ގުލްޒާރު: އޭނާއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ޅެންވެރިޔާ.
17 ޖެނުއަރީ 2019 - 06:26
ކުރިން ފިލްމުތައް ލިޔެ، ޑައިރެކްޓްކުރި ނަމަވެސް އަލުން އެނބުރި ޑައިރެކްޝަނަށް ދިއުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށާއި ހިންދީ ސިނަމާ އިން މިހާރު ވަރަށް ވެސް ހުނަރުވެރި ޑައިރެކްޓަރުން ފެންނާތީ އެކަމާ ވަރަށް އުފާވާ ކަމަށް އިންޑިއާގެ އެންމެ ވަރުގަދަ ޅެންވެރިންގެ ތެރޭގައި ވެސް ހިމެނޭ ގުލްޒާރު ބުނެފި އެވެ.
ކުރީގެ ބަތަލާ ރާކީގެ ފިރިމީހާ އަދި ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ ބައްޕަ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 1999 ގެ "ހޫ ތޫ ތޫ" އެވެ.
ގުލްޒާރު ޑައިރެކްޓްކޮށްފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި މޯސަމް (1975)، ހުޝްބޫ (1975)، އަންގޫރް (1982) އަދި އިޖާޒަތު (1987) ހިމެނެ އެވެ.
ޝިޕްލާ ރާނަޑޭ ޑައިރެކްޓް ކުރި އެނިމޭޓެޑް ފިލްމު "ގޫޕީ ގަވައްޔާ ބާގަ ބަޖައްޔާ" ގެ ޓްރެއިލާ ލޯމްޗް ކުރަން ބޭއްވި ހަފުލާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ގުލްޒާރު، 84، ބުނީ ޑައިރެކްޓަރު ވިޝާލް ބަރަދުވާޖާއި މެގްނާ އާއި ޝިލްޕާ ކަހަލަ ޑައިރެކްޓަރުން ބޮލީވުޑުން މިހާރު ފެނުމަކީ ކުރިމަގު އުޖާލާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ބޮލީވުޑްގައި މި ފަހަކަށް އައިސް ވަރަށް ތަފާތު ކޮންސެޕްޓަކަށް، ޒުވާން ޑައިރެކްޓަރުން ފިލްމު ހަދައި ކާމިޔާބީތައް ހޯދަމުން އައުމަކީ ވަރަށް ވެސް ހިތްހަމަޖެހޭ ކަމެއް ކަމަށް ބުންޏެވެ.
ގުލްޒާރާއި ދަރިފުޅު މެގްނާ.
"އެހެންވެ އަލުން އަހަރެން ކަހަލަ މީހުން އެނބުރި ޑައިރެކްޝަނަށް ދިއުމުގެ މާނައެއް މިހާރަކު ނެތް. އަދި އަހަރެންގެ ވިސްނުމުގައި ވެސް ނެތް އަލުން ފިލްމު ޑައިރެކްޓް ކުރާކަށް،" މިހާރު ފިލްމުތަކުގެ ލަވަކުގެ ޅެން ހަދައިދޭ ހުނަރުވެރިޔާ ބުންޏެވެ. "މިހާރު އެބަތިބި ވަރަށް ވެސް ހުނަރުވެރި ހިޔާލު ތަނަވަސް ލިޔުންތެރިންނާއި ޑައިރެކްޓަރުން."
ގުލްޒާރު ބުނި ގޮތުގައި މިހާތަނަށް ހެދި ކޮންމެ ފިލްމަކީ ވެސް އޭނާގެ ހިތާ ވަރަށް ގާތް ފިލްމުތަކެކެވެ. އަދި އެ ފިލްމުތަކަށް ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ބުންޏެވެ.
އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ދެމި ހުންނާނީ އަދަބިއްޔާޔަށް ހިދުމަތް ކުރުމުގެ އެވެ. އެގޮތުން އެކި ކަހަލަ ފޮތްތައް ލިޔާނެ ކަމަށް ބުންޏެވެ.
މިދިޔަ އަހަރު "ރާޒީ" ގެނެސް ގުލްޒާރުގެ ދަރިފުޅު މެގްނާ މިހާރު އަންނަނީ "ޗަޕާކް" ކިޔާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޓިން ބަޝީރު
17 January 2019
މީވަރަށް މޮޅު ލަވަހެދުން ތެރިއެއް. މީނަގެ ލަވަ "ޖޭއި ހޯ" އަށް އޮސްކާއެއްވެސް ލިބުނު. ދިވެހި ބައެއް ލަވަތައް އެއްހުންނަ ގޮތަކުން ބުނާނެ އެއްޗެއް ނޭގޭ. މިސާލަކަށް "އޭނަ މީނަ މީނަ އޭނަ ހިތްއެދޭ މަންޒިލެހޭ ހޯދަނީ މެހެފިލްހޭ އޭނަ މީނަ މީނަ އޭނަ" މިލަވަ. އަދި ވަރަށް ގިނަ ލަވަތަކުގެ އަކުރު ފުރިހަމަކޮށްފައި ހުންނަނީ އެބޮލަށް އުނދަގޫވާ "ދެން" އެތަން މިތަނަށް ފައްތައިގެން.