ސަނަމް ބޭންޑްގެ މެމްބަރުން: ބޭންޑްގެ މިހާރުގެ އަމާޒަކީ އަމިއްލަ ލަވަތައް ހެދުން.
27 މެއި 2016 - 07:59
އިންޑިއާގެ ޒުވާން ބޭންޑް "ސަނަމް" އަކީ މިހާރު ދިވެހިންނަށް އާ ބޭންޑަކަށް ގައިމު ވެސް ނުވާނެ އެވެ. ވެރި ރަށް މާލެ އާއި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި މި ބޭންޑް ވަނީ ޝޯތައް ދީ ދިވެހި ފޭނުން އުފާކޮށް، ދިވެހިންގެ ހިތްތަކުން ޖާގަ ހޯދައިފަ އެވެ.
ހަމަ މިއާ އެކު ރާއްޖޭގެ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ މީރާ މުހައްމަދު މާޖިދާ އެކު، ސަނަމް ބޭންޑުން ވަނީ ލަވައެއް ރެކޯޑްކޮށް، އެ ލަވައިގެ ވީޑިއޯ ވެސް ހަދައި ބެލުންތެރިންގެ ހިތް އަތުލައިފަ އެވެ.
ބޭންޑްގެ ލީޑް ވޯކަލިސްޓް އަދި ދިވެހި އަންހެން ކުދިންގެ ހިތްތައް ކަތިލައިލި ސަނަމް އާއި މީރާގެ ލަވައިގެ ވީޑިއޯ ހަދައިފައި ވަނީ އައްޑު އަށް ކުރި ދަތުރުގައި ކެނަރީފް ރިސޯޓްގަ އެވެ.
އެ ރިސޯޓްގައި އެ ބޭންޑުން ވަނީ އިތުރު އެހެން ލަވައެއް ވެސް ޝޫޓްކޮށް، އެ ލަވަ ވެސް މިދިޔަ އަހަރު އާންމުކޮށްފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދުވެސް ޓުއާތައް ބާއްވަމުން އަންނަ ސަނަމް އިން މިހާރު ބޭންޑުގެ ފޭނުންނަށް ދޭ އުފާވެރި ހަބަރެއް ވެސް އެބަ އޮތެވެ. އެއީ މި އަހަރުން ފެށިގެން މުޅިން ވެސް ބޭންޑްގެ އޮރިޖިނަލް ލަވަތައް ފޭނުންނާ ހަމައަށް ގެނެސް ދޭން މަސައްކަތްކުރާ ވާހަކަ އެވެ.
ސަނަމް ބޭންޑްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ މި އަހަރަކީ އޮރިޖިނަލް ލަވައިގެ އަހަރެއް ކަމަށެވެ. އެގޮތުން ބޭންޑުން ތައްޔާރު ކުރި އަމިއްލަ އާ ލަވަ "އިޝްޓައިލް" މިހާރު ވަނީ ދައްކާލައިފަ އެވެ.
ބޭންޑުން ބުނީ މިފަދަ އެތައް ލަވަތަކެއް އަދި ކުރިއަށް ހުރީ ކަމަށެވެ. އިންތިޒާރު ކުރަން ޖެހޭ ކަމަށެވެ.
އަމިއްލަ އުފެއްދުންތަކާ ދިމާ އަށް ބޭންޑް މިސްރާބު ޖަހާފައިވާ އިރު، ފާހަގަކޮށްލެވޭ ކަމަކީ "ސަނަމް" އަކީ ކުރީގެ ހިންދީ ލަވަތައް މި ޒަމާނީ ރަހަތަކާ އެކު ގެނެސް ދޭން ވަރަށް ކުޅަދާނެ ބޭންޑެއް ކަމެވެ. އެ ބޭންޑް ގިނަ ބަޔަކު ބަލައިގަތީ ވެސް އެ ލަވަތާ އެކުގަ އެވެ.
ސަނަމްގެ ހިތްގައިމު އަޑުން ހިންދުސްތާންގެ ރަން ޒަމާނުގެ ލަވަތައް އިއްވައިލާ އިރު، ބޭންޑްގެ ފޭނުން އެހެރަ އަރާ ފޯރިއާ އެކު، އެ ބޭންޑް ދެކެ އެތައް ބަޔަކު ލޯބިވާކަން ދައްކުވައިދެ އެވެ. ކުރީގެ ލަވަތަކުން ފޭނުން ހެއްވާލައި ރޮއްވާލައި އުފާކޮށްދޭ ދިނުމަކީ ބޭންޑަށް އެތައް ބަޔަކު ސަޕޯޓް ކުރާ އެއް ސަބަބެވެ.
ފޭނުން އަދިވެސް އުންމީދު ކުރާނީ އޮރިޖިނަލް ލަވަތަކާ ދިމާ އަށް ބޭންޑް ދިޔަޔަސް، ސަނަމް ބޭންޑްގެ ސިގްނޭޗާއަކީ ކުރީ ޒަމާނުގެ ލަވަތައްކަމުން އެ ލަވަތައް އަދިވެސް އިވޭނެ ކަމަށެވެ.
ހަތަރު މެމްބަރުން ހިމެނޭ މި ބޭންޑަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް ބޭންޑެކެވެ. އެކަން ދިވެހިން ވަނީ ރާއްޖޭގައި ބޭންޑުން ބޭއްވި ދެ ޝޯ އިން ވެސް ސާބިތުކޮށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy