ރާނާ: "ހައުސްފުލް 4" ގައި ނާނާ ކުޅުނު ރޯލް ދެން ކުޅޭނީ ރާނާ ކަމަށްވޭ.
25 އޮކްޓޯބަރ 2018 - 07:10
ދެހާސް ފަނަރައިގައި ސަލްމާން ހާން ޕްރޮޑިއުސް ކުރި "ހީރޯ" އިން ބޮލީވުޑަށް ނުކުތް ބަތަލާ އާތިޔާ ޝެޓީއަކީ އުންމީދު ކުރި ވަރަށް ވުރެ ތަންކޮޅެއް ލަސްކޮށް ކުރިއަށްދާ ބަތަލާއެވެ. ސުނިލް ޝެޓީގެ ދޮށީ ދަރިފުޅު ކަމަށްވާ އާތިޔާގެ އަދި އައީ އެންމެ ދެ ފިލްމެވެ. އެއީ "ހީރޯ" ގެ އިތުރުން މިދިޔަ އަހަރު ރިލީޒް ކުރި "މުބާރަކަން" އެވެ.
ނަމަވެސް މި ދޭތެރެއަކުން އާތިޔާ އިތުރު ދެ ފިލްމަކަށް ވެސް ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. ޔަގީނުން ވެސް އޭނާގެ ކެރިއާ އަދި ކުރިއަށް ދަނީ އެހާ އުންމީދީކޮށޭ ބުނެވޭކަށް ނެތެވެ. އާތިޔާގެ އުމުރުގެ އެހެން ބަތަލާއިންނަށް ބަލާ އިރު، ގިނަ ބަތަލާއިންނަކީ މިހާރު ވަރަށް ބިޒީކޮށް އެކިއެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުން އަންނަ ބަތަލާއިންނެވެ.
އާތިޔާ ކުޅޭ ތިން ވަނަ ފިލްމު "މޯޓީޗޫރް ޗަކްނަޗޫރް" ގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މި ފިލްމުގައި އޭނާ ފެނިގެން ދާނީ ނަވާޒުއްދީން ސިއްދީގީއާ އެކުގަ އެވެ. މިއީ ދެބަމިތުރާ ހަސަން ޑައިރެކްޓް ކުރާ ފިލްމެކެވެ.
Here's to sweet beginnings! Nawazuddin Siddiqui & Athiya Shetty begin shooting their new film #MotichoorChaknachoor! Directed by Debamitra Hassan and produced by Rajesh and Kiran Bhatia pic.twitter.com/KaFZA9tw6H
— Komal Nahta (@KomalNahta) October 22, 2018
ކޯމަލްގެ ޓްވީޓް.
ފިލްމުގެ ޝޫޓިން ފެށުމަށް ބޭއްވި ހަފުލާގެ ތެރެއިން އާތިޔާ އާއި ނަވާޒުއްދީން އެކުގައި ނަގާފައިވާ ފޮޓޯއެއް ވެސް މަޝްހޫރު ފިލްމު ކްރިޓިކް ކޯމަލް ނަހަޓާ ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. "މޯޓީޗޫރް ޗަކްނަޗޫރް" އާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް އަދި ހާމަކޮށްފައި ނުވާތީ މިއީ ކޮން ކަހަލަ ވާހަކައެއް ކިޔައިދޭ ފިލްމެއް ކަމެއް ވެސް ނޭނގެ އެވެ. ނަމަވެސް މިއީ ކޮމެޑީއެއް ކަމަށްވެ އެވެ.
އާތިޔާ އާއި ނަވާޒުއްދީންގެ ޖޯޑަކީ ބަލައިލަން ޝައުގުވެރިވާ ކަހަލަ ޖޯޑަކަށް ވެދާނެ އެވެ.
"މޯޓީޗޫރް ޗަކްނަޗޫރް" ގެ އިތުރުން އާތިޔާ ސޮއިކޮށް އަނެއް ފިލްމަކީ ކަޝްމީރުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އަފްޝާން އާޝިގުގެ ބައޮގްރަފިކަލް ޑްރާމާ "ހޯޕް ސޯލޯ" އެވެ.
ކޮމެޑީ ފިލްމު "ހައުސްފުލް 4" ގެ ކާސްޓުންގެ ތެރޭގައި ހިމެނުނު ނާނާ ޕަޓޭކަރްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރުމާ ގުޅިގެން، އޭނާ ފިލްމުން ވަކިވުމުން ނާނާގެ ރޯލަށް، ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ރާނާ ދަގޫބަތީ ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
With my partners in crime - @akshaykumar & @thedeol #LondonDiaries #HouseFull4 pic.twitter.com/wvZkvqUlPt
— Riteish Deshmukh (@Riteishd) July 13, 2018
"ހައުސްފުލް 4" ގެ ތަރިންތަކެއް.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ހައުސްފުލް 4" އަށް ނާނާ ޝޫޓް ކުރި އެއްވެސް މަންޒަރެއް ފިލްމުގައި ނުހިމަނަން ނިންމާފައިވާ ކަމަށެވެ. އެހެންވެ އޭނާއާ ހަވާލު ކުރި ރޯލުން ދެން ފެނިގެން ދާނީ ރާނާ ކަމަށްވެ އެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެގެން ގޮސްފައި ވަނީ "ބާހްބަލީ" ގައި ކުޅުނު ނެގަޓިވް ރޯލް ބައްލާދޭވާގެ ރޯލުންނެވެ.
މީގެ ކުރިން ވެސް "ދަމް މަރް ދަމް" ފަދަ ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ރާނާ މިހާރު އަންނަނީ ސައުތުގެ ކުރީގެ އެކްޓަރު އެންޓީއާރްގެ ބައޮޕިކްގައި ވެސް މަސައްކަތް ކުރަމުންނެވެ.
"ހައުސްފުލް 4" ގެ ޑައިރެކްޓަރު ސާޖިދު ހާނަށް ވެސް ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވާތީ އޭނާ ފިލްމުން ވަކިކޮށް މިހާރު މީގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ ފަރްހާދު ސަމްޖީ އެވެ.
އޮކްޓޯބަރު، 26، 2019 ގައި ރިލީޒް ކުރާ "ހައުސްފުލް 4" ގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރް، ބޮބީ ޑިއޯލް، ރިތޭޝް ދޭޝްމުކް، ކިރިތީ ސެނަން، ޕޫޖާ ހެގްޅޭ އަދި ކިރިތީ ކަރްބަންދާ ހިމެނެ އެވެ.
ތަނުޝްރީ ދައްތާއަކީ މަސްތުވާތަކެތި ވެސް ބޭނުން ކުރާ މީހެއް ކަމަށާއި އެއީ ބޮޑު ދޮގުވެރިއެއް ކަމަށް ބުނެ ރާކީ ސާވަންތު ދެއްކި ވާހަކަތަކާ ގުޅިގެން ލިބުނުގެ ގެއްލުމުގެ ބަދަލަށް 10 ކްރޯޑް ރުޕީސް ނަގައި ދޭން ތަމުޝްރީ ކޯޓަށް ހުށަހެޅުމުން، ރާކީ ވެސް އޭނާ އަށް ދައުވާ ކުރަން ނިންމައިފި އެވެ.
ރާކީ، ތަނުޝްރީ އަށް ދިން ރައްދެއް.
އޭނާ ބުނީ ތަނުޝްރާ އަށް ދައުވާ ކުރާނީ އޭނާގެ އަތުން 50 ކްރޯޑް ރުޕީސް ނަގައި ދޭން އެދި ކަމަށެވެ. ރާކީ ބުނި ގޮތުގައި ތަނުޝްރީ އަށް އޭނާ ދައުވާ ކުރަން ނިންމީ "ލޯ ކްލާސް" މީހެއް ކަމަށް ބުނެފައިވާތީ އެވެ. އަދި ތަނުޝްރީއާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަތައް ކޯޓްގައި ދިފާއު ކުރެވޭނެ ކަމުގެ ޔަގީން އޮތް ކަމަށް ވެސް ރާކީ ބުންޏެވެ.
ރާކީއަކީ، ނާނާ ޕަޓޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނެ 2008 ގެ "ހޯން އޯކޭ ޕްލީޒް" އިން ލިބުނު އައިޓަމް ލަވަ ތަނުޝްރީ ނުކުޅެ ދޫކޮށްލުމުން އެ ލަވަ ކުޅުނު ބަތަލާ އެވެ.
"ކިޒީ އޯރް މެނީ" ގެ ޝޫޓިންގެ ތެރޭގައި އެ ފިލްމުގެ ބަތަލު ސުޝާންތު ސިންގް ރާޖްޕޫތުގެ ފަރާތުން، ބަތަލާ ސަންޖަނާ ސާންގީ އަށް ޖިންސީ ފުރައްސާރަ ލިބިފައިވާ ކަމަށް ބުނެ މީޑިއާތަކުން ފެތުރި ވާހަކަތައް ސަންޖަނާ ދޮގުކޮށްފި އެވެ.
— Sanjana Sanghi (@sanjanasanghi96) October 23, 2018
ސަންޖަނާގެ ޓްވީޓް.
އޭނާ ކުރި ޓްވީޓެއްގައި ބުނީ އެމެރިކާ އަށް ކުރި ދަތުރެއް ނިންމާލައިފައި އައި އިރު، ހަގީގަތާ ހިލާފު ވަރަށް ގިނަ ވާހަކަތަކެއް އަޑު އިވިފައިވާ ކަމަށެވެ. އެގޮތުން "ކިޒީ އޯރް މެނީ" ގެ ސެޓްގައި އޭނާ އަށް ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ސަންޖަނާ ބުންޏެވެ. އަދި އެފަދަ ވާހަކަތައް ދެއްކުން ހުއްޓައިލުމަށް އޭނާ ވަނީ އެދިފަ އެވެ.
ސުޝާންތުގެ އިތުރުން "ކިޒީ އޯރް މެނީ" ގެ ޑައިރެކްޓަރު މުކޭޝް ޗަބްރާ އަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާތީ އެ ފިލްމު ގެނެސްދޭ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. މި ފިލްމަކީ 2014 ގެ ނުކުތް ހޮލީވުޑްގެ ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" އިން ހިންދީ ރިމެކިން އެވެ.
"ބާހްބަލީ" ގެ ކުޅެގެން އެތައް ބައެއްގެ ލޯތްބާއި މަޝްހޫރުކަން ހޯދި އެކްޓަރު ޕްރަބާސްގެ އާ ފިލްމު "ސާހޯ" ގެ ފަސްޓްލުކް ދައްކާލައިފި އެވެ. އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ މި ފިލްމަށް ކުރި މަސައްކަތާއި ފިލްމުގެ ބައެއް މަންޒަރުތައް ހިމަނައިގެން މިހާރު ވަނީ ޗެޕްޓާތަކެއް ގެނެސް ދޭން ފަށައިފަ އެވެ.
#HappyBirthdayPrabhas... Post #Baahubali2, the expectations from #Prabhas' next release - #Saaho - are sky high... Presenting a unique series highlighting the fascinating titbits of #Saaho in Abu Dhabi... #ShadesOfSaaho Chapter 1: https://t.co/z6MfKjttSi
— taran adarsh (@taran_adarsh) October 23, 2018
"ސާހޯ" ގެ ޗެޕްޓާ އެކެއް.
އޭގެ ފުރަތަމަ ބައި އަންގާރަ ދުވަހު ފާހަގަ ކުރި ޕްރަބާސްގެ 39 ވަނަ އުފަން ދުވަހާ ދިމާކޮށް ދަށްކާލައިފައިވާ އިރު، "ސާހޯ" އަކީ އޭނާގެ ވަރަށް ވެސް ވަރުގަދަ އެކްޝަން ފިލްމަކަށް ވާނެ ކަމާ ދޭތެރޭ މިހާރު ވެސް ޝައްކެއް ނެތެވެ. މިއީ ވަރަށް ޒަމާނީ ސްޓައިލިޝް އެކްޝަން ތުރިލާއެކެވެ.
"ސާހޯ" ގެ ކާސްޓުންގެ ތެރޭގައި ޝްރަދާ ކަޕޫރް، ޖެކީ ޝްރޮފް، ނީލް ނިތިން މުކޭޝް، މަންދިރާ ބޭދީ، އެވެލީން ޝަރްމާ އަދި މުރްލީ ޝަރްމާ އެވެ. އަންނަ އަހަރު ރިލީޒް ކުރަން ނިންމާފައިވާ މި ފިލްމަކީ 300 ކްރޯޑް ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޖިޔާ
25 October 2018
ރާކީ ވަރުގެ މީހެއް ނެތް!