ފަރުހާން އަހުތަރު: "ޑޮން 3" މާ ލަސްތަކެއް ނުވެ އިއުލާން ކުރާނެ ކަމަށް ބެލެވޭ.
13 ޖެނުއަރީ 2019 - 07:35
ޑައިރެކްޓަރު ފަރްހާން އަހުތަރުގެ ވާހަކަ މި ދުވަސްކޮޅު އެންމެ ބޮޑަށް ދެކެވެނީ އޭނާގެ ޒާތީ ދިރިއުޅުމާ ގުޅުވައިގެންނެވެ. އެގޮތުން ޝިބާނީ ޑަންޑޭކަރް އާއި ފަރްހާން މާ ލަސްތަކެއް ނުވެ ކައިވެކޮށްފާނެ ކަމަށް ބުނާ ވާހަކަތައް މި ދުވަސްކޮޅު ވަކިން ގަދަ އެވެ. ރިޕޯޓްތައް މިހާރު ބުނަނީ ދެ މީހުން ކައިވެނި ކުރާނީ އަންނަ އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ.
އެކަމަކު މި ފަހަރު އެ ވާހަކަ އެއް ފަރާތްކޮށްފައި ފަރުހާންގެ އެހެން ވާހަކައެއް ދައްކަމާ ހިނގާށެވެ. އޭނާ ދެން ޑައިރެކްޓް ކުރާނެ ފިލްމެއްގެ އިންތިޒާރުގައި ތިބި ފޭނުން ގިނަ އެވެ. އެހެންވެ އެ މީހުންނަށް ދޭން އޮތީ އުފާވެރި ޚަބަރެކެވެ ފަރްހާން ބުނި ގޮތުގައި މާ ލަސްތަކެއް ނުވެ، ހާއްސަ ޚަބަރަކީ ކޮބައިކަން ހިއްސާ ކުރާނެ އެވެ.
އޭނާގެ ދައްތަ ޒޯޔާ އަހުތަރުގެ އެންމެ ފަހުގެ ޑައިރެކްޝަން "ގަލީ ބޯއި" ގެ ޓްރެއިލާ ލޯންޗް ކުރަން މި މިދިޔަ ބުދަ ދުވަހު ބޭއްވި ހަފުލާގައި ފަރުހާން މީޑިއާތަކަށް ބުނީ އުފާވެރި ޚަބަރެއް ދޭން އެބައޮތް ކަމަށާއި ދެން މާ ލަހެއް ނުކުރާނެ އެވެ.
.@FarOutAkhtar is soon going to make a SPECIAL announcement about a film, which one do you think it will be?#GullyBoy #GullyBoyTrailer @excelmovies pic.twitter.com/CYMTaLuO2n
— BollywoodLife (@bollywood_life) January 9, 2019
ރިޕޯޓްތައް ބުނާ ގޮތުން އޭނާ އެ އިޝާރާތްކޮށްފައި ވަނީ ފިލްމު "ޑޮން" ގެ ތިނަ ވަނަ ބަޔަށެވެ. މި ފިލްމުގެ ވާހަކަ ދޭތެރެ ދޭތެރެ އިން އެކި ގޮތްގޮތަށް މީޑިއާތަކުގައި ފެތުރެ އެވެ. ޝާހްރުކް ހާން ޓައިޓްލް ރޯލް ކުޅޭ "ޑޮން" ގެ ތިން ވަނަ ބައި ގެނެސް ދޭނެކަން ކަށަވަރުކޮށް ދީފައި އޮތް ނަމަވެސް، އެ ފިލްމު މާ ބޮޑަށް ދިގުލައިގެންދާތީ ބައެއް ފޭނުން ތިބީ މާޔޫސްކަމެއްގެ މަތީގަ އެވެ.
"ޑޮން" ގެ ފުރަތަމަ ބައި 2006 ގައި ގެނެސް ދިނުމަށް ފަހު، "ޑޮން 2" ގެނެސް ދިނީ 2011 ގަ އެވެ. މި ފިލްމަކީ އަމީތާބް ބައްޗަން އާއި ޒީނަތު އަމަން ހަމަ އެ ނަމުގައި 1978 ގައި ކުޅުނު ފިލްމަށް ބިނާކޮށް ގެނެސް ދޭން ފެށި ފްރެންޗައިޒެކެވެ.
"ޑޮން" އާއި "ޑޮން 2" ގއި ޝާހްރުކާ އެކު ބަތަލާގެ ރޯލް ކުޅުނީ ޕްރިޔަންކާ ޗޯޕްޅާ އެވެ. ނަމަވެސް ތިން ވަނަ ބައިން އޭނާ ފެނުމުގެ ފުރުސަތު ނެތް ކަމަށް ގިނަ މީޑިއާތަކުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy