އާމިރު: އޭނާގެ އެންމެ ފަހުގެ ފިލްމު ބެލުންތެރިންނަށް ކަމަކު ނުދިޔަ.
13 ނޮވެމްބަރ 2018 - 07:39
މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކަށް އައި "ތަގްސް އޮފް ހިންދުސްތާން" އަކީ ގިނަ ބަޔަކު އުންމީދު ކުރި ކަހަލަ ފިލްމެއް ނޫނެވެ. އެއަށް ވުރެ ފިލްމު ވަނދުވެފައި ފޫހި ކަމަށް، އެ ފިލްމަށް ފާޑުކީ ގިނަ ކްރިޓިކުންނާއި ބެލުންތެރިން ވެސް އެއްބަސްވެ އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ތަގްސް އޮފް ހިންދުސްތާން" ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދާނެ ކަމަށް ކުރިން ބެލެވުނަސް އެއީ މިހާރު ވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ފިލްމު މިހާތަނަށް ބެލި އާންމުންނާއި ކްރިޓިކުން ވެސްގެ ވާހަކަތައް މާ ބޮޑަށް ވެސް މާޔޫސީކޮށް ހުރުމާ އެކު، ފިލްމަށް ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ގެއްލިފައިވުމެވެ.
ރިލީޒް ކުރި ދުވަހު އެކަނި ފިލްމަށް 50 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނަސް، މިހާރު މީގެ ވިޔަފާރި ދާ ގޮތުން ފިލްމަށް ހަރަދު ކުރި ބަޖެޓް ވެސް ފޫދެއްބެދޭނެކަމާ މެދުވެސް ސުވާލު އުފެދެ އެވެ.
ތިން ސަތޭކަ ކްރޯޑް ރުޕީސް ނުވަތަ 42 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ތަގްސް އޮފް ހިންދުސްތާން" 100 ކްރޯޑް ކުލަބުން ޖާގަ ހޯދުމަކީ ހާއްސަ ކަމެއް ނޫނެވެ. މިހާރު ވެސް ބޮކްސް އޮފީހުގައި އަޑިގުޑަންތަކާ ކުރިމަތިލާން ޖެހިފައިވާ ފިލްމަށް ކިރިޔާ ވެސް ހިންދަމައިލެވޭނީ ފިލްމަށް ކުރި ހަރަދު އަނބުރާ ލިބިގެންނެވެ.
#ThugsOfHindostan faces REJECTION... The dwindling *extended weekend* biz clearly indicates it has failed to live up to the mammoth expectations... It did set new benchmarks on Day 1, but the negative word of mouth hit biz hard on subsequent days... #TOH
— taran adarsh (@taran_adarsh) November 12, 2018
ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް.
އަމީތާބް ބައްޗަން އާއި އާމިރު ހާން އަދި ކެޓްރީނާ ކެއިފާއި ފާތިމާ ސަނާ ޝެއިހް މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމަށް އާދީއްތަ ދުވަހާ ހަމައަށް ލިބުނު ޖުމްލަ އާމްދަނީ 123 ކްރޯޑް ރުޕީސް އަށް އަރާފައިވާ އިރު، އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ފިލްމަށް ލިބުނު އާމްދަނީ މިހާރު ވަނީ 192 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.
"ތަގްސް އޮފް ހިންދުސްތާ" އަކީ މި އަހަރުގެ މިހާތަނަށް 100 ކްރޯޑް ކުލަބަށް ވަން 11 ވަނަ ފިލްމެވެ. މި ލިސްޓްގައި ދެން ހިމެނެނީ ޕަދްމާވަތު، ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ، ބާގީ 2، ރާޒީ، ރެއިޑް، ރޭސް 3، ސަންޖޫ، ގޯލްޑް، ސްޓްރީ އަދި ބަދާއީ ހޯ އެވެ.
އިމްރާން ހާޝިމީގެ ކުރިއަށް އޮފް ފިލްމު "ޗީޓް އިންޑިއާ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.
IT'S HERE: The first poster of "Cheat India". #CheatIndia #CheatIndiaposter #NakalMeinHiAkalHai @emraanhfilms @tseries @itsbhushankumar @ellipsisentt @tanuj_garg @atulkasbekar @parveenshahani pic.twitter.com/oCgTxf20kG
— emraan hashmi (@emraanhashmi) November 12, 2018
"ޗީޓް އިންޑިއާ" ގެ ޕޯސްޓަރު.
މި ފިލްމަކީ މަދޫރީ ޑިކްސިޓާއި ޗޫހީ ޗާވްލާގެ އެކީގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެން ދިިޔަ 2014 ގެ ފިލްމު "ގުލާބް ގޭންގް" ގެ ޑައިރެކްޓަރު ސޯމިކު ސެން ކުރާ ފިލްމެކެވެ. "ޗީޓް އިންޑިއާ" ގައި ކިޔައި ދޭނީ އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި ދޯހަޅި ކަންތައްތަކުގެ ވާހަކަ އެވެ.
މި ފިލްމުގައި އިމްރާނާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ޝްރެޔާ ދަންވަންތަރީ އެވެ. "ޗީޓް އިންޑިއާ" ސިނަމާތަކަށް އަންނާނީ އަންނަ ޖެނުއަރީ މަހުގެ 25 ގަ އެވެ. އެ ތާރީހަކީ ކަންގަނާ ރަނާވަތުގެ "މަނިކަރުނިކާ" އާއި ރިތިކް ރޯޝަންގެ "ސުޕަ 30" ވެސް ރިލީޒް ކުރާ ދުވަހެވެ.
ޝާހްރުކް ހާނާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ވެބް ސީރީޒްގެ "ބާޑް އޮފް ބްލަޑް" ގެ މަސައްކަތް ވެސް އިމްރާން މިހާރު ކުރަމުން އަންނަ އިރު، އޭނާގެ ފުރަތަމަ އިންޓަނެޝަނަލް ފިލްމު "ޓައިގާސް" މި މަހުގެ 21 ގައި ޒީ5 އިން ސްޓްރީމް ކުރާނެ އެވެ.
މިދިޔަ ހަފުތާގައި ރާއްޖެ އަށް ޗުއްޓީ އައި އިންޑިއާގެ ޓީވީ ބަތަލާ ހީނާ ހާން، ދަތުރު ނިންމާލައިފައި މިހާރު އެނބުރި އިންޑިއާ ގޮސްފައިވީ ނަމަވެސް އޭނާ އަދިވެސް ރާއްޖެ މަތިން ހަނދާން ވަނީ އެވެ.
ހީނާގެ އިންސްޓަގްރާމް ޕޯސްޓް.
ލޯބިވެރިޔާ ރޮކީ ޖެއިސްވާލްއާ އެކު ޗުއްޓީ ހޭދަ ކުރި ޖުމެއިރާ ވިޓަވެލި ރިސޯޓްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ހީނާ ބުނީ ރާއްޖެ މަތިން ވަރަށް މިސްވާ ކަމަށެވެ.
ހީނާއަކީ ސްޓާ ޕްލަސް އިން މިހާރު ދައްކާ ޓީވީ ސިލްސިލާ "ކަސޯޓީ" ގައި ކޮމިލިކާގެ ރޯލް ކުޅޭ ބަތަލާ އެވެ.
ސޮނީ ޓީވީން މިހާރު ދައްކާ ކޮމެޑީ ޝޯ "ކޮމެޑީ ސާކަސް" ގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ސިދާތު ސާގަރު ލޯބިވެރިޔާ ސުބުހީ ޖޯޝިއާ އެންގޭޖްވެއްޖެ އެވެ.
It is not gonna be easy, it’s going to be really hard. We’re gonna have to work at this everyday. But I wanna do that because I want you, I want all of you, forever, everyday. You and me everyday.❤️#happilyeverafter #forevermine @imsidharthsagar pic.twitter.com/qWj5BKi6iV
— subuhi joshi•Ess jay (@SubuhiJ) November 10, 2018
ސުބުހީގެ ޓްވީޓެއް.
އުމުރުން 25 އަހަރުގެ ކޮމީޑިއަން އެންގޭޖްވިކަން ވަނީ އިންސްޓަގްރާމާއި ޓްވިޓާގައި ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ. ސިދާތު އެންގޭޖްވެފައި ވަނީ އޭނާ އަށް މި ދޭތެރެ އިން ކުރިމަތިވި ނަފުސާނީ މައްސަލަތަކުން އަރައި، ގަނެ "ކޮމެޑީ ސާކަސް" ގައި ބެލުންތެރިން ހެއްވައިލަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އެންގޭޖްވި ނަމަވެސް ކައިވެނި ކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސިދާތު ބުނި ގޮތުގައި އޭނާ އަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ މަންމަ ވެސް ހިމެނޭ ގޮތަށް އާއިލާގެ ބަޔަކު އޭނާ އަށް މަސްތުތާތަކެތި ލައިފައި ކާން ދިނުމުންނެވެ.
ކުރިން މި އަހަރު ސިނަމާ އަށް ގެންނަން ބުނެފައި އަންނަ އަހަރަށް ފަސްކުރި ސަލްމާން ހާންގެ ފްރެންޗައިޒް "ދަބަންގް" ގެ ތިން ވަނަ ބައި އަންނަ އަހަރު ވެސް ސިިނަމާ އަށް ނުގެންނަން ނިންމައިފި އެވެ.
2019 ގައި "ދަބަންގް 3" ގެނެސްދޭނެކަން ސަލްމާން ކުރިން ބުނެފައި.
މި ފިލްމުގެ ޕްރޮޑިއުސަރު އަދި ސަލްމާންގެ ކޮއްކޮ އަރްބާޒު ހާން ކުރިން ބުނެފައިވާ ގޮތުގައި "ދަބަންގް 3" އަންނަ އަހަރުގެ ފަހުކޮޅު ސިނަމާ އަށް އަންނާނެ އެވެ. ނަމަވެސް ފިލްމު މިހާރު ވަނީ 2020 އަށް ފަސްކޮށްފަ އެވެ. "ދަބަންގް 3" ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ ޕުރަބޫދޭވާއާ އެވެ.
ސޮނާކްޝީ ސިންހާ ބޮލީވުޑަށް ތައާރަފުވި "ދަބަންގް" ރިލީޒް ކުރީ 2010 ގަ އެވެ. އަދި ދެވަނަ ބައި ގެނެސް ދިނީ 2012 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ދަބަންގް 3" 2020 އަށް ފަސްކުރި މައިގަނޑު ސަބަބަކީ މި އަހަރު ރިލީޒް ކުރި ސަލްމާންގެ "ރޭސް 3" އަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، ފްރެންޗައިޒެއްގެ އިތުރު ބައެއް ގެނެސްދޭ ނަމަ، އޭގެ ސްކްރިޕްޓް އިތުރަށް ވަރުގަދަ ކުރަން ވަގުތު ހޯދުމުގެ ގޮތުންނެވެ.
އޭނާ މިހާރު އަންނަނީ އަލީ އައްބާސް ޒަފަރުގެ "ބާރަތު" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy