މިދިޔަ އަހަރު މަރުވެފައިވާ އެމެރިކާގެ މަޝްހޫރު މިއުޒިޝަން ކްރިސް ކޯނެލްގެ ހަނދާންތައް އާ ކުރުމުގެ ގޮތުން އޭނާގެ އާއިލާ އާއި ރައްޓެހިން އިންތިޒާމުކޮށްގެން ވަރަށް ހާއްސަ ޓްރިބިއުޓް ޝޯއެއް ބާއްވަން ނިންމައިފި އެވެ.
"އައި އޭމް ދަ ހައިވޭ: އަ ޓްރިބިއުޓް ޓް ކްރިސް ކޯނެލް" ގެ ނަމުގައި ލޮސް އެންޖެލިސްގެ ދަ ފޯރަމްގައި ބާއްވާ ޝޯ އޮންނާނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.
މި ޝޯގައި ކޯނެލްގެ ބޭންޑްތައް ކަމަށްވާ ސައުންޑްގާޑަން، އޯޑިއޯސްލޭވް އަދި ޓެމްޕަލް އޮފް ދަ ޑޯގް ހައުސްގެ އިތުރުން ހާއްސަ މެހުމާނުންތަކެއް ފަމޯމް ކުރާނެ އެވެ. އޭގެ ތެރޭގައި ފޫ ފައިޓާޒް، މެޓަލިކާ އާއި ރަޔަން އެޑަމްސްގެ އިތުރުން ވެސް ގިނަ ފަންނާނުންތަކެއް ހިމެނެ އެވެ.
މަޝްހޫރު ޓީވީ ހޯސްޓް ޖިމީ ކިމެލް ހޯސްޓް ކުރަން ހަމަޖެހިފައިވާ "އައި އޭމް ދަ ހައިވޭ: އަ ޓްރިބިއުޓް ޓް ކްރިސް ކޯނެލް" ގެ ޓިކެޓް ހުކުރު ދުވަހުން ފެށިގެން ޓިކެޓްމާސްޓާ،ކޮމް އިން ވިއްކަން ފަށާނެ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި ކޯނެލް، 52، ގެ ހަނދާނުގައި ބާއްވާ ޝޯ އަށް މަޝްހޫރު ވަރަށް ފަންނާނުންގެ އެހީތެރިކަން ވެސް ލިބެ އެވެ. އެގޮތުން ޝޯ އިންތިޒާމު ކުރާ ކޮމިޓީގައި ބްރެޑް ޕިޓް، ޖޯޝް އާއި ކެތުރީން ބްރޮލިން، ޓޮމް ހޭންކްސް، ރީޓާ ވިލްސަން، ކޯޓްނީ ކޮކްސް، ޑޭވިޑް ސްޕޭޑް އަދި މެޓް ކެމެރެން ފަދަ އެތައް ފަންނާނުންނެއް ހިމެނެ އެވެ.
"އައި އޭމް ދަ ހައިވޭ: އަ ޓްރިބިއުޓް ޓް ކްރިސް ކޯނެލް" ގެ ޓިކެޓްގެ ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރާނީ ކްރިސް އެންޑް ވިކީ ކޯނެލް ފައުންޑޭޝަނަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކޯނެލް މަރުވީ އަމިއްލަ އަށް ދަންޖެހިގެންނެވެ. މަރުވި އިރު ދެ ކައިވެންޏަކަށް ތިން ދަރިން ލިބިފައިވެ އެވެ.