ކްރިސް ކޯނެލް: އޭނާ ވަނީ ދަންޖެހިގެން މަރުވެފައި.
20 މެއި 2017 - 10:57
އެމެރިކާގެ ރޮކް ބޭންޑް ސައުންޑްގާޑެންގެ ލަވަކިޔުންތެރިޔާ ކްރިސް ކޯނެލްގެ ކުއްލި މަރާއާ އެކު އެތައް ބަޔަކު ޝޮކެއްގައި ތިއްބައި، ކުރިން އަޑު އިވިފައި ނުވާ އޭނާގެ އާ ލަވަތަކެއް ހުކުރު ދުވަހު ރިލީޒްކޮށްފި އެވެ.
ކްރިސް، 52، މަރުވެފައި އޮއްވައި ފެނުނީ ބުރާސްފަތި ދުވަހު ޑިޓްރޮއިޓްގެ އެމްޖީއެމް ގްރޭންޑް ހޮޓެލްގެ ކޮޓަރިއެއްގެ ތެރޭގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވެފައި އޮއްވައި ފެނުނު އިރު، ކަރުގައި ވާ ފަށެއް ވެސް އައްސައިފައި އޮތެވެ. ކްރިސްގެ ފުރަތަމަ އޮޓޮޕްސީން ދައްކާ ގޮތުގައި އޭނާ މަރުވީ ދަންޖެހިގެންނެވެ.
އޭނާގެ ކުއްލި މަރުގެ ހިތާމައިގައި އެތައް ބަޔަކު ތިއްބައި އަލަށް ނެރުނު ލަވަތަކަކީ 1992 ގައި މެޓް ޑިލަންއާ އެކު، ކްރިސް ނެރުނު ސިންގަލްސް އަށް 25 އަހަރު ފުރުން ފާހަގަ ވެސް ކުރަން ވާނާ ބަރްދާޒް އިން ނެރުނު ލަވަތަކެވެ.
ކްރިސް އަންހެނުންނާއި ދަރިންނާ އެކު: އޭނާ މަރުވުމުން އާއިލާ ތިބީ ޝޮކެއްގައި.
މި ލަވަތަކުގެ ތެރޭގައި ހިމެނެނީ ނޯ ވެއާ ބަޓް ޔޫ، ސްޕޫން މޭން، ފްލަޓަ ގާލް އަދި މިސިން އެވެ.
ކްރިސް މަރުވި އިރު ދެ ކައިވެންޏަކަށް ތިން ދަރިން ލިބިފައިވެ އެވެ. ދޮށީ ދަރިފުޅުގެ އުމުރުން 17 އަހަރުވެފައިވާ އިރު، ހަހު ދަރިފުޅުގެ އުމުރަކީ 11 އެވެ.
އޭނާގެ މަރާ ގުޅިގެން ތަރުޖަމާން ނެރުނު ބަޔާނުގައި ބުނީ ކްރިސްގެ ކުއްލި މަރާ އެކު އަންހެނުން ވިކީ ކަރަޔިނިސް އާއި ދަރިންނަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަަށެވެ.
ކްރިސްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓް ބުނީ ކްރިސްގެ މަރުގެ ހަބަރާ އެކު ހިތް ހަލާކުވެފައިވާ ކަމަށެވެ.
ބައެއް ބޭންޑްތަކާ އެކު ވެސް އަލްބަމްތަކެއް ނެރެފައިވާ އަދި ގްރެމީ ވެސް ހާސިލްކޮށްފައިވާ ކްރިސް ވަނީ އޭނާގެ ސޯލޯ ފަސް އަލްބަމެއް ވެސް ނެރެފަ އެވެ.
އެންމެ ފަހުން އޭނާ ނެރުނު ސޯލޯ އަލްބަމަކީ ހަޔާ ޓްރްތު (2015) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަރެން
20 May 2017
ކްރިސް ކޯރނެލް އަށް އަވަސް ޝިފާއަކަށް އެދެން ! އިތުރު އަލްބަމްތައް ނުކުންނާނެ ކަމަށް އުންމީދުކުރަން ޢާއިލާއިން