އިންޑިއަން އައިޑޮލްގެ މިރޭގެ ޝޯ ޒީނަތު އަމަން އަށް ހާއްސަ

ސޮނީ ޓީވީން ދައްކާ އިންޑިއަން އައިޑޮލް ސީޒަން 10 ފެށީއްސުރެ މީގެ ފޯރި ވަރަށް ގަދަ އެވެ. ފިލްމުތައް ޕްރޮމޯޓް ކުރަން ތަރިން ޝޯ އަށް ދިއުމާއި އެހާރާއި މިހާރުގެ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނަށް ޓްރިބިއުޓް ދިނުން ފަދަ ކަންކަން އައިޑޮލްގެ ޝޯގެ ތެރެއިން ވަރަށް ބޮޑަށް އަންނަނީ ފެންނަމުންނެވެ.


އެގޮތުން މިރޭގެ އެޕިސޯޑް ވެސް ވަރަށް ހާއްސަވެގެން ދާނެ އެވެ. މިރޭގެ މެހުމާނަކީ 70 ގެ އަހަރުތަކުގައި ބޮލީވުޑަށް ޒަމާނީ ކުލަވަރު ގެނައި އޭރުގެ މޮޑަން ބަތަލާ ޒީނަތު އަމަން އެވެ.

އުމުރުން މިހާރު 67 އަހަރުގެ ބަތަލާގެ ޝޯގެ މެހުމާނެއްގެ ގޮތުގައި ބައިވެރިވާ އިރު، އޭނާގެ ފިލްމުތަކުން ފާހަގަކޮށްލެވުނު ހިތްގައިމު ލަވަތަކެއް މިރޭގެ އިންޑިއަން އައިޑޮލްގެ އެޕިސޯޑުން ފެނިގެން ދާނެ އެވެ. އަދި އެ ލަވަތަކާ އެކު ކުރީގެ ހަންދާންތަކާއި ތަޖުރިބާތައް ވެސް ޒީނަތު ޝޯގެ ތެރެއިން ބެލުންތެރިނާ ހިއްސާ ކުރާނެ އވެެ.

އަނެއްކޮޅުން މިއީ ރެޓްރޯގެ ހަނދާންތަކުގެ ތެރެއަށް ވެސް ބެލުންތެރިން ގެންގޮސް ދޭނެ އެޕިސޯކަށް ވާނެ އެވެ.

ސޮނީން މިހާރު ވަނީ އެ އެޕިސޯޑްގެ ޕްރޮމޯ ވެސް ބެލުންތެރިންނަށް ދައްކާލައިފަ އެވެ. އޭގައި ޝޯގެ ހޯސްޓް މަނީޝް ޕޯލް ޒީނަތާ ފްލާޓް ކުރަން އުޅުމުން އޭނާ އެކަމަށް ރައްދު ދޭ ގޮތް ވެސް ފެނިގެން ދެ އެވެ.

ޒީނަތަކީ އޭނާގެ ކާމިޔާބު ފިލްމީ ކެރިއަރުގައި ވެސް ވަރަށް ރީތި އަދި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ. އެގޮތުން އޭނާގެ ރަން ޒަމާނުގެ އެންމެ މަޝްހޫރު ބަތަލުންނާ އެކު ފިލްމުތައް ކުޅެފައިވެ އެވެ.

މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެނިލާ ދެ ކުދިންގެ މަންމަގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ހަރޭ ރާމާ ހަރޭ ކްރިޝްނާ، ޔާދޯން ކި ބާރާތު، ޑޮން، ގުރުބާނީ، ދޯސްތާނާ އަދި ސަތިއަމް ޝިވަމް ސުންދަރަން ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ސާދަ ބައިވެރިންނާ އެކު ޖުލައި މަހު ފެށި އިންޑިއަން އައިޑޮލް ސީޒަން 10 ގައި މިހާރު ފައިވިއްދާފައި ތިބީ ގަތަ 7 އެވެ. އެއީ ސަލްމާން އަލީ، ނިލަންޖަނާ ރޭ، އަންކުޝް ބަރަދުވާޖް، ރޭނޫ ނަގަރް، ނިތިން ކުމާރު، ކުނާލް ޕަންޑިތު އަދި ވިބޯ ޕަރްޝާރް އެވެ.

އިންޑިއަން އައިޑޮލްގެ ޖަޖުންނަކީ ވިޝާލް ޝޭކަރު އާއި ނޭހާ ކައްކަރު އެވެ. އަދި އެ މީހުންނާ އެކު މިރޭ ޖަޖިން ޕެނެލުން އަނެއްކާ ވެސް ޖާވިދު އަލީ ފެނިގެން ދާނެ އެވެ.