27 ޖެނުއަރީ 2019 - 07:18
ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން މިހާތަނަށް ވަރަށް ގިނަ ޕްރޮޑިއުސަރުންގެ ފަރާތުން ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި އެފަދަ ފިލްމެއް ހަދާ ނަމަ އޭގައި ބަތަލާގެ ރޯލް ކުޅެން ބޭނުން ވަނީ އާލިއާ ބަޓް ކަމަށް މަޝްހޫރު ބަތަލާ އަރޫނާ އިރާނީ ބުނެފި އެވެ.
އިންޑިއާގެ އެކި ބަހުރުވަތަކުން 300 އަށް ވުރެ ގިނަ ފިލްމާއި ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ 72 އަހަރުގެ ބަތަލާ ބުނި ގޮތުގައި އޭނާގެ ބައޮގްރަފިކަލް ޑްރާމާއެއް ބެލުންތެރިންނަށް ގެނެސްދިނުމުގެ ޝައުގުވެރިކަން އެބަ ހުއްޓެވެ.
"ވަރަށް ގިނަ ޕްރޮޑިއުސަރުން އެބަހުރި އަހަރެންގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ބޭނުންވެގެން ހުށަހަޅާފައި. މި ފަހަކަށް އައިސް ވަރަށް ގިނަ ބައޮޕިކްތައް ސްކްރީނަށް އެބައާދޭ. އެކަމަކު ގިނަ ފަހަރަށް އެ އެއްޗެހީގައި އެ މީހެއްގެ ކޮންމެވެސް އެއް ފަޅިއެއްގެ ވާހަކައަކަށް ބުރަވެފައި އޮންނަނީ،" ދާދި ފަހުން ސްޓާ ޕްލަސް އިން ދައްކަން ފެށި އައު ސިލްސިލާ "ދިލް ތޯ ހެޕީ ހޭ ޖީ" ގައި މާމައެއްގެ ރޯލް ކުޅޭ އަރޫނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އަމިއްލަ ބައޮޕިކެއް ހަދާ ނަމަ، އޭނާގެ ހަޔާތުގެ ހުރިހާ ވާހަކައެއް އޭގައި ކިޔައި ދޭނެ އެވެ. އަދި ބައޮގްރަފިކަލް ޑްރާމާއަކަށް ފުރިހަމަ އަށް އިންސާފުކޮށް ދެވޭނީ ހަޔާތުގެ ހުރިހާ ވާހަކައެއްގައި އޭގައި ކިޔައި ދައްކުވައި ދީގެން ކަމަށް ބުންޏެވެ.
"އޭރުން އެ ފިލްމެއް ފުރިހަމަ އެއްޗަކަށް ވާނީ. އަދި އަހަރެންގެ ރޯލް ކުޅުވަން ބޭނުން ވަނީ އާލިއާ ލައްވައި،" އަރޫނާ ބުންޏެވެ. "އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި އާލިއާ ވަރަށް ފިޓް އަހަރެންގެ ކެރެކްޓާ ކުޅެލަން."
އަރޫނާ ފާހަގަ ކުރެވެނީ ތަފާތު އެކި ކަހަލަ ރޯލްތައް ކުޅެން ކުޅަދާނަ ބަތަލާއެއްގެ ގޮތުގައި އެވެ. އެގޮތުން ވަރަށް ހަރުކަށި ރޯލްތަކާއި ހެއްވާ މަޖާ ރޯލްތަކާއި ހިތާމަވެރި ރޯލްތައް ކުޅެގެން ގިނަ ބައެއްގެ ލޯބި އޭނާ ހޯދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy