އާލިއާ، ކަރަންއާ އެކު: އޭނާ ބޮލީވުޑަށް ނެރުނީ ކަރަން.
11 ނޮވެމްބަރ 2018 - 06:45
ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފިލްމެއްގައި އަލުން މަސައްކަތްކޮށްލަން ލިބުމަކީ ތެރަޕީއެއް ކަހަލަ ހިތްހަމަޖެހުމެއް ކަމަށާއި އެކަމާ ވަރަށް އުފާވާ ކަމަށް އާލިއާ ބަޓް ބުނެފި އެވެ.
ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ، 25، އަކީ 2012 ވަނަ އަހަރު ކަރަންގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ތައާރަފު ކުރި ބަތަލާއެކެވެ. އޭގެ ފަހުން އޭނާ ވަނީ ކަރަންގެ ފިލްމު ކުންފުނި ދަރްމާ އިން އުފެއްދި ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ.
އަދި ކަރަން ޑައިރެކްޓްކޮށް 2020 ގައި ރިލީޒް ކުރާ ތާރީހީ ފިލްމު "ތަހުތު" އެއް ބަތަތާއަކީ ވެސް އާލިއާ އެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަންވީރު ސިންގް، ކަރީނާ ކަޕޫރު، ޖާންވީ ކަޕޫރު، ވިކީ ކޯޝަލް، ބޫމީ ޕެޑްނޭކަރު އަދި އަނިލް ކަޕޫރު ހިމެނެ އެވެ.
ކަރަން އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކޭ އާލިއާ ވަނީ 2016 ގައި ކަރަން ޑައިރެކްޓް ކުރި "އޭ ދިލް ހޭ މުޝްކިލް" ގެ ހާއްސަ ފެނިލުމެއްގައި ވެސް ބައިވެރިވެފަ އެވެ.
"އަލުން ކަރަންގެ ޑައިރެކްޝަނެއްގައި މަސައްކަތްކޮށްލަން ލިބުނީމަ ވަރަށް އުފަލުން މިހުރީ. އޭނާއާ އެކު މަސައްކަތް ކުރުމަކީ އަހަންނަށް ތެރަޕީއެއް ކަހަލަ ކަމެއް. ތަހުތުގެ މަސައްކަތް ފަށަން ކެތްމަދުވެއި މި ހުންނަނީ." އަންނަ އަހަރު ޝޫޓިން ފަށާ "ތަހުތު" އާ ބެހޭ ގޮތުން އާލިއާ ބުންޏެވެ.
އާލިއާ އާއި ކަރަން.
އަންނަ އަހަރު ވެސް ކަރަން ޕްރޮޑިއުސްކޮށްފައިވާ ދެ ފިލްމަކުން އާލިއާ ފެންނާނެ އެވެ. އެއީ އަންނަ އަހަރުގެ އެޕްރީލް 19 ގައި ރިލީޒް ކުރާ ފިލްމު "ކަލަންކް" އާއި އޮގަސްޓް 15 ގައި ރިލީޒް ކުރާ "ބުރައްމަސްތުރާ" އެވެ.
އާލިއާ އާއި އަރުޖުން ކަޕޫރް ލީޑް ރޯލް ކުޅުނު ފިލްމު "2 ސްޓޭޓްސް" ގެ ޑައިރެކްޓަރު އަބީޝެކް ވަރުމަން ޑައިރެކްޓް ކުރާ އެ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ ކާސްޓުންގެ ތެރޭގައި ވަރުން ދަވަން، މަދޫރީ ޑިކްްސިޓް، ސަންޖޭ ދަތު، އަދިތިޔާ ރޯއި ކަޕޫރް އަދި ސޮނާކްޝީ ސިންހާ ފަދަ ތަރިން ހިމެނެ އެވެ.
އާލިއާ، ރަންބީރާއި އަޔާންއާ އެކު.
އަދި އަންނަ އަހަރުވެގެން ދާނީ ދަރުމާ މިހާތަނަށް ނެރޭ އެންމެ އަގު ބޮޑު ފިލްމު ވެސް ނެރޭ އަހަރަށެވެ. އެއީ އާލިއާ އާއި ލޯބިވެރިޔާ ރަންބީރު ކަޕޫރުގައި އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ "ބުރައްމަސްތުރާ" އެވެ.
އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޭނާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓް ކުރާ "ސަޅަކު 2" ހިމެނެ އެވެ. އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ އަހަރުގެ ފެބުރުއަރީ 14 ގައި ރިލީޒު ކުރާ ޒޯޔާ އަހުތަރުގެ "ގަލީ ބޯއި" އިންނެވެ. އެ ފިލްމުގެ ބަތަލަކީ ރަންވީރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy