ސާނިޔާ އާއި ނަވާޒުއްދީން "ފޮޓޯގްރާފް" ގެ ޝޫޓިންގައި.
03 ޑިސެމްބަރ 2018 - 06:58
ނަވާޒުއްދީން ސިއްދީގީއާ އެކު ފިލްމު "ފޮޓޯގްރާފް" ގައި މަސައްކަތް ކުރެވޭތީ ވަރަށް އުފާވާ ކަމަށާއި އެއީ އެކްޓަރެއްގެ ގޮތުގައި ވަރަށް ގިނަ އެއްޗެހި ދަސްވާ ކަމެއް ކަމަށް ބަތަލާ ސާނިޔާ މަލްއުތުރާ ބުނެފި އެވެ.
ފިލްމު "ޑަންގަލް" އިން 2016 ގައި ބޮލީވުޑަށް ތައާރަފުވި 26 އަހަރުގެ ބަތަލާ ބުނީ ކެރިއަރުގެ އެހާ ކުރީކޮޅުގައި ނަވާޒުއްދީން ކަހަލަ މޮޅު އެކްޓަރަކާ އެކު ސްކްރީން ހިއްސާކޮށްލަން ލިބުމަކީ ބޮޑު ނަސީބެއް ކަމަށެވެ.
ސާނިޔާ ބުނިގޮތުގައި "ފޮޓޯގްރާފް" އަށް ތައްޔާރުވުމުގެ ގޮތުން، އޭނާ ބެލި އެކައްޗަކީ ނަވާޒުއްދީން ކަންކަން ކުރާ ގޮތް ކިޔައި ދީފައި ހުރި އިންޓަވިއުތަކެވެ.
"ޑަންގަލްގެ މަސައްކަތް ނިމުނުތަނާހެން ފޮޓޯގްރާފްގެ ޝޫޓިން ފެށީ. ފުރަތަމަކޮޅު އަހަރެން ވަރަށް ޖެހިލުންވި ނަވާޒުއްދީނާ އެކު މަސައްކަތް ކުރަން ޖެހުނީމަ،" ސާނިޔާ ބުންޏެވެ.
"އެކަމަކު ސެޓަށް އައިސް އޭނާ އެންމެންނާ ގުޅުން ބާއްވާލެއް ގާތްކަމުން ފަހުން ފަސޭހަވާން ފެށި އެކީގައި މަސައްކަތް ކުރަން. އަހަރެން ބުނާނީ ވަރަށް ގިނަ އެއްޗެހި ދަސްވިއޭ ނަވާޒުއްދީންގެ ފަރާތުން."
"ފޮޓޯގްރާފް" ގައި ކިޔައިދެނީ ކާމިޔާބު ފޮޓޯގްރާފަރަކަށް ވާން މަސައްކަތް ކުރާ ފިރިހެނަކު ކައިވެނި ނުކޮށްގެން އޭނާގެ މާމަ ކުރާ ޕްރެޝަރުތަކާ ހެދި ދިމާވާ ހާދިސާތަކެވެ. މި މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ދެން ނަވާޒުއްދީނާ ދިމާވާނީ ސާނިޔާ އެވެ. ފިލްމުގެ މައިގަނޑު ވާހަކައަކީ މި އެވެ.
#PhotographMovie, an official @sundancefest selection. Directed by @riteshbatra, starring @Nawazuddin_S and @sanyamalhotra07. pic.twitter.com/ZWFGuqtTUR
— Photograph (@PhotographAmzn) November 28, 2018
"ފޮޓޯގްރާފް" ގެ ޝޫޓިންގެ ތެރެއިން.
"ފޮޓޯގްރާފް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް އަންނަ އަހަރުގެ ސަންޑާންސް ފިލްމު ފެސްޓިވަލްގައި މި ފިލްމު ޕްރިމިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ.
"ފޮޓޯގްރާފް" އަކީ 2015 ގެ އޮސްކާގެ ބެސްޓް ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ހުށަހެޅި ފިލްމު "ދަ ލަންޗްބޮކްސް" ގެ ޑައިރެކްޓަރު ރިތޭޝް ބަޓްރާ ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ.
އޭނާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ރިލީޒް ކުރި ހޮލީވުޑް ފިލްމު "އަވާ ސޯލްސް އެޓް ނައިޓް" އެވެ. އުމުރުން ދުވަސްވީ ދެ ލޯބިވެރިންގެ ވާހަކަ ކިޔައިދޭ އެ ފިލްމުގައި ލީޑް ރޯލް ކުޅުނީ ރޮބަޓް ރެޑްފޯޑް، 82، އާއި ޖޭން ފޮންޑާ، 80، އެވެ.
ސާނިޔާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރު އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބަދާއީ ހޯ" އެވެ. އެއީ 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދި ފިލްމެކެވެ. "ބަދާއީ ހޯ" ގެ އިތުރުން މި އަހަރު ރިލީޒް ކުރި ސާނިޔާގެ "ޕަޓާކާ" އަކީ އަހަރުގެ އެންމެ ބޮޑު އެއް ފްލޮޕެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy