމާރާއި ވިދިޔާ ބާލަން އަނެއްކާ ވެސް އެކުގައި މަސައްކަތް ކުރަން އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
އެއީ އާރް ބަލްކީ ޑައިރެކްޓް ކުރާ ފިލްމަކަށެވެ. އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަކީ އިންޑިއާ އިން ކުރިއަށް ގެންދާ މާސް މިޝަން މަންގަލިޔާން (މާސް އޯބިޓް މިޝަން) އަށް ބިނާކޮށް ހަދާ ޖައްވީ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގައި އަކްޝޭ އާއި ވިދިޔާ ފެނިގެން ދާނީ ސައިންޓިސްޓުންތަކެއްގެ ރޯލުންނެވެ.
ވިދިޔާ އާއި އަކްޝޭ: ބަލްކީގެ އާ ފިލްމުން ފެންނާނެ.
އަދި ފިލްމުން ވިދިޔާ ފިޔަވައި އިތުރު ތިން ބަތަލާއަކު ފެންނާނެ ކަމަށާއި އެ ބަތަލާއިން ހޯދުމުގެ މަސައްކަތް ބަލްކީ ކުރަމުން އަންނަ ކަމަށްވެ އެވެ. އަކްޝޭއަކީ ބަލްކީ އެންމެ ފަހުން ގެނެސް ދިން ފިލްމު "ޕެޑްމޭން" ގެ ބަތަލެވެ. ވިދިޔާ ބަލްކީއާ އެކު މަސައްކަތް ކުރީ 2009 ގެ "ޕާ" ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބަލްކީގެ އާ ފިލްމުގެ މަސައްކަތް ފަށާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ވާހަކަ ކިޔައި ދޭން ހަދާ ފިލްމު "މޯގުލް" އަކީ މިދިޔަ އަހަރުގެ ތެރޭގައި އިއުލާން ކުރީއްސުރެ ވެސް މައްސަލަތަކެއްގެ ތެރޭގައި އޮތް ފިލްމެކެވެ. ފުރަތަމަ މައްސަލަކީ މި ފިލްމުގެ ލީޑް ރޯލަށް ފުރަތަމަ ސޮއި ކުރި ކުރި އަކްޝޭ ކުމާރު ވަކި ހިސާބަކުން ފިލްމު ދޫކޮށްލުމެވެ.
އޭގެ ފަހުން ދެން އަޑު އިވިގެން ޓީ ސީރީޒްއާ ގުޅިގެން "މޯގުލް" ޕްރޮޑިއުސް ކުރަން އާމިރު ހާން ނިންމި ވާހަކަ އެވެ. ނަމަވެސް މި ފިލްމު ލިޔެ، ޑައިރެކްޓް ކުރަން ހަވާލު ކުރި ސުބާޝް ކަޕޫރްގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރުމާ ގުޅިގެން އޭނާ ވަނީ ފިލްމުން ވަކިކޮށްފަ އެވެ. އަދި ސުބާޝްއާ އެކު މަސައްކަތް ނުކުރަން އާމިރު ވަނީ ނިންމައިފަ އެވެ.
ސޮނާކްޝީ: "މޯގުލް" އަށް އޭނާ ސޮއިކޮށްފައިވާ ކަމަށްވޭ.
އެކަމަކު މިހާރު އަޑުތައް އަރާފައިވާ ގޮތުން "މޯގުލް" ގެ ބަތަލާގެ ރޯލަށް ސޮނާކްޝީ ސިންހާ ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް އަދިވެސް ފިލްމުގެ ބަތަލުގެ ރޯލް ކުޅޭނީ ކާކު ކަމެއް ނޭނގެ އެވެ. އަނެއްކޮޅުން މި ފިލްމު ލިޔެ، ދެން ޑައިރެކްޓް ކުރާނީ ކާކު ކަމެއް ވެސް ނޭނގެ އެވެ.
ޑީއެންއޭ އިން ބުނި ގޮތުގައި ސޮނާކްޝީ އަށް ފިލްމުން ލިބުނު ރޯލު ކުޑަ ނަމަވެސް އޭނާ ވަނީ އެ ފިލްމު ކުޅެން ސޮއިކޮށްފަ އެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށާނެ ކަމަށާއި "މޯގުލް" އަންނަ އަހަރުގެ ކްރިސްމަސްގައި ސިނަމާތަކަށް އަންނާނެ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy