ރުޒޯ ދެބޭންގެ "ޗެރީ" ޓޮމް ހޮލަންޑަށް

މާވެލްގެ ސުޕަހީރޯ ބައިގަނޑާ އެކު ގެނެސްދޭ ރުޒޯ ދެބޭންގެ އެންމެ ފަހުގެ ފިލްމު "އެވެންޖާޒް: އެންޑްގޭމް" ގައި ސްޕައިޑަމޭންގެ ރޯލުން ފެނިގެންދާ ޓޮމް ހޮލަންޑް އެ ދެބޭންގެ އައު ފިލްމަކަށް ވެސް ސޮއިކޮށްފި އެވެ.


ޒުވާން އެކްޓަރު ސޮއިކޮށްފައި ވަނީ އެންތަނީ އާއި ޖޯއީ ރުޒޯ ޑައިރެކްޓް ކުރާ "ޗެރީ" އަށެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ "އެގްޒިޓް ވެސްޓް" ވާހަކަ ވެސް ރުސޯ ދެބޭންގެ ސްޓޫޑިއޯ އޭޖީބީއޯ އަށް އެޑަޕްޓްކޮށް ދިން ޖެސިކާ ގޮލްޑްބާގެލެވެ.

"ޗެރީ" އަކީ ހަމަ އެ ނަމުގައި ލިޔުންތެރިޔާ ނިކޯ ވޯކާ މިދިޔަ އަހަރު ގެނެސް ދިން ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގައި ކިޔައިދެނީ އިރާގު ހަނގުރާމައިގެ އަސްކަރީ މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، ފަހުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ބޭންކްތައް ފެޅުން ކަހަލަ ބޮޑެތި ވައްކަމުގައި ތާށިވި ކުރީގެ އަސްކަރީ އޮފިަސަރެއްގެ ވާހަކަ އެވެ.

"ޗެރީ" ގެ ރައިޓްސް ރުޒޯ ދެބޭން ހޯދީ މިދިޔަ އަހަރު އެވެ. އަދި ފިލްމުގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ ކުރިއަށް އޮތް ހޫނު މޫސުމުގަ އެވެ. މި ފިލްމުވެގެން ދާނީ މާވެލް ސްޓޫޑިއޯގެ ބޭރުން އެންތަނީ އާއީ ޖޯއީ ޑައިރެކްޓް ކުރާ އަލަތު ފިލްމަށެވެ.

"ޗެރީ" އަށް ޓޮމް ސޮއި ކުރި އިރު، "އެވެންޖާޒް: އެންޑްގޭމްސް" އަންނަ މަހުގެ 26 ގައި ސިނަމާތަކަށް އަންނާނެ އެވެ. ބާވީސް އަހަރުގެ އެކްޓަރު މި އަހަރު ފެންނާނެ ފިލްމުތަކުގެ ތެރޭގައި "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަދި "ކެއޯސް ވޯކިން" ހިމެނެ އެވެ.

"ޗެރީ" ސިނަމާތަކަށް ގެންނާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.