"ހީލީމާ އެގެއިން" ގެ ޕޯސްޓަރެއް: ލަވަ ވަރަށް އަވަހަށް ނެރޭނެ.
04 ނޮވެމްބަރ 2018 - 07:36
ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމް 2016 ގައި ގެނެސްދިން ވީޑިއޯ ލަވަ "ހީލީމާ" އަކީ ވަރަށް ބޮޑަަށް ވައިގައި ހިފި ލަވައެކެވެ. އަމިއްލަ ރާގަކަށް ހަދާފައިވާ ވަރަށް މަޑުމައިތިރި މި ލޯބީގެ ލަވައިން ފެނުނީ ބަތަލާ މަރިޔަމް އައްޒަ އާއި އޭނާގެ ކުރީގެ ފިރިމީހާ އިސްމާއީލް (ޖުމާ) ޖުމައިހު އެވެ.
އެ ދެ ތަރިންނާ އެކު "ހީލީމީ" މާޒީގެ ތެރެއަށް ދޫކޮށްލުމަށް ފަހު، އަޒްހާން މިހާރު ތައްޔާރުވެގެން ހުރީ ލަވައިގެ އާ ވާޝަނެއް ގެނެސްދޭށެވެ. އެކަމަކު މި ފަހަރު ތަފާތު އަޑަކާއި ތަފާތު ކާސްޓަކާ ވެސް އެކުގަ އެވެ.
ކުރީގެ ލަވަ ކިޔާފައި ވަނީ މުހައްމަދު (ތޭރަވާ) އަބްދުލް ޣަނީ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ.
"ހީލީމާ އެގެއިން" ގެ ނަމުގައި އާ ލަވައިގެ ޕޯސްޓަރެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ލަވައިން މި ފަހަރު ފެނިގެން ދާނީ ދާދި ފަހުން ރާއްޖޭގައި ބޭއްވި ޓޮޕް މޮޑެލްގައި ވާދަ ކުރި ޖަމްޝީދާ ޖަމްޝީދު އާއި އިންސްޓަގްރާމް މޮޑެލްއެއްގެ ގޮތުގައި މިހާރު ކުރިއަށް ފިޔަވަޅު އަޅަމުން އަންނަ މުހައްމަދު އިޝްފާނެވެ.
"ހީލީމާ އެގެއިން" ގެ ޕޯސްޓަރެއް.
އަޒްހާން ބުނީ ކުރީގެ ލަވައަށް ވުރެ "ހީލީމާ އެގެއިން" ޗާލު ވާނެ ކަމަށެވެ. އޭނާ ބުނީ ލަވަ ވީހާ ވެސް ރީތި އަދި ފުރިހަމަ ލަވައަކަށް ހަދަން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށެވެ.
"އާ ފަންނާނުންތަކަކާ އެކު ލަވަ ގެނެސް ދޭނީ ވަރަށް ހިތްގައިމު މަންޒަރުތަކާ ވެސް އެކު،" ޑައިރެކްޓް ކުރާ 12 ވިޑިއޯ ލަވައާ ބެހޭ ގޮތުން އަޒްހާން ބުންޏެވެ.
ދެން އޮތީ ލަވައިގެ އިންތިޒާރުގައި ބެލުންތެރިން ތިބުމެވެ. އަޒްހާން ބުނާ ގޮތުން ނަމަ ލަވަ ދޫކޮށްލަން ދެ މާ ގިނަ ދުވަހެއް ނުނަގާނެ އެވެ. އަދި ލަވަ ރިލީޒް ކުރާނީ ވެސް ވަރަށް ހާއްސަ ގޮތަކަށް ކަމަށް ބުންޏެވެ.
"ހީލީމާ އެގެއިން" ގެ ޓެކްނިކަލްގެ މަސައްކަތުގެ ފަހަތުގައި އޮތީ ފިލްމީ ދާއިރާ އަށް ވަރަށް ފަހުން ތައާރަފުވި ފިލްމު ސްޓޫޑިއޯއެއް ކަމަށްވާ އިމޭޖިނޭޝަން ރިއަލިޓީ އެވެ. އެތަނުން މީގެ ކުރިން ވެސް ވަނީ ހިތްގައިމު ދެ ލަވައެއްގެ ވީޑިއޯ ވެސް ބެލުންތެެރިންނަށް ގެނެސް ދީފަ އެވެ. "އަންނާށޭ ހުންނާށޭ" އަކީ އެ މީހުންގެ ފުރަތަމަ މަސައްކަތެވެ.
އައްޒަ އާއި ޖުމާގެ "ހީލީމާ" އަކީ ރާއްޖޭގެ އަސްދަނޑިން ބޭރުވެ ރަޝިއާގެ އެޑެއިގޯ ޓީވީން ވެސް ދައްކައިފައިވާ ލަވައެކެވެ. އެހެންވެ މި ލަވައިގެ އާ ވާޝަން ދަތުރު ކުރާނީ ކިހާ ހިސާބަކަށް ކަމެއް އަދިއެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޮފޮޓޯ
04 November 2018
މަހީކުރީ ބޮލީވުޑް ގެ ފޮޓޯއެއް ކަމަށް
ނިކާ
05 November 2018
ކޮއްފަ ހުރި ހުތުރު މޭކަޕުން އިނގިއްޖެ ރާއްޖޭގެ ޕޯސްޓަރެއްކަން