މެގް އާއި ޖޯން: ދެ މީހުން ވަނީ އެންގޭޖްވެފައި.
11 ނޮވެމްބަރ 2018 - 20:54
"ވެން ހެރީ މެޓް ސެލީ" އާއި "ފްރެންޗް ކިސް" އަދި "ސްލީޕްލެސް އިން ސިއޭޓްލް" ފަދަ ކާމިޔާބު ރޮމޭންޓިކް ކޮމެޑީތައް ކުޅެގެން "ރޮމޭންޓިކް ކްއީން" ގެ ނަމުން މަޝްހޫރުކަން ހޯދި ހޮލީވުޑްގެ ބަތަލާ މެގް ރަޔަން ލޯބިވެރިޔާއާ އެންގޭޖްވެއްޖެ އެވެ.
ކުރިން ވެސް ކައިވެންޏެއްކޮށް، ދެ ދަރިން ތިބި 56 އަހަރުގެ ބަތަލާ މި ފަހަރު އެންގޭޖްވީ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ އެމެރިކާގެ ލޯބިވެރިޔާ އަދި މިއުޒިޝަން ޖޯން މެލެންކެމްޕްއާ އެވެ.
އެންގޭޖްވިކަން މެގް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ އަތު ކުރެހުމަކުން ޔަގީން ވެސްކޮށް ދީފަ އެވެ.
ޖޯން، 67، މީގެ ކުރިން ހަތަރު ކައިވެންޏެއްކޮށް ފަސް ދަރިން ލިބިފައިވެ އެވެ. ޓީވީ ސިލްސިލާ "ރިއަލް ހައުސްވައިވްސް އޮފް ބެވަލީ ހިލްސް" އިން ފެނިގެން ދިޔަ ޓެޑީ މެލެންކެމްޕް އަރަޔޭވް، 37، އަކީ ޖޯންގެ ދަރިއެކެވެ.
"ޓޮޕް ގަން" އާއި "ޕްރޫފް އޮފް ލައިފް" ފަދަ އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ އާއި ޖޯން އެންމެ ފުރަތަމަ ބައްދަލުވީ 2011 ގަ އެވެ. އޭގެ ފަހުން ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި 2014 އާ ހަމައަށް އެ ގުޅުން އޮތެވެ.
މެގްގެ އިންސްޓަގްރާމް ޕޯސްޓް.
އެކަމަކު މެގް އާއި ޖޯންގެ ގުޅުން ދުވަސްގަނޑަކަށް މެދުކެނޑި އަލުން ގުޅުނީ 2015 ގަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް އެކި ކަހަލަ ހިޔާތު ތަފާތުންތަކާ ހެދި ގުޅުމަށް ހީނަރު ކަމެއް އައިސް އަލުން ގުޅުނީ މިދިޔަ އަހަރު އެވެ.
އެންގޭޖްވި ނަމަވެސް، މެގް އާއި ޖޯން ކައިވެނި ކުރާނެ އިރެއް އަދިއެއް ނޭނގެ އެވެ. މެގް އެންމެ ފަހުން ބޮޑު ސްކްރީން ފެނިފައި ވަނީ އޭނާ ޑައިރެކްޓްކޮށް، ޕްރޮޑިއުސް ވެސް ކުރި 2016 ގެ ފިލްމު "އިތަކާ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy