08 މާޗް 2019 - 08:33
ދުނިޔޭގެ އެންމެ އުސް ފަރުދަބަ ކަމަށްވާ މައުންޓް އެވަރެސްޓަށް، އެއް ފައި ނެތި އެންމެ ފުރަތަމަ އެރި އަންހެނާގެ ގޮތުގައި މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު އިންޑިއާގެ އަރުނިމާ ސިންހާގެ ބައޮގްރަފިކަލް ޑްރާމާ އަށް އާލިއާ ބަޓް ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އާލިއާގެ މެންޓޯ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާއި ވިވެކް ރަންގަޗާރީގެ ދާރް މޯޝަން ޕިކްޗާޒް ގުޅިގެން ހަދާ ފިލްމަކީ އަނުރިމާއާ ބެހޭ ގޮތުން ލިޔެފައިވާ ފޮތް "ބޯން އެގެއިން އިން ދަ މައުންޓެއިން: އަ ސްޓޯރީ އޮފް ލޫޒިން އިވްރީތިން އެންޑް ފައިޑިން އިޓް ބެކް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ގައުމީ ފެންވަރުގައި ކުރިން ވޮލީ ވެސް ކުޅުނު މިހާރު އުމުރުން 30 އަހަރުގެ އަރުނިމާ މައުންޓް އެވަރެސްޓަށް އެރި އިރު އޭނާއަކީ 2011 ގައި ފޭރެން އުޅުނު ބަޔަކު ދުއްވަމުން ދިޔަ ރޭލަކުން ވައްޓައިލުމުން ފަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ވާތުފައި ބުރިކޮށް މަސްނޫއީ ފައެއްގެ އެހީގައި ދިރިއުޅޭ މީހެކެވެ. އޭނާ އެ ފައިގެ އެހީގައި އެވަރެސްޓްގެ ކުންނަށް އެރީ 2012 ގަ އެވެ.
އަރުނިމާއަކީ އިންޑިއާ ސަރުކާރުން ދޭ ޝަރަފުގެ އެވޯޑެއް ކަމަށްވާ ޕަދްމާ ޝްރީ ވެސް 2015 ގައި ލިބިފައިވާ މީހެކެވެ.
އަރުނިމާގެ ވާހަކަ ކިޔައިދޭ ފިލްމުން އާލިއާއާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ "މަސާން" އިން ވިދައިލި އެކްޓަރު ނީރަޖް ގަޔަވަން އެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓް ކުރާނީ ކާކު ކަމެއް އަދި ނޭނގެ އެވެ.
މިދިޔަ މަހު ރިލީޒް ކުރި "ގަލީ ބޯއި" އަށް ފަހު، އާލިއާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އެޕްރީލް 19 ގައި ރިލީޒް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" އެވެ. އަދި ޑިސެމްބަރު މަހު އޭނާގެ ފެންޓަސީ އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" ސިނަމާތަކަށް އަންނާނެ އެވެ.
އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޑައިރެކްޓް ކުރާ "ތަހުތު" އާއި ބައްޕަ މަހޭޝް ބަޓް ޑައިރެކްޓް ކުރާ "ސަޅަކް 2" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy