17 ޑިސެމްބަރ 2018 - 08:16
މި މަހުގެ 7 ގައި ރިލީޒް ކުރި ފިލްމު "ކެދަރުނާތު" އިން ބޮލީވުޑަށް ތައާރަފުވި ސާރާ އަލީ ހާންގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށެވެ. އޭނާގެ ދެވަނަ ފިލްމު "ސިމްބާ" މި މަހުގެ 28 ގައި ސިނަމާތަކަށް އަންނަ އިރު، ބޮލީވުޑްގެ ހަބަރުތައް ބުނާ ބުނާ ގޮތުން ސާރާ އަށް ވަނީ މިހާރު ވެސް އިތުރު ފިލްމުތަކަކުން ފުރުސަތު ލިބިފަ އެވެ.
އޭގެ ތެރޭގައި ދިނޭޝް ވިޖަންގެ "ހިންދީ މީޑިއަމް 2" އާއި އިމްތިއާޒް އަލީ އަންނަ އަހަރު ގެނެސް ދޭން ނިންމާފައިވާ ފިލްމެއް ހިމެނެ އެވެ. އިންޑިއާގެ ނޫސްތަކުން މިހާރު ރިޕޯޓްކޮށްފައިވާ ގޮތުގައި ޓައިގާ ޝްރޮފްގެ ކާމިޔާބު އެކްޝަން ފްރެންޗައިޒް "ބާގީ" ގެ ތިން ވަނަ ފިލްމަށް ވެސް ސާރާ ވަނީ ސޮއިކޮށްފަ އެވެ.
މިއީ މި އަހަރުގެ ކުރީކޮޅު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި "ބާގީ 2" ރިލީޒް ވެސް ނުކުރަނީސް މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އިއުލާންކޮށްފައިވާ ފިލްމެކެވެ. އޭރު އެ ފިލްމުގެ ޓީމުން ބުނީ ޓައިގާއާ އެކު ފިލްމުގައި ބަތަލާގެ ރޯލް ކުޅޭނެ ތަރިއަކު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ނަމަވެސް އެކަން އަދި "ބާގީ" ގެ ޓީމުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
Drumrolls 🥁🎷
— Nadiadwala Grandson (@NGEMovies) February 19, 2018
Our excitement level has just tripled! We are thrilled to share the 3rd instalment of #SajidNadiadwala’s Baaghi franchise starring @iTIGERSHROFF directed by @khan_ahmedasas#Baaghi3 @WardaNadiadwala pic.twitter.com/ijYdyIqbVs
ނަދިއަދުވާލާ ގްރޭންޑްސަންގެ ޓްވީޓެއް.
ސާރާއަށް އެ ފިލްމުން ފުރުސަތު ލިބިއްޖެ ނަމަ މިއީ ހިންދީ ސިނަމާ އިން އަނެއްކާވެސް ޒުވާން ޖޯޑެއް އެކީގައި ފެނިގެން ދިއުމެވެ. އަނެއްކޮޅުން ސާރާ އާއި ޓައިގާއަކީ ޝައުގުވެރި ޖޯޑަކަށް ވެސް ވާނެ އެވެ. ޓައިގާގެ ބައްޕަ ޖެކީ ޝްރޮފާއި ސާރާގެ މަންމަ އަމްރިތާ ސިންގްއަކީ އެކީގައި ފިލްމުތައް ކުޅެފައިވާ ދެ ތަރިންނެވެ. އޭގެ ތެރޭގައި މޭރާ ދަރަމް (1986)، އާއިނާ (1991) އަދި އޯރެންގަޒަބް (2013) ފާހަގަކޮށްލެވެ އެވެ.
އަނެއްކޮޅުން އަމްރިތާ ވަނީ ފިލްމެއްގައި ޓައިގާގެ މަންމަގެ ރޯލް ވެސް ކުޅެފަ އެވެ. އެއީ 2016 ގައި ރިލީޒް ކުރި ޓައިގާގެ ސުޕަހީރޯ ފިލްމު "އަ ފްލައިން ޖަޓް" ގަ އެވެ.
"ބާގީ" ގެ ފުރަތަމަ ފިލްމުގައި ޓައިގާއާ އެކު ބަތަލާގެ ރޯލް ކުޅުނީ ޝުރަދާ ކަޕޫރެވެ. އަދި "ބާގީ 2" ގައި ބަތަލާގެ ރޯލް ކުޅުނީ ޓައިގާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ.
ސާޖިދު ނަދިއަދްވާ ޕްރޮޑިއުސް ކުރި އެ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ބައި ޑައިރެކްޓް ކުރީ ސައްބީރު ހާނެވެ. ދެވަނަ ބައި ޑައިރެކްޓް ކުރީ ތިން ވަނަ ބައި ވެސް ޑައިރެކްޓް ކުރާ އަހުމަދު ހާނެވެ.
ޓައިގާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މެއި 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޖަރާ
17 December 2018
ވާނެ ވާނެ ސަޅި.