"މިހާރު" އެޑިޓޯރިއަލް ޕޮލިސީ

މިއީ މިހާރު އޮންލައިން އަދި މިހާރު ނޫހުގެ އެޑިޓޯރިއަލް ޕޮލިސީއަކީ މިހާރު އޮންލައިނާއި މިހާރު ނޫހުން ހަބަރާއި މައުލޫމާތާއި އެހެނިހެން ވެސް ކޮންޓެންޓްތައް ޝާއިއު ކުރުމުގައި ގެންގުޅޭނެ މައިގަނޑު އަސާސްތަކާއި ހަމަތައް ބަޔާންކުރާ ޕޮލިސީ އެވެ.

އަދި މިހާރު އޮންލައިނާއި މިހާރު ނޫހުގެ އެޑިޓޯރިއަލް ބޯޑުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ނުވަތަ މި ޕޮލިސީއަށް ބަދަލެއް ނުގެންނަހާ ހިނދަކު އެ މައްޗަށް މިހާރު އޮންލައިނާއި މިހާރު ނޫހުގެ އެޑިޓޯރިއަލް ބޯޑާއި ނޫސްވެރިންނާއި އެންމެހައި މުވައްޒަފުން އަމަލު ކުރާނެ އެވެ.

ޚަބަރާއި މައުލޫމާތު ފެތުރުމުގައި ހަމަހަމަވުމާއި އިންސާފުވެރިވުން

މިހާރު އޮންލައިނާއި މިހާރު ނޫހުން ޚަބަރާއި މައުލޫމާތު ގެނެސްދޭނީ ވަކިފަރާތަކަށް ޖެހުމެއް ނެތި, އިންސާފުވެރިކަމާއެކު އެވެ.

މިނިވަންވުމާއި ނުފޫޒުތަކުން އެއްކިބާވުން

މިހާރު އޮންލައިނާއި މިހާރު ނޫހުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި މަސައްކަތް ކުރާނީ ސިޔާސީ ނުވަތަ އެ ނޫން ވެސް ނުފޫޒުތަކުން އެއްކިބާވެ, މިނިވަންކަމާއެކު އެވެ.

ހަޤީގަތާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުން

މިހާރު އޮންލައިނާއި މިހާރު ނޫހުން ހަބަރާއި މައުލޫމާތު ގެނެސްދޭނީ ހަޤީގަތާ އެއްގޮތަށް އަދި އެވަގުތަކަށް ލިބެންހުރި ހުރިހާ މައުލޫމާތުތައް ހޯދުމަށް މަސައްކަތް ކުރުމަށްފަހު އެވެ. އަދި ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ޝާއިއުއެއް ނުކުރާނެ އެވެ. އަދި ސައްހަ ނޫން މައުލޫމާތެއް ޝާއިއު ކުރެވިއްޖެނަމަ އެކަން ވަގުތުން އިސްލާހު ކުރާނެ އެވެ.

ޒިންމާދާރުވުން

މިހާރު އޮންލައިނާއި މިހާރު ނޫހުން ޚަބަރާއި މައުލޫމާތު ގެނެސްދޭނީ ޒިންމާދާރު ކަމާއެކު މުޖްތަމައުގެ އަޚްލާގީ މިންގަނޑުތަކަށް ރިއާޔަތްކޮށްގެންނެވެ. އަދި އެ މައުލޫމާތެއް ޝާއިއު ކުރުމުން މުޖްތަމައުގެ އާންމު އަޚްލާގީ މިންގަނޑުތަކަށް ނޭދެވޭ އަސަރުކުރާ ފަދަ މައުލޫމާތުތައް ޝާއިއުއެއް ނުކުރާނެ އެވެ.

އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފްނުވުން

މިހާރު އޮންލައިނާއި މިހާރު ނޫހުން ޝާއިއުކުރާ ޚަބަރާއި މައުލޫމާތުތަކަކީ އިސްލާމްދީނުގެ އަސްލަކާ ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފް މައުލޫމާތުތަކަށް ވެގެން ނުވާނެ އެވެ. އަދި އެފަދަ ކަމަކަށް ހިތްވަރު ލިބިދާނެ ފަދަ މައުލޫމާތެއް ވެސް ޝާއިއުއެއް ނުކުރާނެ އެވެ.

ޢާންމު މަސްލަހަތަށް އިސްކަން ދިނުމާއި ޒާތީ މަސްލަހަތުތަކަށް އިހްތިރާމްކުރުން

މިހާރު އޮންލައިނާއި މިހާރު ނޫހުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އަބަދުވެސް އިސްކުރާނީ އާންމު މަސްލަހަތާއި ރައްޔިތުންނަށް ލިބިގެންވާ ކަންކަން އެނގުމާއި ހާމަވުމުގެ ހައްޤެވެ. އަދި ވަކި ފަރުދެއް ނުވަތަ ފަރުދުންގެ ޒާތީ މަސްލަހަތު ހިމެނޭ ކަންކަމުގައި އަމަލުކުރާނީ އެކަމެއްގައި އާންމު މަސްލަހަތު ހިމެނޭ މިންވަރަށް ރިއާޔަތްކޮށް, އެ ފަރާތްތަކުގެ ޒާތީ ހައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެ މަތިންނެވެ.

ސިއްރު ހިފެހެއްޓުމާއި މަސްދަރު ހިމާޔަތް ކުރުން

މިހާރު އޮންލައިނާއި މިހާރު ނޫހުން ޚަބަރާއި މައުލޫމާތު ހޯދުމާއި ފެތުރުމުގައި ސިއްރު ހިފަހައްޓަންޖެހޭ ހާލަތްތަކުގައި އެގޮތަށް އަމަލު ކުރާނެ އެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ މަސްދަރުތަކުގެ މައުލޫމާތު އެ ފަރާތެއްގެ ރުހުން އޮވެގެން މެނުވީ އެއްވެސް ގޮތަކަށް ހާމައެއް ނުކުރާނެ އެވެ.

ޝާއިއުކުރާ މައުލޫމާތުތަކުގެ ބާވަތްތައް އެނގެހޭނެހެން އާންމުކުރުން

މިހާރު އޮންލައިނާއި މިހާރު ނޫހުގައި ޝާއިއުކުރާ މައުލޫމާތުތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ އަމިއްލަ ޚިޔާލު ހިމެނޭ ކޮލަމްތަކާއި އެޑިޓޯރިއަލްތަކާއި އެޑްވަޓޯރިއަލް ލިޔުންތައް ޝާއިއު ކުރާނީ އާންމު ޚަބަރާއި މައުލޫމާތުތަކާ ވަކިން ތަފާތުކޮށް, އެކަން އެނގޭ ގޮތަށެވެ.

ތިން ވަނަ ފަރާތްތަކުގެ ފިކުރީ މުދަލުގެ ހައްޤުތަކަށް އިހްތިރާމްކުރުން

މިހާރު އޮންލައިނާއި މިހާރު ނޫހުން ޝާއިއުކުރާ މައުލޫމާތުތަކުގެ ތިން ވަނަ ފަރާތެއްގެ ފިކުރީ މުދަލުގެ ހައްގެއްވާ ނަމަ, އެފަދަ މައުލޫމާތެއް ޝާއިއު ކުރާނީ އެ ފަރާތެއްގެ ހުއްދަ ލިބިގެން ނުވަތަ އެ ފަރާތެއްގެ ދޭންޖެހޭ ހައްގު ކްރެޑިޓް ދީގެންނެވެ.

މަސްލަހަތު ފުށުއަރާ ކަންކަމުން އެއްކިބާވުން

މިހާރު އޮންލައިނާއި މިހާރު ނޫހުން ޚަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި އެކަމެއްގައި އަމިއްލަ މަސްލަހަތެއް އޮތް ނުވަތަ މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތަކުން ބައިވެރިނުވާނެ އެވެ.

24 މޭ 2016