ނޭހާ އާއި ހިމާންޝް: ދެ މީހުން މިހާރު ވަނީ ވަކިވެފައި.
17 ޑިސެމްބަރ 2018 - 08:19
ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އާއި އެކްޓަރު ހިމާންޝް ކޯލީގެ ލޯބީގެ ވާހަކަ މިހާރު މި ދެ ތަރިންގެ ފޭނުންނަށް ޔަގީނުން ވެސް އަލެއް ނުވާނެ އެވެ. ދެ ތަރިން ވަނީ ރައްޓެހިވެގެން އުޅޭކަން، ނޭހާ ޖަޖް ކުރަމުން އަންނަ ސޮނީ ޓީވީގެ ޝޯ "އިންޑިއަން އައިޑޮލް" ސީޒަން 10 ގެ އެޕިސޯޑެއްގެ ތެރެއިން ވެސް ކަށަވަރުކޮށް ދީފަ އެވެ.
އެެ ހިސާބުން ފެށިގެން ގިނަ ބަޔަކު ބުނަމުން ދިޔައީ މިއީ ވަރަށް ލޯބި އަދި ވަރަށް ގުޅޭ ޖޯޑެއް ކަމަށެވެ. އެހެންވެ ދެ މީހުންގެ ގުޅުމަށް ފޭނުން ވަނީ އިންސްޓަގްރާމްގައި ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔައިފަ އެވެ.
ނަމަވެސް ހިތާމަވެރި ހަބަރަކީ ނޭހާ އާއި ހިމާންޝްގެ ގުޅުން ނިމުމަކަށް އައި ވާހަކަ އެވެ. އެކަހަލަ ވާހަކަތަކެއް މީޑިއާތަކުގައި ފެތުރެމުންދާ ދުވަސްކޮޅެއް ފަހުން، ނޭހާ އިންސްޓްގްރާމް ސްޓޯރީގައި ހިއްސާ ކުރަމުން ދިޔަ ވާހަކަތަކާ އެކު، ހަމަ ހަގީގަތުގައި އެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް މިހާރު ބެލެވެ އެވެ.
ހިމާންޝް އާއި ނޭހާ އިންޑިއަން އައިޑޮލްގެ ސްޓޭޖްގައި.
ހިމާންޝްގެ ނަން އެއްވެސް ވަރަކަށް ނުހިމަނައި، ނޭހާ ހިއްސާކޮށްފައި ހުރި ވާހަކަތަކުގެ ތެރޭގައި ބުނެފައި ވަނީ އޭނާ "ހުރިހާ އެއްޗެއް ދިން ކަމަށާއި ބަދަލުގައި ލިބުނީ ކޮން އެއްޗެއްތޯ" އަހާލާ ގޮތަކަށް ޖުމްލައިގެ ފަހަތަށް ތިކިތަކެއް ތަޅައިފަ އެވެ.
"ބަދަލުގައި ލިބުނީ ކޮން އެއްޗެއްކަން ހިއްސާ ކުރާނެހާ ހިތްވަރެއް ވެސް ނެތް. މިހާރު އަހަންނަށް ގަބޫލުކުރެވޭ މި ދުނިޔޭގައި ވަރަށް ގޯސް މީހުން ވެސް އުޅޭކަން،" އިންޑިއާގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނޭހާ ބުންޏެވެ.
އޭނާ ބުނީ މި ވާހަކަތައް މި ގޮތަށް ދެއްކުމުން މީހުން ދެން ފާޑުފާޑުގެ ވާހަކަ ވެސް ދައްކާނެކަން ގަބޫލުކުރާ ކަމަށެވެ. އެކަމަކު މިހާރު އެކަހަލަ ކަންކަމަށް އާދަވެފައިވާ ކަމަށް ހުނަރުވެރި ލަވަކިޔުންތެރިޔާ ބުންޏެވެ.
ނޭހާ ބުނީ ގިނަ މީހުން ބުނާ ގޮތަށް "ސެލެބްރިޓީންނަކީ ދެ މޫނުގެ ވެރިއެއްގެ ބައެއް ކަމަށް ގަބޫލުކުރަން ޖެހޭ" ކަމަށެވެ. އެކަމަކު ޒާތީ ދިރިއުޅުމުގައި ދިމާވާ އަޑިގުޑަންތަކާއި ހިތްދަތި ކަންތައްތަކާ އެކު ވެސް ހިނިތުންވެ ތިބެ، ޕްރޮފެޝަނަލް މައިދާނުގައި ދުނިޔެއާ ކުރިމަތިލާން ޖެހޭ ކަމަށް ބުންޏެވެ.
ނޭހާ އާއި ހިމާންޝް، ނޭހާގެ ބޭބެ ޓޯނީ ކައްކަރްއާ އެކު.
ފިލްމު "ޔާރިޔާން" އިން ބޮލީވުޑަށް ތައާރަފުވި ނަމަވެސް މިހާތަނަށް ބޮޑު ކުރިއެރުމެއް ހޯދިފައި ނެތް ހިމާންޝް އާއި ނޭހާ ލޯބީގެ ގޮތުން ގުޅުނީ މި އަހަރުގެ ތެރޭގަ އެވެ. އަދި ގުޅުން ނިމުމަކަށް އައީ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އެކަމަކު ދެ މީހުންގެ ލޯބި، ދެ ފަންނާނުން އިންސްޓަގްރާމުން ފޮލޯ ކުރާ މީހުންނަށް ފެންނާނެ އެވެ.
ނޭހާ އާއި ހިމާންޝް ވަނީ އެކުގައި ވީޑިއޯ ލަވައެއް ވެސް ކުޅެފަ އެވެ. ދެ މީހުން ވަކިވި ނަމަވެސް އެކީގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި އަދިވެސް އެބަ ހުއްޓެވެ.
އިންޑިއަން އައިޑޮލްގެ އެޕިސޯޑެއްގައި ދާދި ފަހުން ނޭހާ ބުނި ގޮތުގައި ކުރިން ވެސް އޭނާ ލޯބީގެ ގޮތުން މީހަކާ ގުޅުނެވެ. އެކަމަކު އެ ފަހަރު ގުޅުން ނިމުމަކަށް އައީ އަންހެނެއްގެ ކެރިއަރަށް ފިރިހެނަކު ހުރަސް އަޅާ ކަމަށް ގަބޫލުކުރެވިގެންނެވެ.
އެހެންވެ ސުވާލަކީ މި ފަހަރު ގުޅުން ނިމުމަކަށް ދާން ޖެހުނީ ކޮން ސަބަބަކާ ހުރެތޯ އެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުނެލީ
17 December 2018
ނޭގެ މަށަކައް...އޭނަ ކަޢިރީ އަހާބަލަ