ފިލްމެއް ހަދަން ލޯނެއްގެ ގޮތުގައި ކުންފުންޏަކުން ނެގި 5 ކްރޯޑް ރުޕީސް އެއްބަސްވުމާ އެއްގޮތަށް ނުދެއްކި މައްސަލާގައި ބޮލީވުޑްގެ ކޮމެޑީ އެކްޓަރު ރާޖްޕަލް ޔާދަވް ތިން މަހަށް ލާން ހުކުރު ދުވަހު ދިއްލީ ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ފަނޑިޔާރު ރަޖީވް ސަހާއީ އިއްވި ހުކުމުގައި ބުނެފައި ވަނީ 47 އަހަރުގެ އެކްޓަރު 2012 ގައި ޑައިރެކްޓްކުރި އަލަތު ފިލްމު "އަތާ ޕަތާ ލާޕަތާ" ހަދަން އޭނާގެ ކުންފުނި ޝުރީ ނޯރަންގް ގޯދަވަރީ އެންޓަޓައިންމަންޓުން 2010 ގައި ދިއްލީގެ ކުންފުންޏެއް ކަމަށްވާ މުރުލީ ޕްރޮޖެކްޓްސް އިން 5 ކްރޯޑް ރުޕީސްގެ ލޯނެއް ނަގައި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
މި މައްސަލަައާ ގުޅިގެން ރާޖްޕަލްގެ މައްޗަށް މަދަނީ ދައުވާއެއް ކުރަން މުރުލީ ޕްރޮޖެކްޓުން ކޯޓަށް މައްސަލަ ހުށަހެޅީ 2013 ގަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ތިން ވަނަ އަންހެން ދަރިއަކު ލިބުނު އެކްޓަރު ތިން މަހުގެ ހުކުމް ތަންފީޒު ކުރާނީ ދިއްލީގެ ތިހާރު ޖަލުގަ އެވެ.
"އަތާ ޕަތާ ލާޕަތާ" އަކީ ރާޖްޕަލް ޑައިރެކްޓް ކުރުމުގެ އިތުރަށް މުހިއްމު ރޯލެއް ވެސް ކުޅުނު ފިލްމެކެވެ. އޭގެ ކާސްޓުންގެ ތެރޭގައި އަޝުތޯޝް ރާނާ، ވިޖޭ ރާޒް، އާސްރާނީ، ކުރީގެ އެކްޓަރު ދާރާ ސިންގް އަދި އޯމް ޕޫރީ ހިމެނެ އެވެ.
"އަތާ ޕަތާ ލާޕަތާ" ރިލީޒްކޮށްފައި ވަނީ ނޮވެމްބަރު، 2، 2012 ގަ އެވެ.
ރާޖްޕަލް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޖުޅުވާ 2"، "ބޫލް ބުލައްޔާ"، "މޭނޭ ޕިޔާރު ކިޔު ކިޔާ" އަދި "ކައްޓާ މީޓާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ފެބުރުއަރީ 22 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް، ދަމާލް" އެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރު، މަދޫރީ ޑިކްސިޓް އަދި އަޖޭ ދޭވްގަން ހިމެނެ އެވެ.