އާސްމާން ބައްޕަ އަދި ޑައިރެކްޓަރު ވިޝާލްއާ އެކު.
22 ޖެނުއަރީ 2019 - 07:34
އިންޑިއާގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޝާލް ބަރަދްވާޖްގެ ފިރިހެން ދަރިފުޅު އާސްމާން ބަރަދުވާންޖް ޑައިރެކްޝަނަށް ނުކުންނަން ނިންމައިފި އެވެ.
ނިއު ޔޯކް ފިލްމު އެކެޑެމީން ކިޔާފައިވާ އާސްމާނާ ބެހޭ ގޮތުން އޭނާގެ މަންމަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ރޭކާ ބަރަދްވާޖް ބުނީ ދަރިފުޅުގެ އަލަތު ފީޗާ ފިލްމު މެއި މަހުގެ ތެރޭގައި ލޯންޗް ކުރާނެ ކަމަށެވެ.
ރޭކާ ބުނި ގޮތުގައި އާސްމާން ވެސް ޝައުގުވެރިކަން ހުންނަނީ ވިޝާލް ގޮތަށް ތުރިލާ ޖޯންރާގެ ޑާކް ފިލްމުތަކަށެވެ. އޭނާ ވަނީ 2009 ގައި ވިޝާލް، ޝާހިދު ކަޕޫރާއި ޕްރިޔަންކާ ޗޯލްޅާއާ އެކު ގެނެސް ދިން "ކަމީނޭ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި ކުރު ފިލްމުތަކެއް ވެސް އާސްމާން ވަނީ ހަދައިފަ އެވެ.
އާސްމާންގެ ޝައުގު ހުރީ ޑައިރެކްޝަނަށް.
ރޭކާ ބުނީ ދަރިފުޅަކީ ބައްޕަ ގޮތަށް މިއުޒިކް ހަދައި، ލަވަ ވެސް ލިޔާ މީހެއް ކަމަށާއި އޭނާގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އަދި އޭނާ ކުރިއަށް ދާން ދެ މީހުން ވެސް ވަރަށް ހިތްވަރު ދޭ ކަމަށް ބުންޏެވެ.
"އޯމްކާރާ" އާއި ""މަގުބޫލް" އަދި "ހައިދަރު" ފަދަ ފިލްމުތައް ގެނެސް ދިން ވިޝާލް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ފްލޮޕް ބޯޑް އަޅުވަން ޖެހުނު "ޕަޓާހާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy