މޯހިތު: މި މަހުގެ 11 ގައި ރިލީޒް ކުރާ "ޔޫރީ" އިން ފެނިގެން ދާނެ.
06 ޖެނުއަރީ 2019 - 08:04
މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ބޮޑު ރޯލަކުން ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަލު ކުރާ އިރު، މި ވަގުތު އަލުން އެނބުރި ޓީވީ ސިލްސިލާތަކުގެ މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް އެކްޓަރު މޯހިތު ރައިނާ ބުނެފި އެވެ.
މޯހިތު ވަނީ ވަރަށް ގިނަ ކާމިޔާބު ސިލްސިލާތަކެއް ކުޅެ، ޓީވީގެ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެކްޓަރުންގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. އުމުރުން މިހާރު 36 އަހަރުގެ އެކްޓަރު ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި ދެވޯން ކާ ދޭވް: މަހޭދޭވް (2011-2014)، މަހާބާރަތު (2013) އަދި ޗަކްރަވަރްތިން އަޝޯކާ ސަމްރާޓް (2016) ފާހަގަކޮށްލެވެ އެވެ.
ވިކީ ކޯޝަލް އާއި ޔަމީ ގޯތަމް ލީޑް ރޯލުން ފެނިގެންދާ "ޔޫރީ" ގައި ސިފައިންގެ މީހެއްގެ ރޯލުން މޯހިތު ފެނިގެންދާ އިރު، އޭނާ މިހާރު އަންނަނީ ދެ ވެބް ސީރީޒެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. އެއީ "21 ސަރުފަރޯޝް: ސަރްގާހީ 1897" އާއި "ބައުކާލް" އެވެ.
މޯހިތު: އޭނާއަކީ ޓީވީން މަޝްހޫރުވި އެކްޓަރެއް.
"މި ވަގުތު އަހަރެންގެ ފޯކަސް ހުރީ ފިލްމާއި ޑިޖިޓަލް ޕްލެޓްފޯމަށް. އެހެންވެ ހިއެއް ނުވޭ ދެން އަވަހަކަށް ޓީވީ ސިލްސިލާއަކުން ފެނިދާނެ ހެންނެއް. އެކަހަލަ ޕްލޭނެއް ވެސް މި ވަގުތު ނެތް،" ޓީވީ ބަތަލާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި ނުކުމެފައިވާ މޯނީގެ ރޯއިގެ ލޯބިވެރިޔާ ކަމަށް އަޑު އަރާފައިވާ މޯހިތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޑިޖިޓަލް ކޮންޓެންޓަށް އިންޑިއާ އިން މިހާރު ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ މިއީ ކުރިމަގު ވަރަށް އުޖާލާ ދާއިރާއެކެވެ.
"އެހެންވެ ރަނގަޅު ހުށަހެޅުންތަކަށް އަބަދުވެސް މަރުހަބާ ކިޔާނަން،" މޯހިތު ބުންޏެވެ.
އަދިތިޔާ ދާރް ޑައިރެކްޓްކޮށްފައިވާ "ޔޫރީ" އިން މޯހިތު ފެނިގެން ދާނީ ކެޕްޓަން ކަރަން ކޭޝަޕް ކިޔާ ކެރެކްޓާއަކުންނެވެ. އޭނާ ބުނި ގޮތުގައި އެ ރޯލް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމުގެ އުންމީދު ބޮޑެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށްފައިވާ "ޔޫރީ" އަކީ ކަޝްމީރުގެ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް 2016 ގައި ދިން ހަމަލާއެއްގައި އިންޑިއާގެ 18 ވަރަކަށް އަސްކަރީ އޮފިސަރުން މަރުވި ހާދިސާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޕަރޭޝް ރާވަލް އާއި ކިރްތީ ކުލްހާރީ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy