މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރޯހިތާއި ރަންވީރާ އެކު "ގޯލްމާލް" ސީރިޒްގެ ކާސްޓުންތަކެއް "ސިމްބާ" ގެ ސެޓްގައި.

03 ނޮވެމްބަރ 2018 - 07:54

"ދިލްބަރު" ލަވައިގައި ދެއްކި ފަރި ހަރަކާތްތަކާ އެކު ނޯރާ ފަތެހީގެ މަގުބޫލުކަން ބޮލީވުޑްގައި މިހާރު ވަރަށް ބޮޑެވެ. އޭގެ ހެއްކަކީ ބޮޑެތި ޕްރޮޖެކްޓްތަކުން އޭނާ އަށް މިހާރު ފުރުސަތުތައް އޮހުމެވެ.

އޮގަސްޓް 15 ގައި ރިލީޒްކުރި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ޖޯން އަބްރަހަމްގެ ފިލްމު "ސަތިޔަމޭވް ޖަތަޔޭ" ހިމެނޭ ނޯރާގެ އައިޓަމް ލަވަ "ދިލްބަރު" އަށް ފަހު، މި އަހަރު ދެން އެންމެ ހިނގި އެއް ފިލްމު ކަމަށްވާ "ސްޓްރީ" ގެ އައިޓަމް ލަވައެއް ވެސް ނޯރާ ވަނީ ކުޅެފަ އެވެ، އެއީ އެ ފިލްމުގެ "ކަމަރިޔާ" އެވެ.

ޖޯންގެ "ބަތުލާ ހައުސް" ގައި ނޯރާ

ސަލްމާން ހާންގެ "ބާރަތު" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު ނޯރާ އަށް މިހާރު ވަނީ ޖޯން އަބްރަހަމް ކުޅެމުން އަންނަ ފިލްމު "ބަތުލާ ހައުސް" ގެ ރޯލެއް ވެސް ލިބިފަ އެވެ. ކުރިން ޖޯންގައި ފިލްމުން ލިބުނީ އައިޓަމް ލަވައެއް ކުޅެލަން ކަމަށް ވިޔަސް، މި ފަހަރު ނޯރާ ފެނިގެން ދާނީ ފިލްމުގެ މުހިއްމު ރޯލަކުންނެވެ.

ނޯރާގެ ޓްވީޓް.

ނިކިލް އަދްވާނީ ޑައިރެކްޓް ކުރާ މި ފިލްމަށް ސޮއިކުރިކަން ނޯރާ ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އޭނާއާ ބެހޭ ނިކިލް ވެސް ބުނީ ނޯރާއަކީ ހަމައެކަނި އައިޓަމް ލަވަތަކަށް ފައްކާ ބަތަލާއެއް ނޫން ކަމަށާއި އޭނާގެ އެކްޓިން ހުނަރު ވަރަށް ބޮޑަށް އެބަހުރި ކަމަށެވެ. އެހެންވެ ކުރިން ވެސް ނޯރާ ލައްވައި ފިލްމެއްގެ މުހިއްމު ރޯލެއް ކުޅުވުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުންޏެވެ.

ޖޯން ފުލުހެއްގެ ރޯލުން ފެނިގެންދާ "ބަތުލާ ހައުސް" ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ.

"ޒީރޯ" ގައި ޗައިނާގައި ދައްކާނެ

އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ ޝާހްރުކް ހާންގެ އާ ފިލްމު "ޒީރޯ" ޗައިނާގައި ވެސް ދައްކާ ގޮތަށް ނިންމައިފި އެވެ.

"ޒީރޯ" ގެ ޕޯސްޓަރެއް.

އެކަމަކު ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމުގައި އެ ފިލްމު ދައްކަން ފަށާނީ ފިލްމު އިންޑިއާގައި ރިލީޒް ކުރާތާ ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަސް ފަހުންނެވެ. އެގޮތުން ޗައިނާގެ ސިނަމާތަކުގައި "ޒީރޯ" ދައްކަން ފަށާނީ މާޗް، 29، 2019 އިން ފެށިގެންނެވެ. މިއީ ޝާހްރުކްގެ ފިލްމެއް ޗައިނާގައި އަޅުވާ ފުރަތަމަ ފަހަރަށް ވެސް ވާނެ އެވެ. ޗައިނާއަކީ މިހާރު އިންޑިއާގެ ފިލްމުތަކަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ އެއް މާކެޓެވެ.

"ޒީރޯ" އަކީ އޭނާ ޑްވާފެއްގެ ރޯލް ކުޅެފައިވާ ފިލްމެކެވެ. އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލާއިންނަކީ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް އެވެ.

"ގޯލްމާލް" ޓީމް "ސިމްބާ އިން ފެންނާނެ

"ގޯލްމާލް" ސީރީޒް ގެނެސްދޭ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކުރިއަށް އޮތް ފިލްމު "ސިމްބާ" ގެ ހާއްސަ ލަވައެއްގައި "ގޯލްމާލް" ގެ ކާސްޓުންތަކެއް ހިމަނައިފަ އެވެ.

އެގޮތުން ޝޫޓިން ތެރޭގައި ނަގާފައިވާ ފޮޓޯއަކާއި ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. ފޮޓޯ އިން "ސިމްބާ" ގެ އެކްޓަރު ރަންވީރު ސިންގްއާ އެކު އަރުޝަދު ވަރްސީ އާއި ޝްރެޔަސް ތަލްޕަޅޭ، ކުނާލް ކޭމޫ އަދި ތުޝާރް ކަޕޫރް ވެސް ފެނެ އެވެ.

ރަންވީރުގެ އިންސްޓަ ޕޯސްޓެއް.

ރިޕޯޓްތައް ބުނާ ގޮތުން "ސިމްބާ" އާއި އަޖޭ ދޭވްގަންގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ. އަދި އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ވީޑިއޯގައި މި ތަރިންނާ އެކު "ސިމްބާ" ގެ ބަތަލާ ސާރާ އަލީ ހާން ވެސް "ގޯލްމާލް" ގެ ނެށުމެއްގެ ސިގްނޭޗަ ސްޓެޕެއް ޖައްސާ ތަން ފެނެ އެވެ.

ރަންވީރާއި ސާރާ ލީޑް ރޯލުން ފެނިގެންދާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 28 ގަ އެވެ. މި ފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ސަންޖޭ މަރާޓީ ފިލްމު ހަދަނީ

މަދޫރީ ޑިކްސިޓް އާއި ރިތޭޝް ދޭޝްމުކް އަދި ޕްރިޔަންކާ ޗޯޕްޅާ ފަދަ ތަރިން އިންޑިއާގެ އެހެން ބަހުރުވަތަކުން ހަދާ ފިލްމުތަކަށް އިންވެސްޓް ކުރަމުން އަންނަ އިރު، ސަންޖޭ ދަތު ވެސް މަރާޓީ ފިލްމު ޕްރޮޑިއުސް ކުރަން ނިންމައިފި އެވެ.

ސަންޖޭގެ ޓްވީޓް.

އޭނާ އުފައްދާ ފުރަތަމަ ފިލްމުގެ ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު ސަންޖޭ ވަނީ ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އަދި ނަން އިއުލާން ނުކުރާ އެކަމަކު ރަޖަތު ގުޕްތާ ޑައިރެކްޓް ކުރާ ފިލްމުގެ ކާސްޓުންނަކިީ ހިންދީ ފިލްމުތަކުން ވެސް ފެންނަ އެކްޓަރު ދީޕަކް ދޮބްރިޔާލް، ނަންދިތާ ދޫރީ އަދި އަބީޝެކް ކަންދުކެރު އެވެ.

ދާދި ފަހުން ރިލީޒް ކުރި "ސާހިބު ބީވީ އޯރްް ގޭންގްސްޓާ 3" އަށް ފަހު ސަންޖޭ، 59، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތޯރުބާޒް"، "ކަލަންކް"، "ޕަނިޕަޓް" އަދި "ސަޅަކް 2" ހިމެނެ އެވެ.

މީގެ އިތުރުން އޭނާ އަންނަނީ "ޕްރަޝްތާނަމް" ކިޔާ ފިލްމެއް ޕްރޮޑިއުސްކޮށް އޭގައި އެކްޓް ވެސް ކުރަމުންނެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454