02 އެޕްރީލް 2019 - 06:39
މިހާތަނަށް ހަތް ފީޗާ ފިލްމު ޑައިރެކްޓްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޝަން ތަރި ސިލްވެސްޓަ ސްޓެލޯން ޑްރާމާ ސިލްސިލާއެއް ޑައިރެކްޓްކުރަން ނިންމައިފި އެވެ.
ޑެޑްލައިިނުން ބުނި ގޮތުގައި ސްޓެލޯންގެ ކުންފުނި ބަލްބޯއާ ޕްރޮޑަކްޝަނާއި ހިސްޓްރީ ޗެނެލް ގުޅިގެން ހަދާ މި ސިލްސިލާއަކީ "ދަ ޓެންޑަލޮއިން" ގެ ނަމުގައި ހަދާ ޕީރިއަޑް ޕޮލިސް ޑްރާމާއެކެވެ. ނަވާރަ ސަތޭކަ ވިހީގެ އަހަރުތަކުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ސިލްސިލާގައި ކިޔައި ދޭނީ ނިއު ޔޯކް ފުލުސް އޮފިސަރެއް ކަމަށްވާ ޗާލްސް ބެކާ، އެ ސިޓީގެ ގޭންގްތަކެއް ސައިޒް ކުރަން ކުރާ މަސައްކަތެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހަދާ "ދަ ޓެންޑަލޮއިން" ސްކްރީންޕްލޭ ލިޔަނީ މީގެ ކުރިން ވެސް ފުލުހުންނާއި ގޭންގްތަކަށް ބިނާކޮށް "ދަ ޝީލްޑް" އާއި "ދަ ސަންސް އޮފް އެނާކީ" ފަދަ ސިލްސިލާތައް ލިޔެފައިވާ ސްޓެފެން ކޭ އެވެ.
ސްޓެލޯން ޑައިރެކްޓް ކުރާ ސިލްސިލާގައި ހިމެނޭނީ ކިތައް އެޕިސޯޑް ކަމާއި މީގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ރޮކީ" ފްރެންޗައިޒްގެ އިތުރުން "ދި އެކްސްޕެންޑަބަލްސް" ވެސް ޑައިރެކްޓްކޮށްފައިވާ ސްޓެލޯންގެ ދެ ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ، އެއީ "އެސްކޭޕް ޕްލޭން" ގެ ތިން ވަނަ ބައި "ދި އެކްސްޓްރެކްޓާޒް" އާއި "ރާމްބޯ" ސީރީޒްގެ ފަސް ވަނަ ފިލްމު "ލާސްޓް ބުލަޑް" އެވެ.
ސްޓެލޯން، 72، ގެ ތިން ފިލްމެއް މިދިޔަ އަހަރު ރިލީޒް ކުރި އެވެ. އެއީ "އެސްކޭޕް ޕްލޭން 2: ހޭޑްސް" އާއި "ކްރީޑް 2" ގެ އިތުރުން "ބެކްޓްރޭސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy