މުނިފޫހިފިލުވުން / ހޮލީވުޑް

ފުލުހުންނަށް ދޮގުހެދި ޖަސީ "އެމްޕަޔާ" އިން ވަކިކޮށްފި

ޖަސީ ސްމޮލެޓް: "އެމްޕަޔާ" އިން ވަނީ އޭނާ ވަކިކޮށްފައި.

24 ފެބުރުއަރީ 2019 - 07:01

ބަޔަކު ހަމަލާ ދިން ކަމަށް ބުނެ ފުލުހުންނަށް ދޮގު ބަޔާން ދިން މައްސަލާގައި، ފޮކްސްގެ މަޝްހޫރު ޓީވީ ސިލްސިލާ "އެމްޕަޔާ" ގައި ޖަމާލް ލިއޮންގެ ކެރެކްޓާ ކުޅެމުން ދިޔަ އެކްޓަރު/ލަވަކިޔުންތެރިޔާ ޖަސީ ސްމޮލެޓް ހައްޔަރުކުރުމުން އޭނާ ސިލްސިލާ އިން ވަކިކޮށްފި އެވެ.

ދެހާސް ފަނަރައިން ފެށިގެން ދައްކަމުން އަންނަ "އެމްޕަޔާ" ގެ ފަސް ވަނަ ސީޒަން އަދި ފަހުން ސީޒަނުން ޖަސީ ވަކި ކުރުމަށް ފަހު، އޭގެ ޕްރޮޑަކްޝަން ޓީމުން މިހާރު އަންނަނީ ޖަމާލްގެ ރޯލަށް އެހެން އެކްޓަރަކު ގެންނަން މަސައްކަތް ކުރަމުންނެވެ.

ޖަސީ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ މިދި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޝިކާގޯގައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލައި، ކަޅު މީހަކަށްވާތީ ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ކަރުގައި ވާ ފަށެއް އައްސައި ނޭވާ ހާސްކުރުމުގެ އިތުރަށް ގަޔަށް ކެމިކަލެއް އެޅި ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަން ފުލުހުންނަށް ރިޕޯޓް ކުރުމުން ތަހުގީގު ތެރޭގައި ފުލުހުން ވަނީ ހާދިސާ ހިނގި ކަމަށް ޖަސީ ބުނާ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭތްތައް ވެސް ބަލައިފަ އެވެ. އެކަމަކު ކެމެރާތަކަށް އެފަދަ ހާދިސާއެއްގެ މަންޒަރެއް ރިކޯޑް ކުރެވިފައެއް ނެތެވެ. ތަހުގީގުން ފުލުހުންނަށް ފަހުން އެނގުނު ގޮތުގައި ބަޔަކު ހަމަލާ ދިން ކަމަށް ބުނާ ހާދިސާއަކީ ޖަސީ އަމިއްލަ އަށް ރާވައިގެން ދެ މީހަކަށް 3،500 ޑޮލަރު ދީގެން ކުރުވި ކަމެކެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ އެފަދަ ކަމެއް އަމިއްލަ އަށް ކުރީ ކެރިއަރު ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހި، ލިބޭ އާމްދަނީ ވެސް ކުޑަވެގެން "ކެރިއަރު ބޫސްޓް ކުރަން ޖެއްސި ސްޓަންޓެއް" ގެ ގޮތުގަ އެވެ. މި ތުހުމަތުތައް އޭނާގެ މައްޗަށްކޮށް މިދިޔަ ބުރާސްފަތި ދުވަހު، ޖަސީ ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ ޕާސްޕޯޓް ވެސް ހިފަހެއްޓުމަށް ފަހު އެވެ.

"އެމްޕަޔާ" އިން ޖަސީ ވަކިކޮށްފައިވާ އިރު، އޭނާ ވަނީ އެ ސިލްސިލާގެ ޓީމުގެ ކިބައިން މައާފަށް އެދިފަ އެވެ. އެކަމަކު ޖަސީ ވަނީ ރާވައިގެން އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި އޭނާއަކީ މައުސޫމު މީހެއް ކަމަށް ބުނެފަ އެވެ.

ޖަސީ އަށް ހަމަލާ ދިން ކަމަށް ބުނާ ހާދިސާއަކީ އޭނާ އަމިއްލަ އަށް ރާވައިގެން ކުރުވި ކަމެއް ކަމަށް ފުލުހުންގެ ތަހުގީގަށް ފަޅާއެރުމުން، ޖަަސީގެ ދިފާއުގައި ކުރިން ވާހަކަ ދެއްކި ވަރަށް ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑު ކިޔައިފަ އެވެ. އަދި ޖަސީގެ އެ އަމަލަކީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި އެމެރިކާގައި ބޮޑުވެފައިވާ ނަސްލީ ތަފާތު ކުރުންތަކުގެ މައްސަލަތަކުން ނާޖާއީޒު ފައިދާތަކެއް ނަގަން އުޅުން ކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.

އުމުރުން 36 ގެ އަހަރު ޖަސީއަކީ ބައެއް ފިލްމުތަކުގައި ވެސް އެކްޓްކޮށްފައިވާ ފަންނާނެކެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2017 ގެ "މާޝަލް" އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454