ކަމަލް ހަސަން ފިލްމު ކުޅުން ހުއްޓާލަނީ

މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "އިންޑިއަން 2" އަށް ފަހު ފިލްމު ކުޅުން ހުއްޓައިލާނެ ކަމަށް އިންޑިއާގެ އެެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ކަމަލް ހަސަން ބުނެފި އެވެ.


ސައުތު އިންޑިއާގެ ފިލްމުތަކުގެ އިތުރުން ހިންދީ ފިލްމުތަކެއް ވެސް ކުޅެފައިވާ 64 އަހަރުގެ އެކްޓަރު ފިލްމު ކުޅުން ހުއްޓައިލާ ސީދާ ސަބަބެއް ނުބުނެ އެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި އޭނާ ހަރަކާތްތެރި ވާނީ ސިޔާސީ ދާއިރާގަ އެވެ.

ކަމަލް ހަސަން ވަނީ މިދިޔަ ފެބުއަރީ މަހުގެ ތެރޭގައި މައްކަލް ނީދީ މައިއަމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ. އެ ޕާޓީން މިހާރު އަންނަނީ އަންނަ އަހަރު ބާއްވާ ލޯކް ސަބާ އިންތިހާބުގައި ޓަމިލް ނާޑޫގެ ގޮނޑިތަކަށް ވާދަ ކުރަން ތައްޔާރުވަމުންނެވެ.

"އިންޑިއަން 2" އަކީ ކަމަލްގެ ވަދާއީ ފިލްމު.

ޑެކަން ކްރޮނިކަލްސް އަށް ދިން އިންޓަވިއެއުއްގައި، ފިލްމު ކުޅުން ހުއްޓައިލާކަން ކަށަވަރުކޮށް ދެމުން "އޭކް ދޫޖޭ ކޭ ލިޔޭ" އާއި "ސަދުމާ" އަދި "ސާގަރު" ފަދަ ކާމިޔާބު ހިންދީ ފިލްމުތައް ކުޅެފައިވާ އެކްޓަރު ބުނީ އޭނާގެ ވަދާއީ ފިލްމު "އިންޑިއަން 2" ގެ ޝޫޓިން މި މަހުގެ 14 ވަނަ ދުވަހު ފަށާނެ ކަމަށެވެ.

"އިންޑިއަން 2 އަށް ފަހު އެކްޓް ކުރުން ހުއްޓާލަނަން،" ތަފުސީލަކަށް ނުގޮސް ކަމަލް ހަސަން ބުންޏެވެ.

"އިންޑިއަން 2" އަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" ގެ ޑައިރެކްޓަރު އެސް ޝަންކަރު 1996 ގައި ގެނެސް ދިން ފިލްމު "އިންޑިއަން" ގެ ދެވަނަ ބައެވެ. އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވޭ މި ފިލްމުގެ ބަތަލާއަކީ ސައުތުގެ ޒުވާން ބަތަލާ ކާޖަލް އަގަރްވާލެވެ.

ކަމަލް ހަސަންގެ ކުރީގެ އަނަހެނުން ސާރިކާ އާއި ދެ އަންހެން ދަރިން.

ކަމަލް ހަސަނަކީ ނެޝަނަލް އެވޯޑްގެ އިތުރުން އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފު ޕަދުމާޝްރީ އެވޯޑް ވެސް ލިބިފައިވާ ފަންނާނެކެވެ. އަދި އޭނާއަކީ އެއް ފިލްމެއްގައި ތަފާތު 10 ކެރެކްޓާ ކުޅެގެން ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދާފައިވާ އެކްޓަރެކެވެ. ކަމަލް ހަސަން ވަނީ 200 އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ.

ބަތަލާއިން ކަމަށްވާ ޝުރޫތީ ހަސަން، 32، އާއި އަކްޝަރާ ހަސަން، 27، ގެ ބައްޕަ ކަމަލް ހަސަނަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް/ޕްރޮޑިއުސަރެއް އަދި ލިޔުންތެރިއެކެވެ.