މަނީ ލޯންޑްރިންގެ މައްސަލައެއްގައި އަމީޝާ ޕަޓޭލް ގޮވައިގެން ކޯޓަށް

ފިލްމު "ކަހޯ ނާ ޕިޔާރް ހޭ" ރިތިކް ރޯޝަނާ އެކު ބޮލީވުޑަށް ނުކުމެ މަޝްހޫރުކަން ހޯދި ނަމަވެސް ކުޅޭނެ ފިލްމެއް ނުލިބި، ގެއްލިފައިވާ ބަތަލާ އަމީޝާ ޕަޓޭލްގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތާއި ބައުންސް ޗެކްތަކެއް ދޫކުރި ކަމަށް ތުހުމަތުކޮށް ޕްރޮޑިއުސަރު އަޖޭ ކުމާރު ސިންގް ދައުވާކުރަން ކޯޓަށް ހުށަހަޅައިފި އެވެ.


އޭނާ ބުނި ގޮތުގައި އަމީޝާ އާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ކުނާލް ގޫމަރު ވަނީ "ދޭސީ މެޖިކް" ގެ ނަމުގައި ފިލްމެއް ހަދަން 2.5 ކްރޯޑްގެ ލޯނެއް ނަގައިފަ އެވެ.

ނަމަވެސް އެ ފިލްމުގެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައި މިހާތަނަށް، ރިލީޒް ކުރެވިފައި ނުވާ އިރު، ލޯނަށް އިންޓްރަސްޓާ އެކު ދައްކަން ޖެހޭ ފައިސާ އަނބުރާ ދައްކާފައި ނުވާ ކަމަށް އަޖޭ ބުންޏެވެ. އޭނާ ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން އެތައް ފަހަރަކު އަމީޝާ އަށް ނޯޓިސް ފޮނުވާފައިވާ އިރު، އޭނާ ދެ ފަހަރެއްގެ މަތިން ދޫކުރި ޗެކް ވެސް ވަނީ ބައުންސްވެފަ އެވެ.

މީގެ ހަ އަހަރު ކުރިން އިއުލާން ކުރި "ދޭސީ މެޖިކް" ގެ ފަސްޓްލުކް އަމީޝާ މިދިޔަ ޖެނުއަރީ މަހުގެ 19 ޗަނަ ދުވަހު ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ. އެކަމަކު އޭނާ ޑަބަލް ރޯލަކުން ފެނިގެންދާ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ. އަމީޝާގެ ފިލްމު ކުންފުނި އަމީޝާ ޕަޓޭލްސް ޕްރޮޑަކްޝަންސް (އޭޕީޕީ) އިން ޕްރޮޑިއުސް ކުރާ "ދޭސީ މެޖިކް" ގެ ޑައިރެކްޓަރަކީ މެހުލް އާތާ އެވެ.

އަޖޭ ބުނި ގޮތުގައި އަމީޝާ އަށް ލޯނެއްގެ ގޮތުގައި ފައިސާ ދިނީ ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކައި ގޮތަށެވެ. ނަމަވެސް އެއްބަސްވި ގޮތަށް އޭނާ އަމަލު ނުކޮށް، ފައިސާގެ މުއާމަލާތްތަކުގައި އޮޅުވާލުމާއި މަކަރު ހަދާކަން އެނގޭތީ ދައުވާ ކުރަން ނިންމީ ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފައިސާ އަނބުރާ ދައްކަން ތަކުރާރުކޮށް އަޖޭ، އަމީޝާ އަށް އަންގަން ފެށުމުން އޭނާ ވަނީ ނުފޫޒު ގަދަ ބައެއް މީހުންގެ އެހީގައި އަޖޭ އަށް ބިރު ވެސް ދައްކައިފަ އެވެ. އެހެންވެ އެކަން ވެސް ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅިގެން އަމީޝާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ދެހާސް ވަނަ އަހަރު ބޮލީވުޑަށް ނުކުތް އަދި މިހާރު އުމުރުން 42 އަހަރުގެ ބަތަލާގެ ފިލްމީ ކެރިއަރު ވަނީ ވަރަށް ކުރީކޮޅު އަޑިއަޅާލައިފަ އެވެ.

އޭނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ރިލީޒް ނުކުރެވި ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒް ކުރި ސަނީ ޑިއޯލްގެ "ބައްޔާޖީ ސުޕަހިޓް" އިންނެވެ. އަމީޝާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 2001 ގެ "ގަދަރު: އޭކް ޕްރޭމް ޙަތާ" އެވެ.