"ބްރޭކިން ބޭޑް" ގެ ޕޯސްޓަރެއް: މި ސިލްސިލާ އަށް ބިނާކޮށް ފިލްމެއް ހަދަން ވަނީ ނިންމާފައި.
08 ނޮވެމްބަރ 2018 - 07:33
އޭއެމްސީ ނެޓްވާކުން މީގެ ފަސް އަހަރު ކުރިން ނިންމައިލި ކާމިޔާބު ޓީވީ ސިލްސިލާ "ބްރޭކިން ބޭޑް" ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންމައިފި އެވެ.
އެ ސިލްސިލާގެ މޭސްތިރި ވިންސް ޖިލިގެން ވަނީ އެކަން ވެރައިޓީ އަށް ކަށަވަރު ކޮށް ދީފަ އެވެ. އޭނާ ބުނީ ދެ ގަޑިއިރަށް ފެތޭ ގޮތަށް "ބްރޭކިން ބޭޑް" ހަދާނީ ޓީވީ ފިލްމެއް (ލިމިޓެޑް ސީރީޒް) ގެ ގޮތުގައިތޯ ނުވަތަ ބޮޑު ސްކްރީން ފިލްމެއްގެ ގޮތުގައިތޯ އަދި މުޅިއަކުން ނުނިންމަ އެވެ.
ވިންސް ބުނި ގޮތުގައި މި ޕްރޮޖެކްޓާ ބެހޭ ގޮތުން އަދި މާ ބޮޑު ތަފުސީލެއް ދެވޭކަށް ނެތެވެ. އެކަމަކު ސިލްސިލާގެ މައިގަނޑު ކާސްޓުން ފިލްމުން ފެންނާނެ ކަމުގެ އިޝާރާތެއް ދީފައިވެ އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ބްރޭކިން ބޭޑް" ފިލްމެއްގެ ގޮތުގައި ގެނެސް ދޭނީ އެ ނަމުގައެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި ފިލްމަށް ދީފައިވާ ނަމަކީ "ގްރީންބްރަޔާ" ކަމަށް ދަ ޖާނަލް އިން ބުންޏެވެ.
އަދި މީގެ މަސައްކަތް މި މަހުގެ މެދުތެރޭގައި ފަށައި އަންނަ ފެބްރުއަރީ މަހަށް ނިންމައިލާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ގޯލްޑެން ގްލޯބާއި ޕްރައިމް ޓައިމް އެމީ އެވޯޑްސް ވެސް ހާސިލުކޮށްފައިވާ "ބްރޭކިން ބޭޑް" އަކީ 2008-2013 އަށް ގެނެސް ދިން ކްރައިމް ޑްރާމާއެކެވެ. އެ މުއްދަތުގެ ތެރޭގައި ސިލްސިލާގެ ޖުމްލަ ފަސް ސީޒަން 62 އެޕިސޯޑާ އެކު ގެނެސް ދީފައިވެ އެވެ.
ޖެނުއަރީ، 20، 2008 ގައި ފެށި "ބްރޭކިން ބޭޑް" ނިންމައިލީ ސެޕްޓެމްބަރު، 29، 2013 ގަ އެވެ.
މީގެ ކާސްޓުންގެ ތެރޭގައި ބްރަޔަން ކްރެންޓްސަން، އެނާ ގަން، އާރޮލް ޕޯލް، ޑިއަން ނޮރިސް، ބެޓްޒީ ބްރަންޑް، ޖޮނަތަން ބޭންކްސް، ލައުރާ ފްރޭޝާ އަދި ޖެސީ ޕްލެމަންސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy