"ބޭޑް ބޯއިސް 2" ގެ މަންޒަރެއް: ތިން ވަނަ ބައި 2020 ގައި ގެނެސް ދޭނެ.
06 ނޮވެމްބަރ 2018 - 07:23
ވިލް ސުމިތާއި ލޯރެންސް މާޓިންގެ ކާމިޔާބު އެކްޝަން ކޮމެޑީ ސީރީޒް "ބޭޑް ބޯއިސް" ގެ ތިން ވަނަ ބައެއް ގެނެސްދޭން ނިންމާފައިވާކަން ކަށަވަރުކޮށްފި އެވެ.
ސުމިތާއި ލޯރެންސް އެކަން އިންސްޓަގްރާމްގައި އިއުލާންކުރުމާ އެކު، ފޭނުން ވަނީ އެކަމަށް މަރުހަބާ ކިޔައި، ފިލްމަށް މިހާރުން ފެށިގެން ކައުންޓްޑައުން ފަށާފައިވާ ކަމަށް ބުނެ ކޮމެންޓްކޮށްފަ އެވެ.
"ބޭޑް ބޯއިސް" ގެ ތިން ވަނަ ބައި ގެނެސްދޭން ނިންމާފައިވާ ކަށަވަރުކޮށް ދިނުމުގެ ކުރިން ވެސް ތިން ވަނަ ބަޔާ ބެހޭ ގޮތުން ވާހަކަ ދެކެވޭތާ ވަނީ އަހަރެއްހާ ދުވަސްވެފަ އެވެ.
ވިލް ސުމިތުގެ ޕޯސްޓެއް.
"ބޭޑް ބޯއިސް" ގެ ފުރަތަމަ ބައި ރިލީޒް ކުރީ 1995 ގަ އެވެ. އަދި އެ ފިލްމަކީ ސުމިތުގެ ކެރިއަރަށް ބޮޑު ކުރިއެރުމެއް ގެނުވައި ދިން ފިލްމެކެވެ. ފިލްމުގެ ދެވަނަ ބައި ބެލުންތެރިންނަށް ދޫކޮށްލީ 2003 ގަ އެވެ. އެ ދެ ފިލްމު ވެސް ޑައިރެކްޓް ކުރީ މައިކަލް ބޭ އެވެ.
ނަވާރަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ބޭޑް ބޯއިސް" އަށް ބޮކްސް އޮފީހުގައި 141.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު، ދެވަނަ ބަޔަށް 273.3 މިލިއަމް ޑޮލަރު ލިބިފައިވެ އެވެ. "ބޭޑް ބޯއިސް 2" އަށް ހަރަދުކޮށްފައި ވަނީ 130 މިލިއަން ޑޮލަރެވެ.
މާޓިންގެ ޕޯސްޓެއް.
ރިޕޯޓްތައް ބުނާ ގޮތުން "ބޭޑް ބޯއިސް" ގެ ތިން ވަނަ ފިލްމު ޑައިރެކްޓް ކުރާނީ 2015 ގެ ކްރައިމް ޑްރާމާ "ބްލެކް" ގެނެސް ދިން އެދިލް އަލް އާބީ އާއި ބިލާލް ފަލާ އެވެ. އަދި ފިލްމަށް ދީފައިވާ ނަމަކީ "ބޭޑް ބޯއިސް ފޮ ލައިފް" ކަމަށްވެ އެވެ.
ފިލްމުގެ ނަމަކީ އެއީކަން ދޭހަވާ ގޮތަށް މާޓިން ވަނީ އިންސްޓަގްރާމްގައި ސުމިތާ އެކި ނަގާފައިވާ ފޮޓޯގެ ކެޕްޝަނުގައި "ބޭޑް ބޯއިސް ފޮ ލައިފް" ލިޔެފަ އެވެ.
އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ނިންމާފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ، 17، 2020 ގަ އެވެ. ސުމިތު ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެން ދާނެ ފިލްމަކީ އަންނަ އަހަރުގެ މެއި 24 ގައިު ރިލީޒް ކުރާ "އަލައްދިން" އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ނެރުނު "ބްރައިޓް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy