ސަވީ ސިކިއުރިޓީ ގާޑްގެ ޔުނިފޯމްގައި.
21 މާޗް 2019 - 07:05
ބޮލީވުޑްގެ އެކްޓަރަކަށް ފިލްމުތަކުން މާ ބޮޑު ފުރުސަތެއް ނުލިބި އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުން ބޮލީވުޑްގެ ބައެއް ފަންނާނުން އޭނާ އަށް ސާބަސް ދީފި އެވެ.
ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ "ބްލެކް ފްރައިޑޭ" އާއި "ގުލާލް" ފަދަ ފިލްމުތައް ކުޅެފައިވާ ސަވީ ސިދޫ ވަނީ އަކްޝޭ ކުމާރާ އެކު "ޕަޓިއާލާ ހައުސް" އަދި އިރްފާން ހާނާ އެކު "ޑީ-ޑޭ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
ފިލްމު ކޮމްޕޭނިއަންގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކަށް ދިން އިންޓަވިއުއްގައި ސަވީ ބުނީ އޭނާ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި ވަޒީފާ އަދާކުރަން ފެށީ މާލީ ހާލަތު ދަށްވެގެން އާމްދަނީ ހޯދަން ކަމަށެވެ. އަދި މި މަސައްކަތުގައި ދުވާލަކު 12 ގަޑިއިރު ހޭދަކުރަން ޖެހޭ ކަމަށާއި މީހެއްގެ ފައިބުޑަށް ނުވެއްޓި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.
އޭނާ މަސައްކަތް ކުރަނީ ގިނަ އަދަދެއްގެ އެޕާޓްމަންޓް އެކުލެވޭ ފްލެޓް އިމާރާތެއްގަ އެވެ.
It’s heartening to see the love this story of #chowkidar Savi Siddhu is getting! It captures the despair, desperation and sheer love for showbiz. Here’s #SaviSiddhu’s story on #FilmyConnection. More such stories on @FC_Hindi.
— Film Companion (@FilmCompanion) March 19, 2019
https://t.co/pOXtPfNXUH pic.twitter.com/ErdTw2Qeio
"އަހަރެން މި ވަޒީފާ އަށް ނުކުތީ ބަހުގައި ދަތުރެއްކޮށްލަން ޓިކެޓެއް ގަނެލާނެހާ ވެސް ވަރު ވެސް ނެތީމަ. އަތުގައި ފައިސާއެއް ނެތީމަ ފިލްމެއް ވެސް ބަލައިލަން ވެސް ނުދެވޭ،" ސާވީ ބުންޏެވެ.
One should be proud of him that he did not allow the vanity of the artist to destroy him , and he actually does a job . I have writers that I have worked with who are always borrowing money, I have seen filmmaker’s I have admired borrow money from me for a meal..
— Anurag Kashyap (@anuragkashyap72) March 19, 2019
އޭނާ ދައްކަމުން އަންނަ ހިތްވަރަށް ސާބަސް ދެމުން އަނޫރާގް ކުރި ޓްވީޓްތަކެއްގައި ބުނީ އޭނާގެ ތުން ފިލްމެއްގައި ސާވީ މޮޅު އެކްޓިންއެއް ދައްކާފައިވާ ކަމަށާއި އާމްދަނީ ހޯދަން އޭނާ އެކްޓް ކުރުން ނޫން އެހެން މަސައްކަތެއް ފެށުމަކީ ބަލައި ގަންނަން ޖެހޭ ކަމެއް ކަމަށެވެ.
Very inspired by ur story #SaviSidhu sir. Have always admired ur work in all ur films. Love ur positivity. Will def ask all my casting friends to reach out to u. Thank u @FilmCompanion for sharing his story. Perseverance is the key to overcoming obstacles. https://t.co/mITl3DsmzF
— Rajkummar Rao (@RajkummarRao) March 19, 2019
އަނޫރާގް ބުނި ގޮތުގައި އޭނާއަކީ ވެސް ޑައިރެކްޓަރަކަށްވުމުގެ ކުރިން ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އަދި މިހާރު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ނަވާޒުއްދީން ސިއްދީގީއަކީ ވެސް ކުރިން ވޮޗަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެއްކަން އަނޫރާގް ފާހަގަކުރި އެވެ.
އެކްޓަރު ރާޖްކުމާރު ރާއޯގެ ޓްވީޓެއްގައި ބުނީ ސަވީވެގެން ދާނީ އެތައް ބަޔަކަށް ނަމޫނާއަކަށް ކަމަށެވެ. އަދި އޭނާ ފިލްމުތަކަށް ކާސްޓުން ހޮވާ ރައްޓެހިންނާ ވާހަކަ ދައްކައިގެން ސަވީ އަށް ފުރުސަތުތައް ހޯދައި ދޭން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
ބޮލީވުޑްގެ ބައެއް ފަންނާނުންނަކީ ފިލްމު ކުޅެގެން މަޝްހޫރުކަން ލިބުނަސް ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި މަސައްކަތެއް ނުލިބި، މާލީ މައްސަލަތައް ކުރިމަތިވެ ދިރިއުޅުން ހަލާކުވާ މީހުންނެވެ. މިކަހަލަ ހާދިސާތަކުގައި ވަރަށް ހިތްދަތިކޮށް، އެއްވެސް ބައެއްގެ އަޅައިލުމެއް ނުލިބި ބައެއް ފަންނާނުން ދުނިޔެ ވެސް ދޫކޮށްފައިވެ އެވެ.
އަނެއްކޮޅުން ބޮލީވުޑަކީ ނުފޫޒުގަދަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި ތަރިންނާއި ފިލްމީ އާއިލާތަކުގެ މެދުގައި ބައިއަޅާ ގޮތަށް ހިނގާ އިންޑަސްޓްރީއެއް ކަމަށް ބުނެ އެއީ "ނެޕޮޓިޒަމް" ގެ ހާއްޔެއްގެ ގޮތުގައި ބައެއް ފަންނާނުން ސިފަ ވެސް ކުރެ އެވެ. އަދި މި ބަހުސަކީ މިހާރު ބޮލީވުޑްގައި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކަ ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
21 March 2019
ބޮލީވުޑު އެނަޏެއްނޫން އިގޭތޯ ދިވެހި ފިލްމު އިންޑަސްޓްރިގެވެސް ހާލު. އެހެންވީމަ ދިވެހި ފަންނާނުން އެހެން ވަޒީފާތައް އަދާކުރަމުން ފިލްމު ކުޅެނީ. ފުޓްބޯޅަ ކުޅުންތެރިން އެހެން ވަޒީފާ އަދާކުރަނީ. އެހެންނޫނަސް އެއްވެސް އަތޮޅުތެރޭ ބޭފުޅަކު މާލޭގަ އުޅެން ބޭނުންނަމަ ދެތިން ވަޒީފާ އަދާކުރަން ޖެހޭނެ. ބައްޕަ އޮފީސްގަޑި ނިންމާފަ ޓެކްސީ ދަތުރު ފަށާއިރު މަންމަ ކިއްލިހަދަނީ. ކޮއްކޮ ތަންގަނޑު ކުދިންނަށް ޓިއުޝަންދީ އެއްޗެއް ލިބޭތޯ ބަލަނީ. މީ ހަގީގަތަކީ.