ހީނާ: އޭނާ އަށް ބޮލީވުޑްގެ ފިލްމަކުން ވަނީ ފުރުސަތު ލިބިފައި.
27 ނޮވެމްބަރ 2018 - 07:01
އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ހީނާ ހާނަށް ވެސް ބޮލީވުޑްގެ ފިލްމެއް ކުޅެން ފުރުސަތު ލިބިއްޖެ އެވެ.
އެކަން ކަށަވަރުކޮށް ދެމުން 31 އަހަރުގެ ބަތަލާ ޓައިމްސް އޮފް އިންޑިއާ އަށް ބުނި ގޮތުގައި އޭނާ އަށް ފުރުސަތު ލިބުނީ މި ޒަމާނުގެ ހަލޮބަލިކަމާ ދުރު މާހައުލެއްގެ ވާހަކަ ކިޔައި ދޭނެ ފިލްމަކުން ކަމަށެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނީ އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމުގެ ޝޫޓިން ހީނާ ވަރަށް އަވަހަށް ކަޝްމީރުގައި ފަށާނެ ކަމަށާއި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ 90 ގެ އަހަރުތަކުގެ ތެރެއަށް ކަމަށެވެ.
"ކަސޯޓީ" ގެ އާ ސީޒަނުގައި ކޮމޮލިކާގެ ރޯލް ކުޅޭ ހީނާގެ މި ފިލްމުގައި އޭނާގެ މާމަގެ ރޯލުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ފަރީދާ ޖަލާލު ވެސް ފެނިގެން ދާނެ ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ ހުސައިން ހާން ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުންޏެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ރާހަތު ކަޒްމީ އާއި ޝަކުތީ ސިންގެވެ.
ހީނާ މި މަހު ކުރީކޮޅު ރާއްޖޭގައި.
"އެކްޓަރެއްގެ ގޮތުގައި އަހަރެން ބޭނުން ވަނީ ތަފާތު އެކި ކަހަލަ ޗެލެންޖެސްއާ ކުރިމަތިލާން. ވަރަށް އުފާވެފައި މިހާރު މިހިރީ ފިލްމަކުން ފުރުސަތު ލިބުނީމަ،" ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި ބަތަލާ ބުންޏެވެ.
ސިލްސިލާ "ޔެ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލް ކުޅެގެން މަޝްހޫރުކަން ހޯދި ހީނާ ދާދި ފަހުން ވަނީ ކުރު ފިލްމަކާއި ވީޑިއޯ ލަވައެއްގައި ވެސް މަސައްކަތްކޮށްފަ އެވެ.
އަދި މިދިޔަ އަހަރު ކަލާޒުން ގެނެސް ދިން ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 11 ވަނަ ސީޒަނުގައި ވާދަ ކުރި ފަހުން، ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ކަމަށް ހީނާ ބުންޏެވެ.
އެގޮތުން "ކަސޯޓީ" ގެ އިތުރުން އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ ވަރަށް ވަރުގަދަ އާ ސިލްސިލާއަކުން ވެސް ފުރުސަތު ލިބިފައިވާ ކަމަށް ބުންޏެވެ.
މި ފަހަކަށް އައިސް އިންޑިއާގެ ޓީވީ ތަރިންނަށް ބޮލީވުޑުން ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy