އިރްފާން: އަންނަ ޑިސެމްބަރުގައި އިންޑިއާ އަށް ދާނެ ކަމަށް ރިޕޯޓްތައް ބުނޭ.
26 އޮކްޓޯބަރ 2018 - 06:46
ކެންސަރު ޖެހިގެން މިދިޔަ މާޗް މަހުން ފެށިގެން ލަންޑަނުގައި ފަރުވާ ހޯދަމުން އަންނަ އެކްޓަރު އިފްރާން ހާން ޑިސެމްބަރު މަހު އިންޑިއާ އަށް ދާނެ ކަމަށާއި އެންމެ ފުރަތަމަ މަސައްކަތަކަށް އޭނާ ކުރާނީ "ހިންދީ މީޑިއަމް" ގެ ދެވަނަ ބައިގެ މަސައްކަތް ކަމަށް ނޫސްތަކުން ބުނެފި އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ހިންދީ މީޑިއަމް" ގެނެސް ދިން މެޑޮކް ފިލްމްސްގެ އޮފިޝަލަކާ ހަވާލާދީ ބޮލީވުޑް ލައިފުން ބުނީ އިރްފާން މުމްބާއީ އަށް ދާނީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށެވެ. އަދި އޭނާ "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި ކުޅެން އެއްބަސްވީ، އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ލަންޑަނަށް ގޮސް، ސްކްރިޕްޓް ކިޔައި ދިނުމުން އެއާ ދޭތެރޭ ހިތްހަމަޖެހުނުލެއް ބޮޑުކަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނާދިރު ބައްޔެއް ކަމަށްވާ ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) އަށް އިރްފާން ފަރުވާ ހޯދާތާ މިހާރު ނުވަ މަހެއްހާ ދުވަސްވެފައިވާ އިރު، އޭނާގެ ހާލަތު ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފަ އެވެ. އެހެންވެ މަސައްކަތަށް އަލުން ނުކުންނަން ނިންމީ އެވެ.
ޖުލައި މަހު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ހުނަރުވެރި އެކްޓަރު ބުނީ ފަރުވާ އަށް ފަހު، އެނބުރި އިންޑިއާ އަށް ދެވޭނެ އިރެއް ނޭނގޭ ކަމަށެވެ. އެކަމަކު އޭނާގެ ފަރުވާ އަށް ކުރިއެރުންތަކެއް ލިބި، މަސައްކަތަށް އެނބުރި އަންނާތީ ވަރަށް ގިނަ ފޭނުން ވެސް ތިބީ އިރްފާން ދެކިލުމުގެ އުންމީދުގަ އެވެ.
އަނެއްކޮޅުން ވަރަށް ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވެސް ތިބީ އިރްފާންގެ އިންތިޒާރުގަ އެވެ. އޭގެ ތެރޭގައި ވިޝާލް ބަރަދްވާޖާއި ސުޖިތު ސިރްކާސް ހިމެނެ އެވެ. އިރްފާން ލަންޑަނަށް މާޗްގައި ފުރީ ވެސް ވިޝާލް ޕްރޮޑިއުސް ކުރާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. އެއީ ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލް ކުޅެން ސޮއިކޮށްފައި އޮތް ފިލްމެކެވެ.
އަދި ޑައިރެކްޓަރު ސުޖިތު ހަދަން ނިންމާފައިވާ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި އުދަމް ސިންގްގެ ބައޮގްރަފިކަލް ޑްރާމާ ވެސް އިރްފާނަށް ހުށަހަޅާފައިވެ އެވެ.
"ހިންދީ މީޑިއަމް" ގައި ކުޅުނު ރޯލަށް އިރުފާނަށް ވަނީ މި އަހަރުގެ އައިފާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބިފަ އެވެ. އަދި މި ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނި ގޮތުގައި "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި އިރްފާނާ އެކުގައި ނޫނީ އޭނާ ނުހަދާނެ އެވެ.
ސަކެޓް ޗައުދަރީ ލިޔެ، ޑައިރެކްޓް ކުރި މި ފިލްމަކީ ބޮކްސް އޮފީހުގައި 334.36 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހަދަން ހޭދަ ކުރީ އެންމެ 23 ކްރޯޑެވެ.
"ހިންދީ މީޑިއަމް" ގައި އިރްފާނާ އެކު، ބަތަލާގެ ރޯލް ކުޅުނީ ޕާކިސްތާންގެ ބަތަލާ ސަބާ ގަމަރް އެވެ.
ފަރުވާ އަށް ގައުމުން ބޭރަށް ދިޔަ ފަހުން އިރްފާންގެ ތިން ފިލްމެއް ރިލީޒްވެފައިވެ އެވެ. އެއީ "ބްލެކްމެއިލް" އާއި "ކާރްވާ" އަދި ހޮލީވުޑްގެ ފިލްމު "ޕަަޒަލް" އެވެ. ފަރުވާ އަށް ނަގާނެ މުއްދަތެއް ބުނަން ނޭނގޭތީ އިރްފާން ވަނީ އެމެޒޯން އަށް އޭނާ ކުޅެން ފަށާފައި އޮތް ވެބް ސީރީޒް "ގޯމިންޓް" އިން ވެސް ވަކިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy