އަންކިތު ޝޯއެއްގައި ލަވަ ކިޔަނީ.
05 ޖެނުއަރީ 2019 - 08:09
ފިލްމު "އާޝިގީ 2" ގެ "ސުން ރަހާ ހެ ނާ ތޫ" ފަދަ މަގުބޫލު ލަވަތައް ކިޔައިގެން ބެލުންތެރިންގެ ހިތްތައް އަތުލި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
ދަރިފުޅާއި އަންހެނުން ޕައްލަވީ ޝުކްލާއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން 32 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އާ އަހަރާ އެކު ލިބުނު އެންމެ ބޮޑު ހަދިޔާއަކީ ދަރިފުޅު ކަމަށެވެ. އަންކިތު ބުނި ގޮތުގައިއޭ ދަރިފުޅަށް ނަން ދިނީ އޭނާ މެންޓޯއެއްގެ ގޮތުގައި ދެކެވޭ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓް އެވެ.
އަންކިތުގެ އަލަތު ދަރިފުޅުގެ ނަމަކީ އަރިއާ ތިވާރީ އެވެ.
އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ދަރިފުޅަށް މަހޭޝް ނަން ދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާގެ ކާމިޔާބީގެ އަސްލަކީ ވެސް މަހޭޝް ކަމަށެވެ.
އަންކިތާއި އަންހެނުން ދަރިފުޅާ އެކު.
"އަހަރެންގެ ކެރިއަރުގެ ވަރަށް މުހިއްމު ހިއްސާއެއް އެއީ. އެހުންތެރިން ބަލައިގަތް ލަވަކިޔުންތެރިއަކަށް އަހަރެންވީ މަހޭޝް ސާ ދިން ފުރުސަތުގެ ސަބަބުން،" 20 އަހަރު ފަހުން މަހޭޝް ޑައިރެކްޓް ކުރާ ފިލްމު "ސަޅަކް 2" އަށް ވެސް ލަވަ ކިޔަން ފުރުސަތު ލިބިފައިވާކަން ފާހަގަކޮށް އަންކިތު ބުންޏެވެ.
"ތޭރީ ގަލިޔާ" އާއި "ކަތުރާ ކަތުރާ" ފަދަ ރީތި އެތައް ލަވައެއް ކިޔާފައިވާ އަންކިތާއި ޕައްލަވީ ކައިވެނި ކުރީ މިދިޔަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy