މުނިފޫހިފިލުވުން / ވިދްޔާ ބާލަން

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ވިދިޔާ: "އެންޓީއާރް" ބައޯޕިކްގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ.

24 ޑިސެމްބަރ 2018 - 07:12

ކުޅޭނެ ރަނގަޅު ފިލްމެއް ނުލިބޭތީ ބޮޑު ސްކްރީނާ ދުރުގައި ވަރަށް ދުރުގައި ހުރުމަށް ފަހު އެކްޓަރު ބޮބީ ޑިއޯލް މި ފަހުން ކުޅުނު ތިން ފިލްމަކީ ވެސް ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމުތަކެއް ނޫނެވެ. އެއީ "ޕޯސްޓަރު ބޯއި" އާއި "ރޭސް 3" ގެ އިތުރުން "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" އެވެ.

މި ފިލްމުތައް ބޮކްސް އޮފީހުގައި ފެއިލް ވިޔަސް ބޮބޯ މިހާރު ހުރީ ކުރިއެކޭ އެއްގޮތަށް ފިލްމީ މަސައްކަތައިގެން ކުރިއަށް ދާށެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ބޮޑު ކާސްޓެއް ފެނިގެން ދާނެ "ހައުސްފުލް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމެވެ. އެއީ އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ނިންމާފައިވާ ފިލްމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޮބީ މިހާރު ވަނީ ވެބް ސީރީޒަކަށް ވެސް ސޮއިކޮށްފަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އޭގެ ނަމަކީ "އިންޑިއާ ސްޓްރައިކްސް" އެވެ.

ނަމަވެސް މިކަމާ ބެހޭ އެއްވެސް އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އިންޑިއާގައި ވެބް ސީރީޒްތަކަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވަމުން އަންނަ އިރު، މަޝްހޫރު ތަރިން މިހާރު އަންނަނީ ޑިޖިޓަލް ފްލެޓްފޯމަށް ވެސް ވަރަށް ބޮޑަށް ފޯކަސް ކުރަމުންކަން ފާހަގަކޮށްލެވެ އެވެ.

މިހާރު އުމުރުން 49 އަހަރުގެ ބޮބީއަކީ ފިލްމު "ބަރުސާތު" އިން 1995 ގައި ބޮލީވުޑަށް ތައާރަފުވެ 2007 ވަނަ އަހަރަށް ވަރަށް ރީތި އަދި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އެކަމަކު އޭގެ ފަހުން އޭނާގެ ކެރިއަރު ވަނީ ވަރަށް ބޮޑަށް އަރިއަޅާލައިފަ އެވެ.

ސައުތުގެ އިތުރު އެކްޓަރެއް ބޮލީވުޑަށް

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީން ބޮލީވުޑަށް ނުކުންނަ ތަރިން އިތުރުވަމުން އަންނަ އިރު، އަނެއްކާ ވެސް ސައުތުގެ މަޝްހޫރު ޒުވާން އެކްޓަރަކު ބޮލީވުޑަށް ތައާރަފުވާން މިހާރު ވަނީ ހަމަޖެހިފަ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އިންޑިއާ އިން ކާމިޔާބު ކުރި 1983 ގެ ކްރިކެޓް ވޯލްޑް ކަޕަށް ބިނާކޮށް ކަބީރު ހާން ޑައިރެކްޓް ކުރާ ފިލްމު "83" ގައި އޭރުގެ އިންޑިއާގެ ކްރިކެޓް ޓީމްގައި ހިމެނުނު އެއް ކުޅުންތެރިޔާ ކްރިޝްނަމަޗާރީ ސްރިކަންތުގެ ރޯލް ކުޅޭނީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ އެކްޓަރު ވިޖޭ ދެވަރަކޮންޑާ އެވެ.

"އަރުޖުން ރެޑީ" ގެ ހިންދީ ރިމެކެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އެ ފިލްމުގައި ވިޖޭ ކުޅުނު ރޯލް ކުޅެނީ ޝާހިދު ކަޕޫރެވެ.

ސްރިކާންތު އަދި ވިޖޭ: ފިލްމު "83" ގައި ވިޖޭ ކުޅޭނީ ސްރިކާންތުގެ ރޯލް.

"ބަޖިރަންގީ ބައިޖާން" ފަދަ ފިލްމުތައް ގެނެސް ދިން ކަބީރު ޑައިރެކްޓް ކުރާ "83" ގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، މި ފިލްމުގެ ލީޑް އެކްޓަރަކީ ރަންރީވު ސިންގް އެވެ. އޭނާ ކުޅޭނީ 83 ގެ މުބާރާތް ކާމިޔާބު ކުރި އިންޑިއާ ޓީމްގެ ކެޕްޓަނަކަށް ހުރި ކުރީގެ މަޝްހޫރު ކްރިކެޓް ތަރި ކަޕިލް ދޭވްގެ ރޯލެވެ.

ރިޕޯޓްތައް ބުނާ ގޮތުން "83" އަށް ގެ އިތުރުން ވިޖޭ އަށް ވަނީ ބޮލީވުޑްގެ އެހެން ފިލްމަކުން ވެސް ފުރުސަތު ލިބިފަ އެވެ. އެއީ ޖާންވީ ކަޕޫރު، އިންޑިއާގެ ފުރަތަމަ އަންހެން ހެލިކޮޕްޓަރު ޕައިލެޓް އަދި އިންޑިއަން އެއާ ފޯސް (އައިއޭއެފް) ގައި މަސައްކަތްކޮށްފައިވާ ގުންޖަން ސަކްސޭނާގެ ރޯލް ކުޅޭ ބައޮގްރިފަކަލް ޑްރާމާ އެވެ.

ކުރިން އަޑު އަރާފައިވާ ގޮތުން އެ ފިލްމުގައި ޖާންވީއާ އެކު ފެނިގެން ދާނީ ސައުތުގެ އެކްޓަރު ދަލްގޫރު ސަލްމާނެވެ.

ނުޝްރަތުގެ އައިޓަމް ލަވައެއް

މި އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ބަތަލާ ނުޝްރަތު ބަރޫޗާގެ ޑިމާންޑް ވެސް މިހާރު ވަނީ ވަރަށް ބޮޑު ތަނުން އުފުލިގެން ގޮސްފަ އެވެ.

މިހާރު ވެސް ދެ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ މި ބަތަލާ އަށް މިހާރު ވަނީ ފިލްމަކުން އައިޓަމް ލަވައެއް ކުޅެން ހުށަހަޅައިފަ އެވެ. އެއީ މިހާރު ޝޫޓް ކުރަމުން އަންނަ މިލަޕް މިލަން ޒަވޭރީގެ ފިލްމު "މަރުޖާވާ" ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގައި ހިމެނޭ ހިތްގައިމު އައިޓަމް ލަވައަކުން ނުޝްރަތު ފެނިފެންދާ އިރު، އެ ލަވައިގެ ޝޫޓިން މާ ލަސްތަކެއް ނުވެ އޭނާ ފަށާނެ އެވެ.

ނުޝްރަތު: މިހާރު ކުރިއަރަމުން އަންނަ ބަތަލާއެއް.

"މަރުޖާވާ" އަކީ މި އަހަރު އެންމެ މަގުބޫލުވި އައިޓަމް ލަވަ ކަމަށްވާ "ދިލްބަރު" ވެސް ހިމެނޭ "ސަތިޔަމޭވް ޖަޔަތޭ" އަށް ފަހު މިލަޕް ހަދާ ފުރަތަމ ފިލްމެވެ. މީގެ ކާސްޓުންނަކީ ރިތޭޝް ދޭޝްމުކް، ތާރާ ސުތާރިއާ، ސިދާތު މަލްއުތުރާ އަދި ރަކުލް ޕްރީތު ސިންގް އެވެ.

ނުޝްރަތު މިހާރު ކުޅެމުން އަންނަ ދެ ފިލްމަކީ އަޔޫޝްމަން ކުރާނާއާ އެކު ކުޅޭ "ޑްރީމް ގާލް" އާއި ރާޖްކުމާރު ރާއޯއާ އެކު ކުޅޭ "ތުއްރަމް ހާން" އެވެ.

"އެންޓީއާރް" ބައޯޕިކްގެ ޓްރެއިލާ ދައްކާލައިފި

އަންނަ އަހަރު ސައުތުގެ ސިނަމާ އަށް އަންނަން އޮތް އުންމީދީ ފިލްމަކީ ކުރީގެ ސުޕަސްޓާ އެންޓީއާރްގެ ބައޮގްރަފިކަލް ޑްރާމާ އެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. އެއިން ފެންނަ ގޮތުގައި މިއީ ބެލުންތެރިން ވަރަށް ގަޔާވާނެ ފިލްމެކެވެ. "އެންޓީއާރް" ޑައިރެކްޓްކޮށްފައި ވަނީ އަންނަ މަހުގެ 25 ގައި ރިލީޒް ކުރާ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރުނިކާ" ގެ ވެސް ޑައިރެކްޝަނުގައި ހިއްސާވެފައިވާ ކްރިޝް އެވެ.

"އެންޓީއާރް" ގެ ރޯލަކުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދިޔާ ބާލަން ވެސް ފެނިގެންދާ އިރު، މި ފިލްމުގައި ސްރީދޭވީގެ ރޯލުން ރަކުލް ވެސް ފެނިގެން ދާނެ އެވެ. "އެންޓީއާރް" ގައި ޓައިޓްލް ރޯލް ކުޅެފައި ވަނީ ނަންދަމުރީ ބާލަކްރިޝްނާ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި "ބާހްބަލީ" ގައި ބައްލާދޭވްގެ ކެރެކްޓާ ކުޅުނު ރާނާ ދަގޫބަތީ، ބާރަތު ރެޑީ، ޕޫނަމް ބަޖްވާ އަދި ސަޗިން ކެޑޭކަރު ހިމެނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454